ENGLISH
25 އޮކްޓޯބަރު 2025
ރާއްޖޭގެ ފުޓުބޯޅަ ތަރައްގީކުރުމުގައި ފީފާއިން ދެމުންދާ އެހީތެރިކަމަށް ރައީސްގެ ޝުކުރު
25 އޮކްޓޯބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަދި ފީފާގެ ރައީސް އިންފަންޓީނޯ، ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ ފުޓުބޯޅަ ތަރައްގީކުރުމުގައި ދުނިޔޭގެ ފުޓުބޯޅަަ ފެޑަރޭޝަން ފީފާއިން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ ޖަމްއިއްޔާއަށް ޝުކުރު އަދާކުރައްވައިފިއެވެ.
ރައީސް ޝުކުރު އަދާކުރެއްވީ ފީފާގެ ރައީސްގެ ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ޒިޔާރަތާ ގުޅިގެން އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައެވެ. އިންފަންޓީނޯގެ ޒިޔާރަތުގައި އޭނާވަނީ ރައީސްއާ ބައްދަލުކުރައްވައި ރާއްޖޭގެ ފުޓުބޯޅަ ތަރައްގީކުރުމާމެދު މަޝްވަރާކުރައްވާފައެވެ.
އޭގެ އިތުރަށް އިއްޔެ ހަވީރު ގައުމީ ފުޓުބޯޅަ ސްޓޭޑިއަމުގައި ބޭއްވި މެޗެއްގައި ރައީސްވަނީ އިންފަންޓީނޯއާއެކު ފުޓުބޯޅަ މެޗެއް ކުޅުއްވާފައެވެ. އޭގެ އިތުރަށް ރާއްޖޭގެ ފުޓުބޯޅަަ އެކަޑެމީތަކުގެ ކުޅުންތެރިން ބައިވެރިވި މެޗެއްވެސް އިއްޔެ ކުރިއަށްގެންގޮސްފައިވެއެވެ.
މިއަދު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖޭގައި އިންފަންޓީނޯއަށް މެހެމާންދާރީ އަދާކުރެއްވުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށެވެ. އަދި ފީފާއިން ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރަށް އެމަނިކުފާނު ވިދާާޅުވީ ރާއްޖޭގައި ފުޓުބޯޅައަށް ލޯތްބާއި ޖޯޝު އިތުރުކުރެވޭނެ ގޮތްތަކާމެދު އިންފަންޓީނޯއާއެކު މަޝްވަރާކުރެއްވި ކަމަށެވެ.
އިންފަންޓީނޯގެ ދަތުރުފުޅަކީ މީގެ 19 އަހަރު ކުރިން ސުނާމީގައި ގެއްލުން ލިބުނު ގައުމުތަކަށް ފީފާގެ އެއިރުގެ ރައީސް ސެޕް ބްލެޓާ ކުރެއްވި ޒިޔާރަތުގައި ރާއްޖެއަށް ވަޑައިގެންނެވި ފަހުން ފީފާގެ ރައީސަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ޒިޔާރަތެވެ.
މި ޒިޔާރަތުގައި އިންފަންޓީނޯ ރާއްޖޭގެ ފުޓުބޯޅަ ކްލަބުތަކުގެ އިސްވެރިންނާއި ފުޓުބޯޅަ އެސޯސިއޭޝަނުގެ ވެރިންނާ ބައްދަލުކުރައްވައި ރާއްޖޭގެ ފުޓުބޯޅައިގެ މުސަަތަގުބަލާމެދު މަޝްވަރާކުރައްވާނެއެވެ.