ENGLISH
25 އޮކްޓޯބަރު 2025
އޭޝިއަން ޔޫތު ގޭމްސް 2025: އަޒްކާއާއި ދީމާގެ ޕެއާއިން ކުއާޓާ އަށް ދަތުރުކޮށް، ތާރީޚީ ކާމިޔާބީއެއް
24 އޮކްޓޯބަރު 2025
|
މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ދީމާ އާއި އަޒްކާގެ ޕެއާ އުފާ ފާޅުކުރަނީ. ފޮޓޯ: އެމްއޯސީ
ބަހްރެއިންގެ މަނާމާގައި ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސް 2025 ގެ އަންހެން ބީޗް ވޮލީބޯޅަ އިވެންޓުގައި ރާއްޖޭގެ އައިޝަތު ދީމާ ނަދީމާއި އަޒްކާ ބިންތު މުޙައްމަދު ސިދުގީގެ ޕެއަރއިން ކުއާޓާ ފައިނަލްގެ ޖާގަ ޔަގީންކޮށް، ތާރީޚީ ކާމިޔާބީއެއް ހާސިލްކޮށްފިއެވެ.
މިއީ އޭޝިއާ ފެންވަރުގެ މުބާރާތެއްގައި ރާއްޖޭގެ ބީޗް ވޮލީ ބޯޅައިން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. މީގެ ކުރިން ބީޗް ވޮލީގެ އެއްވެސް ޓީމަކުން އޭޝިއާ މުބާރާތެއްގެ ކުއާޓާގައި ވާދަކޮށްފައެއް ނުވެއެވެ.
ރާއްޖޭގެ ޕެއާއިން ކުއާޓާ ޔަގީންކުރީ އަންހެން ބީޗް ވޮލީ އިވެންޓްގެ ގްރޫޕް ބީގެ 3 ވަނަ ހޯދައިގެންނެވެ. މިގްރޫޕްގައި ދީމާ އާއި އަޒްކާ ކުޅުނު 5 މެޗުގެ ތެރެއިން 2 މެޗު ވަނީ ކާމިޔާބުކޮށްފައެވެ. އެ ޕެއާއިން 7 ޕޮއިންޓް ހޯދި އިރު ގްރޫޕްގެ 4 ވަނައަށް ދިޔަ މޮންގޯލިއާ އާއި 5 ވަނައަށް ދިޔަ ޖޯޑަންއަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ. އެހެންނަމަވެސް ރާއްޖެ އެދެޓީމަށްވުރެ ކުރިއަށް ޖެހިލީ މެޗުތަކުގައި ހޯދި ސެޓުތަކާއި ކާމިޔާބުކުރި ޕޮއިންޓަށް ބަލައިގެންނެވެ.
ދީމާއާއި އަޒްކާގެ ޕެއާއިން މިރޭ ގްރޫޕްގެ ފަހު މެޗުގައި ގްރޫޕްގެ އެއްވަނަ ހޯދި ތައިލޭންޑް ކައިރީގައިވެސް ވަނީ ރަނގަޅު ކުޅުމެއްދައްކައި، ގިނަ ޕޮއިންޓްތަކެއް ސްކޯކޮށްފައެވެ.
މިމެޗުގެ ފުރަތަމަ ސެޓު ތައިލޭންޑުން ކާމިޔާބުކުރީ 21-7 އިންނެވެ. އެހެންނަމަވެސް ދެވަނަ ސެޓުގައި ދިވެހި ޓީމުން 11 ޕޮއިންޓް ހޯދުމަކީ ގްރޫޕްގައި ކުރިއަށް ޖެހިލުމަށް ލިބުނު ބާރެކެވެ. ދެވަނަ ސެޓުން ތައިލެންޑް ކުރިހޯދީ 21-11 އިންނެވެ.
ގްރޫޕް ބީގައި އެއްވަނަ ތައިލެންޑް ހޯދި އިރު، ދެވަނަ ހޯދީ އިންޑޮނޭޝިއާއެވެ. ގްރޫޕްގެ އެންމެ ފުލުގައި އޮތީ ބަހްރެއިނެވެ.
މުބާރާތުގެ ކުއާޓަރ ފައިނަލް މެޗުގައި ދީމާ އާއި އަޒްކާގެ ޕެއާ ބައްދަލުކުރަން ޖެހޭނީ ގްރޫޕް އޭގެ ދެވަނަ ހޯދި ކަޒަކިސްތާން ޓީމާއެވެ. ކުއާޓާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.