ENGLISH
23 އޮކްޓޯބަރު 2025
އިންފަންޓީނޯގެ ޝަރަފުގައި ހާއްސަ ފުޓްބޯޅަ މެޗެއް، ރައީސް ޑރ. މުޢިއްޒު ބައިވެރިވަޑައިގަންނަވާނެ
23 އޮކްޓޯބަރު 2025
|
ފީފާގެ ރައީސް، އިންފަންޓީނޯ. ފޮޓޯ: ނިއުޔޯކް ޓައިމްސް
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މާދަމާ ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު އާ ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.
އެފްއޭއެމުން ބުނީ، ފީފާގެ ރައީސް، އިންފަންޓީނޯގެ މި ދަތުރުފުޅުގެ ޝެޑިއުލްގައި އޮތް އެންމެ މުހިއްމު ކަމަކީ، ރައީސް ޑރ. މުޢިއްޒު އާއެކު ބާއްވަވާ ބައްދަލުވުން ކަމަށާއި، އެގޮތުން މި ބައްދަލުވުމުގައި ރާއްޖޭގެ ފުޓްބޯޅައިގެ ތަރައްޤީއާ ގުޅޭ މުހިއްމު ދާއިރާތަކުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ފީފާގެ ރައީސްގެ ޝަރަފުގައި ބާއްވާ ހާއްސަ ފުޓްބޯޅަ މެޗެއް ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެފްއޭއެމުން ވަނީ ބުނެފައެވެ.
މި ފުޓްބޯޅަ މެޗުގައި ރާއްޖޭގެ އެކަޑެމީތަކާއި ޒުވާން ޓީމުތަކުގެ ކުޅުންތެރިންގެ ފުޓުބޯޅައިގެ ހުނަރުތައް ދައްކާލާނެ ކަމަށާއި، ފުޓުބޯޅައަށް ރާއްޖޭގެ ހަގު އުމުރުފުރާގެ ކުދިންގެ މެދުގައި އޮންނަ ޝައުގުވެރިކަން އެ މެޗުން ފެނިގެންދާނެ ކަމަށްވެސް އެފްއޭއެމްއިން ބުނެއެވެ.
ފީފާގެ ރައީސް، އިންފަންޓީނޯ އެއްދުވަހަށް ރާއްޖެއަށް ކުރައްވާ މި ޒިޔާރަތަކީ ރާއްޖޭގެ ފުޓްބޯޅަ ދިރުވައި، ކުރިންއޮތް ފޯރި އަލުން ގެނައުމަށް އެފްއޭއެމުން ކުރަމުން އަންނަ މަސައްކަތަށް ހިތްވަރު ދެއްވުމަށް ކުރައްވާ ޒިޔާރަތެކެވެ.
އެފްއޭއެމުން ވަނީ، ރާއްޖޭގެ ފުޓްބޯޅަ އާއިލާގެ މެމްބަރުންނާއި، ފުޓްބޯޅަ އަށް ލޯބިކުރާ މީހުންނާއި، ހެޔޮއެދޭ ފަރާތްތަކަށް މި ހަރަކާތުގައި ބައިވެރިވުމަށް ދަނޑަށް އައުމަށް ދައުވަތު ދީފަ އެވެ.
ދާދިފަހުން އެފްއޭއެމްގެ ރައީސް ޠާރިޤު ވަނީ، ފީފާގެ ދަޢުވަތަކަށް އެ އިދާރާގެ ހެޑްކުއާޓާޒްގައި ކުރިއަށްގެންދެވި ބައްދަލުވުމަކަށް ވަޑައިގެން ރައީސް އިންފަންޓީނޯއާ ބައްދަލުކުރައްވާފައެވެ.
އެ ބައްދަލުވުމަށްފަހު ފީފާގެ ރައީސް އިންފަންޓީނޯ ވަނީ، އެފްއޭއެމްގެ ރައީސްގެ މަޤާމަށް ޠާރިޤު ވަޑައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތައުރީފުކުރައްވާފައެވެ. އެގޮތުން، ކުރީގެ ކުޅުންތެރިއެއްގެ ހައިސިއްޔަތުން، އެފްއޭއެމްގެ ރައީސް ޠާރިޤު، އެ މަޤާމަށް ގެންނަވަނީ ތަޖުރިބާ އާއި ފުރިހަމަ ވިސްނުމެއް ކަމަށާއި، މިދިޔަ ޖުލައި މަހުގައި އިންތިހާބުވި ފަހުން މިއަދާ ހަމައަށް ކަންކަން ހާސިލްކުރުމަށް ކެނޑިނޭޅި ބުރަ މަސައްކަތްތަކެއް ކުރައްވަމުންގެންދާ ކަމަށް އިންފަންޓީނޯ ވަނީ ވިދާޅުވެފައެވެ.
މިއީ ފީފާގެ ރައީސަކު ރާއްޖެ ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. މީގެކުރީން، 2006 ވަނަ އަހަރު އޭރު ފީފާގެ ރައީސް، ސެޕް ބްލެޓާ ވަނީ، ސުނާމީގައި ގެއްލުން ލިބުނު ޤައުމުތަކަށް ކުރެއްވި ދަތުރެއްގައި ރާއްޖެ އަށް ޒިޔާރަތެއް ކުރައްވާފައެވެ.