ENGLISH

20 އޮކްޓޯބަރު 2025

Advertisement

ދާރުލްއާސާރު ތަރައްޤީކުރުމުގައި އެއްވެސް ތަރިކައެއް ނައްތާލައިފައެއް ނުވާނެ: ވަޒީރު

20 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރު އާދަމް ނަޞީރު ވާހަކަދައްކަވަނީ. ފޮޓޯ: ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ

ޤައުމީ ދާރުލްއާސާރު ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރޭގައި އެއްވެސް ތަރިކައެއް ނައްތާލާފައި ނުވާކަމުގެ ޔަގީންކަން ކަށަވަރުކުރެވިފައިވާ ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ސަމީރުގެ ސުވާލުގައި، ދާރުލްއާސާރުގެ އެތެރެ އިތުރަށް ރަނގަޅުކުރަން މަސައްކަތް ފެށިއިރު، ދާރުލްއާސާރުގައި ހުރި އާސާރީ ތަކެތީގެ ތެރެއިން އެއްޗެއް ނައްތާލާފައިނުވާކަން ޔަގީންކުރެއްވިންތޯ ކަމަށް އެއްސެވިއެވެ. 

ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ، މި ސަރުކާރުން ކުރަމުން މިދާ ޤައުމީ ދާރުލްއާސާރު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތަކީ ދާރުލްއާސާރު ހުރި އިމާރާތުގެ އެތެރެއާއި އިމާރާތުގެ ބޭރު ސަރަޙައްދާ ގުޅިފައިވާ މަސައްކަތްތަކެއް ކަމަށެވެ. އެގޮތުން، އާސާރުގެ ގޮތުގައި ހިމެނޭ އެތައް އެއްޗެއް ދާރުލްއާސާރު ހުންނަ އިމާރާތުގެ ބޭރުގައި ވެސް އާސާރުގެ ގޮތުގައި ދައްކަން ބެހެއްޓިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ސަރަޙައްދާއި ޤައުމީ ދާރުލްއާސާރު ހުންނަ އިމާރާތަށް އިތުރު ތަރައްޤީ ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ތެރޭގައި، ކުރިން އެތަނުގައި ހުރި އެތައް ބައިވަރު ކުންޏެއް ވަނީ ނަގައި އުކާލާފައެވެ.  

ވަޒީރު އާދަމް ނަޞީރު ވިދާޅުވީ ކުނި ކަމަށް ކަނޑައަޅަން ޖެހޭ ތަކެތި އެއީ ނައްތާލަންޖެހޭ ކުނި ކަމަށް ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރު: 3/2006 (ދައުލަތުގެ މާލިއްޔަތު ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދާއި ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް މުދާ، ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ އުޞޫލާއި އެއްގޮތްވާގޮތުގެ މަތިން ކަމަށެވެ.

އަދި ނައްތާލަންޖެހޭ ތަކެތި ނައްތާލާފައިވަނީ ވެސް މި ދެންނެވުނު ޤާނޫނާއި ގަވާއިދާއި އުސޫލާ އެއްގޮތްވާގޮތުގެ މަތީން ކަމުގައި ވަޒީރު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ދާރުލްއާސާރުގެ އެތެރެއިން އުކާލެވުނު ކުނި ހުރީ އާސާރީ ތަކެތި ހުންނަ ބަޔަކު ނޫންކަމަށާއި، ދާރުލްއާސާރު ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރޭގައި ދާރުލްއާސާރުގައިވާ އެއްވެސް ތަރިކައެއް ނައްތާލާފައި ނުވާކަމުގެ ޔަގީންކަން ކަށަވަރުކުރެވިފައިވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު