ENGLISH

20 އޮކްޓޯބަރު 2025

Advertisement

ހިތަދޫ - ކުނަހަންދޫ ކޯޒްވޭގެ ޢަމަލީ މަސައްކަތް ފަށައި، ހިތަދޫއަށް އިތުރު މަޝްރޫޢުތަކެއް

20 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

ހިތަދޫ - ކުނަހަންދޫ ކޯޒްވޭގެ ޢަމަލީ މަސައްކަތް ފެށުން. ފޮޓޯ: ރައީސް އޮފީސް

ލ. ހިތަދޫ - ކުނަހަންދޫ ކޯޒްވޭގެ ޢަމަލީ މަސައްކަތް ފަށައި، ހިތަދޫގައި ގިނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. 

ކޯޒްވޭގެ ޢަމަލީ މަސައްކަތާއި އިތުރު މަޝްރޫޢުތަކުގެ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިތަދޫއަށް މިިއަދު ކުރެއްވި ދަތުރުފުޅުގައެވެ. 

ހިތަދޫ - ކުނަހަންދޫ ކޯޒްވޭއަކީ ލ. އަތޮޅާއި އަދި ޚާއްޞަކޮށް އެ ދެރަށުގެ ރައްޔިތުންގެ ޒަމާންވީ އުއްމީދެކެވެ. މިދިޔަ ސަރުކާރުތަކުން އެ މަސައްކަތް ކުރުމަށް އެކި ތާރީޚުތައް ދިން ނަމަވެސް މިހާތަނަށް ޢަމަލީ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. ޚާއްޞަކޮށް މިދިޔަ އެމްޑީޕީގެ ވެރިކަމުގައި އެ މަޝްރޫޢަށް ކުރިއެރުމެއް ނުލިބުމުން، 2023 ވަނަ އަހަރު ކުނަހަންދޫއަށް ދިޔަ ސާވޭ ޓީމު ވެސް ރައްޔިތުންވެގެން އެރަށުން ބޭލިއެވެ. 

ކޯޒްވޭގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ހިތަދޫ - ކުނަހަންދޫ ކޯޒްވޭގެ މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ. ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސަޢުދީ ބައިވެރިވެވަޑައިގަތެވެ. 

ހިތަދޫގައި މިއަދު ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމް ޚިދުމަތް ފަށައި، އެރަށުގައި ބީއެމްއެލް ބްރާންޗެއް އިމާރާތްކުރުމަށް ބިންގާ ވެސް އަޅައިފައެވެ. 

އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އެރަށުގައި އިމާރާތްކުރާ ބީއެމްއެލް ބްރާންޗުގެ ބިންގާ އަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. ދެ ރަސްމިއްޔާތުގައި ވެސް ބީއެމްއެލްގެ ޗެއަރމަންއާއި މެނޭޖިން ޑިރެކްޓަރު ބައިވެރިވެވަޑައިގަތެވެ. 

ސަރުކާރުން މުޅި ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް، ހިތަދޫގައި އަޅާ ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު ވަނީ އަޅައިފައެވެ. ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާންއެވެ. އެރަށުގައި ފުލުހުންގެ މަރުކަޒު އިމާރާތްކުރާނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިންނެވެ. ރަސްމިއްޔާތުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ ބައިވެރިވަޑައިގެންނެވިއެވެ. 

ހިތަދޫގައި މިއަދު ވަނީ ހިތަދޫގެ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ ބިންގާ ވެސް އަޅައިފައެވެ. ފަހުގެ ވަޞީލަތްތަކާއެކު ތަރައްޤީކުރާ އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޞިއްޙަތާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ. ހިތަދޫގައި ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް އަޅަނީ ވެމްކޯއިންނެވެ. ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ރަސްމިއްޔާތުގައި ބައިވެރިވަޑައިގަތެވެ. 

ހިތަދޫގައި އަލަށް އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ (އެފްއާރުސީ) އާއި އެރަށުގައި ތަރައްޤީކުރާ ވޮލީ ކޯޓުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެފްއާރުސީގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރާއިރު ވޮލީ ކޯޓު ތަރައްޤީކުރާނީ އެމްޓީސީސީންނެވެ. 

ރައީސުލްޖުމްހޫރިއްޔާ ހިތަދޫއަށް ކުރެއްވި ދަތުރުފުޅުގައި ހިތަދޫއަށް ބޭނުންވާ އިތުރު މަޝްރޫޢުތައް ކުރިއަށްގެންދިއުމުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ. އެގޮތުން އެރަށުގައި ކުރިއަށް ގެންދަން ސޮއިކުރި އެއްބަސްވުންތަކަކީ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމާއި، މަގު ހެދުމުގެ މަޝްރޫޢުގެ އިތުރުން އައިސް ޕްލާންޓް ޤާއިމުކުރުމެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި މަޝްރޫޢުތައް ފެއްޓެވުން ޝަރަފްވެރިކޮށްދެއްވުމުގެ އިތުރުން، ހިތަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު