ENGLISH
20 އޮކްޓޯބަރު 2025
ހަތަރު ސިޓީއާ ވިލިނގިލީގައި ވަޤުފު މަޝްރޫޢުތަކެއް ފައްޓަވަން ރައީސް ނިންމަވައިފި
20 އޮކްޓޯބަރު 2025
|
ވަޤުފު ބިނާތައް ހުންނާނެ ގޮތުގެ ކުރެހުމެއް --
އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީގެ އިތުރުން ގއ. ވިލިނގިލީގައި ވަޤުފު މަޝްރޫޢުތަކެއް ފައްޓަވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.
އެކަން ހާމަކުރައްވާ އިސްލާމީ ކަންތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވީ އިސްލާމީ ޚިދުމަތަށް ބޭނުންވާ ފުރިހަމަ މާލީ ނިޒާމެއް ޤާއިމުކުރުމަށްޓަކައި، އިސްލާމީ ޙަޟާރަތުގައި މުހިންމު ދައުރެއް އަދާކުރި އިސްލާމީ ވަޤުފުގެ ނިޒާމް ފުޅާކުރުމަށް ރައީސް ޑރ މުއިއްޒު އިއުލާންކުރައްވާފައިވާ ސިޔާސަތުގެ ދަށުން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީގެ އިތުރުން ގއ. ވިލިނގިލީގައި ވަޤުފު މަޝްރޫޢުތަކެއް ފައްޓަވަން ރައީސް ވަނީ ނިންމަވައިފައިވާ ކަމަށެވެ.
މިގޮތުން އައްޑޫ ސިޓީގައި 23 މިލިއަން، ފުވައްމުލައް ސިޓީގައި 15 މިލިއަން، ކުޅުދުއްފުށި ސިޓީގައި 10 މިލިއަން، ތިނަދޫ ސިޓީގައި 10 މިލިއަން، އަދި ވިލިނގިލީގައި 10 މިލިއަން ރުފިޔާ ވަޤުފު އުފައްދަން އިންވެސްޓް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަދި މި ޕްރޮޕަޓީތަކުން ލިބޭ ނަފާ ޚަރަދު ކުރެވިގެންދާނީ އެ ސިޓީތަކުގެ އިސްލާމީ ކަންކަމަށް ކަމަށް ވަޒީރު ވިދާޅުވި އެވެ.
"..އެއީ މިސްކިތަކާއި ޤުރުއާނުގެ އިލްމު ފެތުރުމަށް. މާލެ ސަރަހައްދުގައި ދެ މަޝްރޫޢެއް ކުރިއަށް ގެންދެވޭނެ. އޭގެ ނަފާ މުޅި ރާއްޖެއަށް ބެހިގެންދާނެ. މި ހުރިހައި މަޝްރޫޢެއްގެ އަމަލީ މަސައްކަތް ލަސްވެގެން ޖަނަވަރީ މަހުގައި އިންޝާ ﷲ ފެށިގެންދާނެ," ވަޒީރު ވިދާޅުވި އެވެ.