ENGLISH

20 އޮކްޓޯބަރު 2025

Advertisement

ފަތުރުވެރިކަމަކީ ޝާމިލުވުމާއި، އެކުވެރިކަން އާލާކޮށް، އަމަންއަމާންކަމަށް މަގުފަހިކޮށްދޭ ބާރެއްގެ ގޮތުގައި ބެލުމަށް ރައީސް ވަހީދު ގޮވާލައްވައިފި

20 އޮކްޓޯބަރު 2025

|

ހަސަން އާމިރު

ފަތުރުވެރިކަމަކީ ހަމައެކަނި ޒިޔާރަތްކުރާ މީހުންގެ އަދަދު ނުވަތަ އާމްދަނީގެ މިންގަނޑެއްގެ ގޮތުގައި ނުބަލައި، އެއީ ޝާމިލުވުމާއި، އެކުވެރިކަން އާލާކޮށް، އަމަންއަމާންކަމަށް މަގުފަހިކޮށްދޭ ބާރެއްގެ ގޮތުގައި ދުށުމަށް ދުނިޔޭގެ ލީޑަރުންނަށް ހިތްވަރުދެއްވައި، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އަދި ކުރީގެ ރައީސް، ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން، ގްލޯބަލް ޓުއަރިޒަމް ފޯރަމް އެނުއަލް މީޓިންގ 2025 ގައި ވާހަކަފުޅުދައްކަވައިފިއެވެ.

ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި، "ރީޑިފައިނިންގ ޓުއަރިޒަމް އިން އަ ޗޭންޖިންގ ވަރލްޑް"، މި ޝިޢާރުގެ ދަށުން މިހާރު ކުރިއަށްދާ، ގްލޯބަލް ޓުއަރިޒަމް ފޯރަމް އެނުއަލް މީޓިންގ 2025 ގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ، ފަތުރުވެރިކަމަކީ ހަމައެކަނި ތަފާސްހިސާބުތަކާއި މާލީ ފައިދާއަށް އަމާޒުވެފައި އޮތް ސިނާޢަތަކަށްވުމުގެ ބަދަލުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޞުލްޙަ މަސަލަސްކަން ޤާއިމުކުރުމަށް ބޭނުންތެރި ބާރަކަށް ވާންޖެހޭކަމުގައި ވިދާޅުވެފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ފަތުރުވެރިކަން ސިފަކުރައްވާފައިވަނީ، ބައިބައިވެފައިވާ މި ދުނިޔޭގައި އިންސާނިއްޔަތު އެއްބައިވަންތަކުރާ އެންމެ މުހިންމު އެއް ބާރުގެ ގޮތުގައެވެ.

ކަނޑުގެ ސަރަހައްދު ބޮޑު ޤައުމެއްގެ ހައިސިއްޔަތުން، ތިމާވެށި ރައްކާތެރިކުރުމާއި ތަރައްޤީ އެއްހަމަކުރުމަށް ކުރަމުންދާ މަސައްކަތުގެ މައްޗަށް ވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ރާއްޖޭގައި ހިންގާ ރިސޯޓްތަކުން، މުރަކަ އާލާކުރުމާއި، އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުމާއި، ކުނި މަދުކުރުމުގައި ފަތުރުވެރިން ބައިވެރިކޮށްގެން ނަމޫނާ ދައްކަމުން އަންނަކަން ފާހަގަކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ހަމައެކަނި އަރާމާއި ހިތްހަމަޖެހުމުގައި ދުވަސްތަކެއް ހޭދަކޮށްލުމުގެ އިތުރުން، މާނަވީ ގޮތެއްގައި އެ ދުވަސްތައް ހޭދަކުރުމުގެ މަޤްޞަދުގައިކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދެހާސް އަށާވީސް ވަނަ އަހަރު އަންނަ އިރު ދިވެހިރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތަ އަކީ އިޢާދަކުރަނިވި ވަސީލަތްތަކުން އުފައްދާ ހަކަތަކަމުގައި ހެދުމަށް ސަރުކާރުން ގެންގުޅުއްވާ އަޒުމަށް އިޝާރާތްކުރައްވާ ވާހަކަފުޅުދައްކަވަމުން ޑޮކްޓަރ ވަޙީދު ވަނީ، މޫސުމީ ބަދަލުތަކަށް ވިލުންތެރި ޤައުމަކަށްވުމަކީ، ރާއްޖެއިން އަހުމިއްޔަތުކަން ދޭ ކަމެއްކަން ބަޔާންކުރައްވާފައެވެ.

އަދި، ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި، އީޖާދުކުރުމާއި ޝާމިލުކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އިންސާނީ، ޘަޤާފީ، އިޖުތިމާޢީ އަދި ތިމާވެށީގެ ރައުސްމާލަށް ވުނަކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. ހަމަމިއާއެކު، ފަތުރުވެރިކަން އަލުން ބައްޓަންވެގެން އަންނައިރު، ހަމައެކަނި މާލީ ފައިދާއަށް އިސްކަންދިނުމުގެ ބަދަލުގައި، ތިމާވެށި އާރޯކުރުމަށާއި، ޘަޤާފަތަށް އިޙްތިރާމްކުރުމާއި، މުޖުތަމަޢު ހަރުދަނާކޮށް ތަނަވަސްކުރުމަށް އިސްކަންދިނުމަކީވެސް މުހިންމު ކަމެއްކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ފަތުރުވެރިކަމަކީ ޙަޤީޤީ ބާރަކަށް ހެދުމަށް، ދުނިޔޭގެ ލީޑަރުންނާއި، ވުނޭރުންނާއި، ދަތުރުވެރީން ގުޅިގެން މަސައްކަތްކޮށްދެއްވުމަށް ގޮވާލައްވަމުންނެވެ.

ގްލޯބަލް ޓުއަރިޒަމް ފޯރަމް އެނުއަލް މީޓިންގ 2025 ކުރިއަށްގެންދާނީ، މި އޮކްޓޫބަރު މަހުގެ 20 އިން 21 އަށް ބްރަސަލްސްގައެވެ.

ކިޔުންތެރިންގެ ހިޔާލު