ENGLISH

20 އޮކްޓޯބަރު 2025

Advertisement

ލ. ހިތަދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމާއި މަގުހެދުމުގެ އިތުރުން އައިސް ޕްލާންޓް ޤާއިމުކުރަން ޙަވާލުކޮށްފި

20 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލ. ހިތަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ބޭއްވެވި ޖަލްސާގައި މުހިއްމު މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ. 

ހިތަދޫގައި ކުރިއަށްގެންދަން ސޮއިކުރީ، ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމާއި، މަގުހެދުމުގެ މަޝްރޫޢުގެ އިތުރުން އައިސް ޕްލާން ޤާއިމުކުރުމުގެ އެއްބަސްވުމުގައެވެ. 

ފުޓްބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢު އާއި އެމަސައްކަތާ ޙަވާލުވި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމްއެވެ. 

ހިތަދޫގައި މަގުހެދުމުގެ މަޝްރޫޢު ވެސް ކުރިއަށްގެންދާނީ އާރުޑީސީންނެވެ. އެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އާރުޑީސީގެ މެނޭޖިން ޑިރެކްޓަރާއި އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. 

ހިތަދޫއަށް މުހިއްމުވެފައިވާ އައިސް ޕްލާންޓުގެ މަސައްކަތް ކުރާނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިންނެވެ. އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަޙްމަދު ޝިޔާމްއެވެ. މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓްސް ޔުނިޓުގެ މެނޭޖަރު މުޙައްމަދު ޝަމީމްއެވެ. 

ރައީސުލްޖުމްހޫރިއްޔާ ހިތަދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގައި ގިނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް ވެސް ވަނީ ފައްޓަވައިދެއްވާފައެވެ. އެގޮތުން އެންމެ މުހިއްމު މަޝްރޫޢެއްގެ ގޮތުގައި ފެއްޓެވި މަޝްރޫޢަކީ ހިތަދޫ - ކުނަހަންދޫ ކޯޒްވޭގެ މަސައްކަތެވެ. 

ކިޔުންތެރިންގެ ހިޔާލު