ENGLISH

20 އޮކްޓޯބަރު 2025

Advertisement

ޕްރޮފެސަރ ޑރ. އަޒްމާން ޒަކާތުގެ ޒަމާނީ މައްސަލަތަކާ ބެހޭ ސެޝަނެއް ނަންގަވައިދެއްވައިފި

20 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

ޕްރޮފެސަރ ޑރ. އަޒްމާން. ޒަކާތާ ގުޅޭގޮތުން ނަންގަވައިދެއްވެވީ މުހިއްމު ސެޝަނެއް. ފޮޓޯ: ޒަކާތު ހައުސް

އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) ގެ ސީނިއަރ ލެކްޗަރަރ ޕްރޮފެސަރ ޑރ. އަޒްމާން ބިން މޮހްދް ނޫރު، ޒަކާތާ ގުޅޭ ފަހުގެ ނުވަތަ އަލަށް އުފެދިފައިވާ މައްސަލަތަކުގެ ތެރެއިން، ފާހަގަކޮށްލެވޭ ބައެއް މައްސަލަތަކާ ގުޅޭ ގޮތުން މުހިއްމު ސެޝަނެއް ނަންގަވައިދެއްވައިފިއެވެ. 

ސެޝަން ކުރިއަށްގެންދިޔައީ އޮކްޓޫބަރު 14 ވަނަ ދުވަހު އިސްލާމިކް ސެންޓަރުގެ ކޮންފަރެންސް ހޯލުގައެވެ. 

ސެޝަން އިންތިޒާމުކުރީ، މޯލްޑިވްސް ޒަކާތު ހައުސް އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަޢުވާ ސެކްޝަނުން، އައިއައިޔޫއެމް ގުޅިގެންނެވެ. ސެޝަން ކުރިއަށްގެންދިޔައީ ޒަކާތު ހައުސްއާއި އައިއައިޔޫއެމްއާ ދެމެދު ސޮއިކުރި ފަހުމުނާމައިގެ ދަށުންނެވެ. ފަހުމުނާމާގައި ސޮއިކުރީ 2025 އޭޕްރީލް 29 ވަނަ ދުވަހުއެވެ.

ޕްރޮފެސަރ ޑރ. އަޒްމާން ސެޝަން ނަންގަވައިދެއްވަނީ. ފޮޓޯ: ޒަކާތު ހައުސް

ޕްރޮފެސަރ ޑރ. އަޒްމާންގެ ސެޝަންގައި، ރާއްޖޭގެ ޢިލްމުވެރިންނާއި ޒަކާތު ހައުސް އަދި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ. 

ސެޝަންގައި، މުދަލު ޒަކާތުގެ ތެރޭގައި ހިމެނޭ އައު އާމްދަނީ ލިބޭ ވަސީލަތްތަކުން ޒަކާތް ދައްކާނެގޮތާއި އަދި އެ މުދަލުގެ ނިޞާބު ފަދަ މުހިންމު މައުޟޫޢުތަކާމެދު މަޝްވަރާކޮށްފައިވެއެވެ. އަދި މެލޭޝިއާ އާއި ދިވެހިރާއްޖޭގައި ޒަކާތް ނެގުމާއި ބެހުމުގެ އުޞޫލުތައް އަޅާކިޔައި، ދެ ޤައުމުގެ ތަޖުރިބާތަކާއި މަޢުލޫމާތު ހިއްސާކޮށްފައިވާކަމަށް ޒަކާތު ހައުސްއިން ބުނެފައިވެއެވެ. 

ޕްރޮފެސަރ ޑރ. އަޒްމާން ސެޝަންގެ ބައިވެރިންނާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން. ފޮޓޯ: ޒަކާތު ހައުސް

ޕްރޮފެސަރ ޑރ. އަޒްމާން އާއި ބައިވެރިވެވަޑައިގެންނެވި ޢިލްމުވެރިން، ވަނީ ޒަކާތުގެ ނިޒާމު ހިންގުމާއި ޒަކާތު ފަންޑުން ހޭދަކުރެވޭނޭ ގޮތްތަކާމެދު ޚިޔާލު ބަދަލުކުރައްވާފައެވެ.

ސެޝަނުގެ ސަބަބުން ދިވެހިރާއްޖޭގެ ޒަކާތު ހައުސް އާއި އައިއައިޔޫއެމްއާ ދެމެދު އޮތް ގުޅުން ވަރުގަދަވެ، އިސްލާމީ މާލިއްޔަތާއި ޚައިރާތުގެ ދާއިރާގައި ދެމެހެއްޓެނިވި ތަޢުލީމާއި މަޝްވަރާގެ މުހިންމުކަން ފާހަގަކުރެވުނު ކަމަށް ޒަކާތު ހައުސްއިން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު