ENGLISH
20 އޮކްޓޯބަރު 2025
މާވަށު ބިން ހިއްކައި ނިމުމުން ހައުސިން މަޝްރޫއެއް ހިންގާނެ: ރައީސް
20 އޮކްޓޯބަރު 2025
|
ލ. މާވަށުގައި ރައީސް މިއަދު ވާހަކަ ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް
ހައްދުންމަަތީ މާވަށުގައި ހިންގަމުންދާ ބިން ހިއްކުމުގެ މަޝްރޫއު ނިމުމުން އެ ރަށުގައި ހައުސިން މަޝްރޫއެއް ހިންގަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.
ހައްދުންމަތީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވަމުންދާ ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު މާވަށަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫއު ހަލުއިކުރައްވައި، ވީހާވެސް އަވަހަށް މަޝްރޫއު ނިންމެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަދި ކުރިން އެ މަޝްރޫއު ރޭވިފައި އޮތީ 15 ހެކްޓަރުގެ ބިން ހިއްކާ ގޮތަށް ކަމުގައިވީ ނަމަވެސް، އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް އިތުރު 15 ހެކްޓަރު ހިއްކަވަން ނިންމަވައި ޖުމްލަ 30 ހެކްޓަރުގެ ބިން ރަށަށްް އިތުރުކޮށްދެއްވަން ނިންމަވާފައިވާކަމަށާއި، އެ މަސައްކަތް ނިމެންވާއިރަށް އެ ބިމުގެ ލޭންޑް ޔޫސް ޕްލޭން ރަށު ކައުންސިލުން އެކުލަވައިލާފައިވާކަން ފާހަގަކުރައްވައި، އެ ބިމުގައި އައު ފުޓުބޯޅަ ދަނޑެއް އެޅުމާއެކު ހައުސިން މަޝްރޫއުތައް ހިންގުމަށް ރޭވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ސަރުކާރުން މި އަންނަ އަހަރަށް ބަޖެޓު ފާސްކުރާއިރު އެބަ ހިމަނައިދެން ޒަމާނީ ފެންވަރުގެ އައު ފުޓުބޯޅަ ދަނޑު އެޅުން. ބިން ހިކި ނިމުމުން އެ ބިމުގައި ފެށޭ އެންމެ ފުރަތަމަ މަޝްރޫއަކަށްވާނީ އެ ފުޓުބޯޅަ ދަނޑު އެޅުން. ހަމައެއާއެކު ހައުސިން ޔުނިޓު އެޅުމަކީ އެންމެ ބޮޑު އިސްކަންދޭ އެއް ކަންތައް. ކުރިއަށް އޮތީ ތިޔަ ބޭފުޅުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ދުވަސްތަކެއް،" ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރަށް މި މަހުގެ ތެރޭގައި މާވަށުގެ ސިއްހީ މަރުކަޒުގެ އައު އިމާރާތެއް އެޅުމުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކުރެވިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަލަށް އިމާރާތްކުރެވޭ އިމާރާތުގައި ހަތަރު އެނދުގެ ވޯޑަކާއި، ނާސް ސްޓޭޝަނަކާއި، ކޮންފަރެންސް ރޫމާއި، ލޯންޑްރީއައި ގަރާޖާއި، ލެބޯޓަރީ ހިމެނޭ އިމާރާތެއް ކަމުގައިވާނެ ކަމަށާއި، އެ މަޝްރޫއުގެ އަމަލީ މަސައްކަަތް މި އަހަރު ތެރޭ ފެށިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ސިއްހީ ދާއިރާއިން އެމަނިކުފާނުގެ އަމާޒަކީ އެ ރަށުގެ ރައްޔިތުންގެވެސް އަމާޒުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މަސައްކަތްކުރައްވަނީ އެ ރަށުގައި ހޮސްޕިޓަލެއް ގާއިމުކުރެއްވުމަށް ކަމަށެވެ. ސިއްހީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތަކީ އެ އަމާޒަށް ވާސިލުވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ބައެއް ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
އޭގެ އިތުރަށް ސީ އެމްބިއުލާންސް ފްލީޓު ބޮޑުކުރުމަށް އަންނަ އަހަރު ސަރުކާރުން ފަށާ މަސައްކަތްތަކުގެ ތެރެއިން މާވަށުގައި ގާއިމުވެފައި އޮންނަ ސީ އެމްބިއުލާންސްއެއް އެ ރަށަށް ހަމަޖައްސަވައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިއަދު ފެށުނު މާވަށުގެ މަގުހެދުމުގެ މަޝްރޫއުގެ ތެރެއަށް އިތުރު މަގުތައް ހިމަނުއްވައިދެއްވާނެ ކަމަށެވެ.
މާވަށުގެ ރައްޔިތުން އެންމެ އެދެނީ އެއާޕޯޓެއްކަން އެނގިވަޑައިގަންނަވާ ކަމުގައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި ކޮންމެ ވައުދުފުޅަކީ ފުއްދޭނެ ކަމުގެ ޔަގީންކަން އޮވެގެން ވެވަޑައިގެންނެވި ވައުދުފުޅެއް ކަމަށެވެ. ލ.އަތޮޅުގައި ދެވަނަ އެއާޕޯޓެެއް އެޅެންޖެހޭނީ އިގުތިސާދީ ގޮތުންނާއި ފަތުރުވެރިކަމުގެ ދާއިރާއިންވެސް ކުރިމަގު އޮންނާނެ ތަނެއްގައި ކަމަށެވެ.