ENGLISH

16 އޮކްޓޯބަރު 2025

Advertisement

މަސް ދުވަހަށް މުޢާޒު ޢަލީ ސަސްޕެންޑް ކޮށްފި ކަމަށް މިފްކޯއިން ބުނެފި

15 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖާ މުޢާޒު ޢަލީ

މިފްކޯގެ އިންޖިނިއަރިންގ އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރ މުޢާޒު ޢަލީގެ މައްސަލަތަކެއް ދައުލަތުގެ އިދާރާތަކުން ބަލަމުންދާތީ ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މޯލްޑިވްސް ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި މިފްކޯގެ އިންޖިނިއަރިންގ އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރ މުޢާޒު ޢަލީ ރޭ ވަނީ ހައްޔަރު ކޮށްފަ އެވެ.

މިފްކޯ އިން ބުނީ މުޢާޒު ޢަލީގެ މައްސަލަތަކެއް ދައުލަތުގެ އިދާރާތަކުން ބަލަމުންދާތީ އާއި އިދާރީގޮތުން ކުންފުނިން ތަޙްޤީޤު ކުރަމުންދާތީ، މިފްކޯގެ މުވައްޒަފުންނާބެހޭ ގަވާއިދުގެ ދަށުން، 30 ދުވަހުގެ މުއްދަތަށް މުޢާޒު ޢަލީ ވަނީ ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

އަދި ބުނީ ކުންފުނީގެ ސީއީއޯ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) ފަރުޙަތު ޝަހީރު ސޮއިކުރައްވައި މިއަދު ނެރުއްވި މެމޯއެއްގައި ކުންފުނީގެ ވެރިންނާއި މުވައްޒަފުންނަށް މިކަން ވަނީ އަންގަވާފައި ކަމަށެވެ. 

މި ނިންމެވުމާ ގުޅިގެން ކުންފުނީގެ މަސައްކަތްތަކަށް ބުރޫނާރާނެކަން ކަށަވަރު ކުރެއްވުމުގެ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވައި އިންޖިނިއަރިންގ ޑިޕާޓްމަންޓުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް، މެނޭޖަރ މުޙައްމަދު ޝަމީމާއި ވަނީ ޙަވާލުކުރައްވާފަ އެވެ. އަދި އިންޖިނިއަރިންގ ޔުނިޓް، ކޮންސަލްޓެންޓް އިންޖިނިއަރ ޢުބައިދުﷲ ޙުސައިންއާ ވަނީ ޙަވާލުކުރައްވާފަ އެވެ.

ހިނގައިގެން އުޅޭ މައްސަލަތަކާ މިފްކޯއާ ގުޅުމެއް ނެތް ކަމުގައި ވީނަމަވެސް ޚާއްޞަކޮށް ކުންފުނީގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ނަޒާހަތްތެރިކަމާ ގުޅުންހުރި މައްސަލަތަކަކީ މެނޭޖްމަންޓުން ވަރަށް ސީރިއަސްކޮށް ނަގާ މައްސަލަތަކެއް ކަމަށް ބުންޏެވެ.

މިގޮތުން ކުންފުނީގެ އިތުބާރާއި ގަދަރު ހިފެހެއްޓުމަށްޓަކައި އާ ރޫޙެއްގައި ކުރަމުންދާ މަސައްކަތްތަކާއެކު އަޅަންޖެހޭ މިފަދަ ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަން މެނޭޖްމަންޓުން ރައްޔިތުންނަށް ދެއްވާ ކަމަށާ އަދި ރާއްޖޭގެ ގާނޫނުތަކާއި، ކޯޕަރޭޓް ގަވަރނެންސްގެ އުސޫލުތަކާއި، ކުންފުނީގެ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރިއަށް އޮތް ތަނުގައި ވެސް އަޅަމުންދާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު