ENGLISH

16 އޮކްޓޯބަރު 2025

Advertisement

މަގުބޫލު ފަތުރުވެރި މަންޒިލުގެ މަޤާމަށް ވޯޓު ދިނުމުގެ ފުރުޞަތު، އަވަހަށް ވޯޓުދެއްވާ!

16 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަޑުކޮށްލައިގެން. ފޮޓޯ: ސަންއޮންލައިން

ދުނިޔޭގެ އެންމެ މަޤްބޫލު ފަތުރުވެރި މަންޒިލުގެ މަޤާމް މިދިޔަ ފަސް އަހަރު ރާއްޖޭން ހޯދާފައިވާއިރު، އެ މަޤާމް މިއަހަރު ވެސް ދިފާޢުކުރަން ވޯޓު ދިނުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން އެދިއްޖެއެވެ.

ވިޒިޓް މޯލްޑިވްސްއިން އާއްމުކުރި ބަޔާނުގައި ބުނީ، ޓްރެވަލް އެވޯޑްސްގެ އެންމެ ޝަރަފްވެރި ދެ މަޤާމުކަމަށްވާ، ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން އަދި ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަނުގެ މަގާމަށް ރާއްޖެ ނޮމިނޭޓުވެ ވޯޓަށް ހުޅުވާލުމާ ގުޅިގެން ވީހާވެސް ގިނަފަރާތްތަކެއް މި ވޯޓުގައި ބައިވެރިވާން އެދޭ ކަމަށެވެ. 

ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑެވެ. މި އެވޯޑުގައި ދުނިޔޭގެ ހުރިހާ ފަތުރުވެރި މަންޒިލުތަކެއް ވާދަކުރެއެވެ. މި އެވޯޑު ކާމިޔާބުކުރާ ފަރާތްތައް ހޮވަނީ މަޝްހޫރު ޓްރެވަލް ޕްރޮފެޝަނަލުންނާއި، ސިނާއަތުގެ ތަޖުރިބާކާރުންނާއި، މުޅި ދުނިޔެއަށް ހުޅުވާލައިގެން ނެގޭ ވޯޓަކުންނެވެ. މިއީ ފަތުރުވެރިކަމުގެ މަންޒިލުތަކުގެ ފެންވަރު ވަޒަން ކުރުމުގައި ވެސް ގިނަ ބަޔަކު ބަލައިގަންނަ އެއް މިންގަނޑެވެ. 

މީގެ ކުރިން ވެސް ރާއްޖެއިން ވަނީ މި އެވޯޑުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން މިހިނގާ 2025 ވަނަ އަހަރަކީ ވޯލްޑް ލީޑިން ޑެސްޓިނޭޝަން ގެ އެވޯޑަށް ދިފާޢުކުރުމަށް ވާދަކުރާ ހަވަނަ އަހަރެވެ. މި އެވޯޑަށް ރާއްޖެއިން ނޮމިނޭޓްވެފައިވާއިރު، އިތުރު 19 ގައުމަކުން ރާއްޖެއާ ވާދަކުރެއެވެ. އޭގެ ތެރޭގައި ކުރިއަރާފައިވާ ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލްތައް ގޮތުގައި ފާހަގަކޮށްލެވޭ ދުބާއީ، ގްރީސް، އިންޑޮނީޝިއާ، ސްޕެއިން އަދި ވިއެޓްނާމް ފަދަ ބޮޑެތި ގައުމުތައް ހިމެނެއެވެ.

ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ރޮނގުން މުޅި ދުނިޔެއިން އެންމެ ހޮވާލެވޭ ގައުމު ނުވަތަ "ވޯލްޑް ލީޑިން ގްރީން ޑެސްޓިނޭޝަން"ގެ އެވޯޑު ރާއްޖެއިން އެންމެ ފުރަތަމަ ކާމިޔާބުކޮށްފައި ވަނީ 2024 ވަނަ އަހަރު އެވެ. މި އެވޯޑަށް މިއަހަރުވެސް ނޮމިނޭޓްވެފައިވާއިރު، މިއީ ދެމެހެއްޓެނިވި އަދި ޒިންމާދާރު ގޮތެއްގައި ފަތުރުވެރިކަން ކުރިއަރުވައި ހިންގުމަށް ރާއްޖެއިން ކުރާ މަސައްކަތަށް ލިބޭނެ ދުނިޔޭގެ ފެންވަރުގެ ކާމިޔާބީއެއް ކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ. 

"މި ފަހުރުވެރި ނޮމިނޭޝަންތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ކޮންމެ މީހެއްގެ ހިތްވަރާއި މިކަމަށް އޮތް ލޯބި ރަމްޒުކޮށްދޭނެ ކަމެއް. މިފަދަ އެވޯޑެއް ކާމިޔާބުވުމަކީ ހަމައެކަނި ފަހުރެއް ނޫން. މިއީ ފަތުރުވެރިންނަށް ރާއްޖެއިން ފޯރުކޮށްދޭ މެހެމާންދާރީ އާއި، ރާއްޖޭގެ ގުދުރަތީ ރީތިކަން ދަމަހައްޓައި ތަފާތު މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ކުރާ މަސައްކަތްތައް ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަކަމުގެ ހެއްކެއް. އަޅުގަނޑުމެން އެދެނީ ރާއްޖެއަށް ލޯބިކުރާ ކޮންމެ މީހަކުވެސް މި ވޯޓުގައި ބައިވެރިވެ ރާއްޖެއިން މި ޝަރަފުވެރި އެވޯޑުތައް ކާމިޔާބުކުރުމުގައި އެހީވުމަށް" ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ.

ވޯޓުގައި ބައިވެރިވެވޭނެ އެންމެ ފަހު ތާރީހަކީ 26 އޮކްޓޯބަރ 2025 އެވެ.

ވޯޓު ލުމަށް ރެޖިސްޓަރ ކުރައްވާނީ:

https://www.worldtravelawards.com/vote

ކިޔުންތެރިންގެ ހިޔާލު