ENGLISH

16 އޮކްޓޯބަރު 2025

Advertisement

އަތޮޅުތަކުން ޕާސްޕޯޓް ޚިދުމަތަށް ބޮޑު ތަރުހީބެއް، ސެޕްޓެމްބަރު މަހު 960 ޕާސްޕޯޓް ދޫކުރި

16 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާ މިދިޔަ އޮގަސްޓް މަހު އޭދަފުށީގައި ޤާއިމުކުރި އިމިގްރޭޝަން އޮފީސް ހުޅުއްވައިދެއްވަނީ. އަތޮޅުތަކުގައި ޕާސްޕޯޓުގެ ޚިދުމަތް ފެށުމުން ބޮޑު ތަރުހީބެއް ވަނީ ލިބިފަ. ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް އިމިގްރޭޝަނުގެ އޮފީސްތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކޮށްފައިވާއިރު، އެ ސަރަަޙައްދުތަކުގައި ޕާސްޕޯޓް ހެއްދުމަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން ތަފާސްހިސާބުން ދައްކައިފިއެވެ. 

އިމިގްރޭޝަނުން މިއަދު ވަނީ ސެޕްޓެމްބަރު މަހު ޕާސްޕޯޓް ހެއްދި އަދަދުތަކުގެ ތަފްޞީލީ ތަފާސްހިސާބު އާއްމުކޮށްފައެވެ. އެ ތަފާސްހިސާބުތަކުން ފާހަގަވި އެއްކަމަކީ ސަރުކާރުން އަތޮޅުތަކުގައި ޤާއިމުކުރި ސަރަޙައްދީ އޮފީސްތަކަށް އޮތް ޑިމާންޑް ބޮޑުވުމެވެ. 

ޕާސްޕޯޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު ރީޖަނަލް އޮފީސްތަކުން ސެޕްޓެމްބަރު މަހު ވަނީ 960 ޕާސްޕޯޓް ދޫކޮށްފައެވެ. އެގޮތުން ޚިދުމަތް ފަށާފައިވާ 18 ރީޖަނަލް އޮފީހަކުން ސެޕްޓެމްބަރު މަހު ވަނީ ޕާސްޕޯޓް ދޫކޮށްފައެވެ. ރީޖަނަލް އޮފީސްތަކުގެ ތެރެއިން އެންމެ ގިނައިން ޕާސްޕޯޓް ދޫކުރީ އައްޑޫ ސިޓީގެ ސ. މަރަދޫ އިންނެވެ. އެ އޮފީހުން 146 ޕާސްޕޯޓް ދޫކުރިއިރު ދެން އެންމެ ގިނައީ 144 ޕާސްޕޯޓް ދޫކުރި ކުޅުދުއްފުށި ސިޓީގެ ރީޖަނަލް އޮފީހެވެ. ތިންވަނަ އަށް އެންމެ ގިނައިން ޕާސްޕޯޓް ދޫކުރި ތިނަދޫ ސިޓީން 111 ޕާސްޕޯޓް ދޫކޮށްފަިއވެއެވެ. ދެން އެންމެ ގިނައީ ރ. އުނގޫފާރެވެ. އެރަށުގެ ރީޖަނަލް އޮފީހުން ސެޕްޓެމްބަރު މަހު 100 ޕާސްޕޯޓް ދޫކުރިއެވެ. 

އިމިގްރޭޝަނުން ބުނީ ސެޕްޓެމްބަރު މަހު އެކު ޖުމްލަ 3884 ޕާސްޕޯޓް ދޫކުރި ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުގައި ދޫކުރި 2904 ޕާސްޕޯޓާއި ސަރަޙައްދީ އޮފީސްތަކުން 960 ޕާސްޕޯޓް އަދި މެލޭޝިއާގައި ހުންނަ އިމިގްރޭޝަން އޮފީހުން ދޫކުރި 20 ޕާސްޕޯޓެވެ.  

މެލޭޝިއާގައި އައިޑީ ކާޑާއި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފެށީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގައެވެ. 

ކޮންމެ އަތޮޅަކުން ވެސް އައިޑީ ކާޑުގެ ހިދުމަތާއި ފާސްޕޯޓުގެ ހިދުމަތް ލިބޭ ގޮތް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދު އޮކްޓޫބަރު 7 ވަނަ ދުވަހު ވަނީ ފުއްދަވައިފައެވެ. އެދުވަހު ޕާސްޕޯޓުގެ ޚިދުމަތް ފެށީ އދ. މަހިބަދޫގައެވެ.

މުޅި ރާއްޖެއަށް އެ ޚިދުމަތް ފުޅާވުމާއެކު، ކުރިން މާލެ ގޮސްގެން އައިޑީ ކާޑާއި ޕާސްޕޯޓް ހައްދަން ކުރި ޚަރަދު މިހާރު ކުރާކަށް ނުޖެހެއެވެ. އޭގެބަދަލުގައި، ރައްޔިތުން އެދުނު ގޮތަށް ރީޖަނަލް އޮފީސްތަކުން މިހާރު އަންނަނީ އެ ޚިދުމަތް ލިބެމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު