ENGLISH
15 ސެޕްޓެމްބަރު 2025
އެއްފަހަރާ އެންމެ ގިނަ މީހުން ފީނައިގެން ރެކޯޑެއް ހަދަން ތައްޔާރުވަނީ
15 ސެޕްޓެމްބަރު 2025
|
ވިލިނގިލިފަރު ފިނޮޅު --
އެއްފަހަރާ އެންމެ ގިނަ މީހުން ފީނައިގެން (ސްނޯކަލް) ގިނިސް ވްރލްޑް ރިކޯޑް ފޮތުން ޖާގަ ހޯދުމަށް ބ.އަތޮޅު ކައުންސިލުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާ ގުޅިގެން ހަރަކާތެއް ބާއްވަން ނިންމައިފި އެވެ.
އަންނަ އޮކްޓޯބަރު މަހު 18 ވަނަ ދުވަހު މި ހަރަކާތް ބާއްވާނީ "ބާނި" ގެ ނަމުގައި އެވެ.
މާޅޮސްމަޑުލު ދެކުނުބުރީ ވިލިނގިލިފަރު ފިނޮޅުގައި 1000ކަށް ވުރެ ގިނަ ބައިވެރިންނާއެކު މި ސަރަހައްދުގެ ފަރުގެ މުއްސަނދިކަން މިހަރަކާތުން ދުނިޔެއަށް ދައްކާލަދޭނެ ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނެ އެވެ.
ބ. އޭދަފުއްޓާ 10 މިނެޓް ދުރުމިނުގައި އޮންނަ މި ފިނޮޅަކީ ވަރަށް ގިނަ އަދަދަކަށް ކިރު ދޫނި ޖަމާވާ ފިނޮޅެއްކަމުން، މިއީ ދުނިޔޭގެ ސަމާލުކަން ލިބޭނެ ހަރަކާތަކަށް ވާނެ ކަމަށް ބެލެވެ އެވެ. އަދި މިއީ ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ރާއްޖޭގެ ރަށްތަކާއި ފަރުތަކުގެ ދިރުމުގެ މުއްސަނދިކަން ދައްކާލުމަށް އެންމެ އެކަށީގެންވާ އެއް ސަރަޙައްދު ކަމަށް ވީއެމްސީން ބުނެ އެވެ.
ފީނުމުގެ ރިކޯޑް މުގުރާލުމަށް ބައިވެރިން ފީނާ ފަޅަކީ ތަފާތު ބާވަތުގެ މުރަކަ އާއި މަސްމަހާމެހިން މުއްސަނދި ފަރެއްވެސްމެ އެވެ.
މި ސަބަބުތަކާހުރެ، މި ހަރަކާތަކީ ރިކޯޑެއް މުގުރާލުމުގެ ހަރަކާތެއްގެ އިތުރުން ދުނިޔެއަށް ރާއްޖޭގެ ރީތި ކަމާއި ޤުދުރަތީ މުއްސަނދިކަން ތަފާތު ގޮތަކަށް ދައްކާލުމަށް ލިބޭ ފުރުސަތެކެވެ. އަދި މިހަރަކާތުގެ ސަބަބުން ރާއްޖޭގެ ޤުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކާއި، އިކޯ-ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ.
ބ.އަތޮޅު ކައުންސިލުން ތައްޔާރުކޮށްފައިވާ ރެޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް "ބާނި" ހަރަކާތުގައި ބައިވެރިވުމަށް މިހާރު ރެޖިސްޓަރ ކުރެވޭނެ އެވެ. އަދި 18 އޮކްޓޯބަރުގައި މިހަރަކާތުގައި ބައިވެރިވުމަށް ވިލިގިލިފަރު ފިނޮޅަށް ދަތުރުކުރުމުގެ އިންތިޒާމު ބ. އަތޮޅުގެ ކޮންމެ ރަށަކުންވެސް ލިބޭނެ އިންތިޒާމު އަތޮޅު ކައުންސިލުން ވަނީ ހަމަޖައްސާފައެވެ.