ENGLISH

15 ސެޕްޓެމްބަރު 2025

Advertisement

ތާރީޚީ ކާމިޔާބެއް: އައިއޭއީއޭގެ މެންބަރަކަށްވުމަށް ރާއްޖެއިން ހުށައެޅި ހުށައެޅުން ފުރިހަމަ އަޣުލަބިއްޔަތުން ބަލައިގެންފި

15 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

އައިއޭއީއޭގެ މެންބަރަކަށްވުމަށް ރާއްޖެއިން ހުށައެޅި ހުށައެޅުން ފުރިހަމަ އަޣުލަބިއްޔަތުން ވަނީ ބަލައިގެންފައި --

އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީ (އައިއޭއީއޭ) ގެ މެންބަރު ޤައުމަކަށްވުމަށް އެދި ދިވެހިރާއްޖެއިން ހުށަހެޅި އެޕްލިކޭޝަން ބަލައިގަތުމަށް އެޖަމުޢިއްޔާއިން މިއަދު ފާސްކޮށްފި އެވެ.

އައިއޭއީއޭގެ ސިޔާސަތުތައް ކަނޑައަޅާ އެ އެޖެންސީގެ އެންމެ މަތީ ގުނަވަންކަމުގައިވާ ޖެނެރަލް ކޮންފަރެންސް އިން މި ނިންމުން ނިންމާފައިވަނީ މިމަހުގެ 15 އިން 19 އަށް އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ކުރިއަށްދާ އެ ކޮންފަރެންސްގެ 69 ވަނަ ޢާންމު ބައްދަލުވުމުގަ އެވެ. މިއީ އައިއޭއީއޭގެ ފުރިހަމަ މެންބަރުކަން ހޯދުމަށް ދިވެހިރާއްޖެއިން ފުރިހަމަކުރަންޖެހޭ ފުރަތަމަ ފިޔަވަޅެވެ.

އައިއޭއީއޭގެ ޖެނެރަލް ކޮންފަރެންސްގެ މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހިރާއްޖޭގެ ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އެވެ. އެގޮތުން، އައިއޭއީއޭގެ މެންބަރު ޤައުމުތަކުގެ ފުރިހަމަ އަޣުލަބިއްޔަތުން ދިވެހިރާއްޖެއިން ހުށަހަޅާފައިވާ އެޕްލިކޭޝަން ބަލައިގަތުމާއެކު، އެމްބެސެޑަރ ޑރ. ސަލްމާ ރަޝީދު ވަނީ ކޮންފަރެންސްގެ ބައިވެރިންނާ މުޚާތަބުކުރައްވައި ތަޤުރީރުކުރައްވާފަ އެވެ.

އެމްބެސެޑަރ ޑރ. ސަލްމާ ރަޝީދު ވަނީ، އެކަމަނާގެ ވާހަކަފުޅުގައި، ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ޙިއްސާކުރައްވައި އެކަންކަމުން އަރައިގަތުމަށް ސައިންސްގެ ޒަރިއްޔާއިން ހައްލު ހޯދުމަށް، ބައިނަލްއަޤުވާމީ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެކަމަނާ ވަނީ އައިއޭއީއޭގެ މެންބަރުކަން ދިވެހިރާއްޖެއަށް ލިބުމަކީ ޤައުމީ ފެންވަރުގައި ޙާސިލުކުރެވޭ މުހިންމު ކުރިއެރުމެއް ކަމަށް ބަޔާންކުރައްވައި، މިކަމަކީ ދުނިޔޭގެ ސަލާމަތާއި ތަރައްޤީ ކަށަވަރުކުރުމަށް ކުދި ޤައުމުތަކުން އަދާކުރަމުންދާ ދައުރު ބައިނަލްއަޤުވާމީ މުޖުތަމައުން ބަލައިގަންނަކަމުގެ ހެއްކެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

މީގެ އިތުރުން އެމްބެސެޑަރ ޑރ. ސަލްމާ ރަޝީދު ވަނީ އައިއޭއީއޭއާ ގުޅުމާއެކު، ސިއްޙަތާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދާއިރާތަކުގެ އިތުރުން މީހުން ބިނާކުރުމުގެ ދާއިރާއިން އެ އެޖެންސީގެ ފަންނީ އެހީ ހޯދުމަށް ފުރުޞަތުތައް ހުޅުވިގެންދާނެކަންވެސް ފާހަގަކުރައްވާފަ އެވެ.

ދިވެހިރާއްޖެއިން އައިއޭއީއޭގެ މެންބަރު ޤައުމަކަށް ވުމަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުއެވެ. ދިވެހިރާއްޖެއިން އައިއޭއީއޭގެ މެންބަރަކަށްވުމުގެ މަޤްސަދުތަކުގެ ތެރޭގައި ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންވާ ނިއުކްލިއަރ މެޑިސިން އަދި ރޭޑިއޭޝަން މެޑިސިން ފުޅާކޮށް ކުރިއެރުވުމަށާއި ދެމެހެއްޓެނިވި ތަރައްޤީ ޙާސިލުކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ ވަސީލަތްތައް ހޯދުމަށް އެ އޭޖެންސީގެ އެހީ ހޯދުން ހިމެނެއެވެ.

އައިއޭއީއޭ އަކީ އަސްކަރީ މަޤްޞަދުތަކަށް ނިއުކްލިއަރ ހަކަތައާއި ޓެކްނޮލޮޖީ ބޭނުންކުރުން ހުއްޓުވުމަށް ބައިނަލްއަޤުވާމީ މިންގަނޑުތައް ކަނޑައަޅައި، ސައިންސްގެ ދާއިރާއިން ދޭދޭ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް 1957 ވަނަ އަހަރު ޤާއިމުކުރެވުނު ބައިނަލްއަޤުވާމީ ޖަމުޢިއްޔާއެކެވެ.

ކިޔުންތެރިންގެ ހިޔާލު