ENGLISH
15 ސެޕްޓެމްބަރު 2025
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރުމުގެ ޙައްޤު ކަށަވަރުކޮށް ދިނުން: ޢިލްމުވެރީންގެ ތަޢުރީފު
15 ސެޕްޓެމްބަރު 2025
|
ޝެއިޚް ސަމީރު، ޝެއިޚް ލަތީފް އަދި ޝެއިޚް އަބްދުﷲ --
ސިވިލް ސާވިސްގެ ވަޒީފާތަކަށް މޫނު ބުރުގާ އަޅައިގެން މަސައްކަތްނުކުރެވޭ ގޮތަށް ޤަވާއިދުގައި އޮތް އޮތުން އިސްލާޙު ކުރުމާއި ގުޅިގެން އެ ނިންމުމަށް ދީނީ ޢިލްމުވެރީން ތަޢުރީފު ކުރައްވައިފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން މިއަދު ގެޒެޓުގައި ޝާއިއުކުރި އިސްލާހު ގެނައުމުގެ ކުރިން ސިވިލް ސާވިސްގެ ގަވާއިދުގެ 145ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ސިވިލް ސާވިސް މުވައްޒަފުން ހެނދުން އަޅަންޖެހޭނީ ކާކުކަން އެނގޭ ގޮތަށް ކަމުގައެވެ. ނަމަވެސް މިހާރު އެ މާއްދާގައި ބުނަނީ އެ މުވައްޒަފުގެ ނަމާއި މަގާމު އެނގޭ ގޮތަށް ކާޑެއް ނުވަތަ ޓެގެއް ބޭނުންކުރަންވާނެ ކަމަށެވެ.
މިއާއެކު ސިވިލް ސާވިސް ވަޒީފާ އަދާކުރަން ބޭނުންވެމެ، މޫނު ބުރުގާ އަޅާތީ ވަޒީފާގެ ފުރުސަތު ނުލިބިތިބި އެތައް ގާބިލު އަންހެނުންނަށް އެ ހައްގު ކަށަވަރުވީ އެވެ. މިއީ އެތައް ޒަމާންތަކެއް ވަންދެން ގިނަ ބަޔަކު އެދިއެދި ތިބި ބަދަލެކެވެ. ސަރުކާރުތައް ބަދަލުވަމުންއައިއިރު މިކަން އޮތީ ހައްލުނުކުރެވި އެވެ.
އެ ނިންމުމާއި ގުޅިގެން ޖަމިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވިދާޅުވީ މޫނު ބުރުގާ އަޅައިގެން ސިވިލްސާވިސްގެ ވަޒީފާއެއް އަދާކުރުމަށް އޮތް ޤާނޫނީ ހުރަސް ފިލުވާލަދެއްވާ ދީނަށް ލޯބިކުރާ އެތައް ބައެއްގެ އުދާސްތައް ނިމުމަކަށް ގެނެސްދެއްވާފައިވާތީ އެކަން ފާހަގަކުރާ ކަމަށެވެ. އަދި އެ ނިންމެވުމަށް ރައީސަށް ޝުކުރުއަދާ ކުރައްވާފައިވެ އެވެ.
ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަޙްމަދު ސަމީރު އިބްރާހިމް ވެސް ވަނީ އެ ނިންމެވުމާއި ގުޅިގެން އުފާކުރައްވާ ޕޯސްޓެއް ކުރައްވާފަ އެވެ. ވިދާޅުވީ މޫނު ބުރުގާ ތުރުކުރައްވައިގެން ސިވިލް ސާރވިސް ވަޒީފާ އަދާކުރުމަށް ކުރީގެ ސަރުކާރު ތަކުން ދަތިކުރަމުން ދިޔަ މާއްދާ ބަދަލުކޮށް ދެއްވުމީ ވަރަށް ހެޔޮކޮށް ކުރައްވާފައިވާ ކަމެއް ކަމަށެވެ.
"އެކަމަށްޓަކާ ރައީސުލް ޖުމުހޫރިއްޔާ އަށާއި، ސިވިލް ސާރވިސް ކޮމިޝަނަށް ޝުކުރު ދަންނަވަން," ޝެއިޚް ސަމީރު ވިދާޅުވި އެވެ.
ދީނީ ޢިލްމުވެރިޔާ އައްޝައިޚް މުޙައްމަދު ލަތީފް ވެސް ވަނީ ސިވިލް ސަރވިސް މުވައްޒަފުންނަށް މޫނު ބުރުގައި އަޅައިގެން ވަޒީފާ އަދާކުރެވޭ ގޮތަށް ސިވިލް ސަރވިސް ޤަވާއިދު އިސްލާޙުކޮށް، ގެޒެޓުކުރެވިފައިވާތީ ރައީސުލްޖުމްހޫރިއްޔާއަށާއި. ކަމާގުޅުންހުރި އެންމެބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފަ އެވެ.
"ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އިސްލާޙީ މަސައްކަތްޕުޅުތަކުގައި މާތް ﷲ ބަރަކާތްލައްވާށި," ޝެއިޚް ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ.