ENGLISH
01 ސެޕްޓެމްބަރު 2025
ޔޫއްޕެއަށް ނުލިބޭ އެވޯޑެއް ޝަރަފެއް ނެތް، ކާމިޔާބު އެންމެ އުހުގައި
24 އޯގަސްޓު 2025
|
ހުކުރު ދުވަހުގެ ރޭ އޮތް އެމްއެސްޕީއޭ އެވޯޑް ހަފްލާގައި އެންމެ ގިނަ އެވޯޑް އުފުލާލީވެސް ޔޫއްޕެ --
ދިވެހި ފިލްމީ އިންޑަސްޓްރީ ދުށް އެންމެ ކުޅަދާނަ ފަންނާނަކީ ޔޫސުފް ޝަފީޢު (ޔޫއްޕެ) އޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. އެކްޓަރެއްގެ ގޮތުގައި މީގެ 26 އަހަރު ކުރީން 1999 ވަނަ އަހަރު ފިލްމީ ކެރިއަރު ފެށި ޔޫއްޕެ އަކީ ނަމޫނާ ފިލްމީ ތަރިއެކެވެ. ވަރަށް ގިނަ ބައެއްގެ ލޯތްބާއި އިހްތިރާމް ހޯދާފައިވާ ފަންނާނެކެވެ. އެއީ އޭނާގެ ކުޅަދާނަ އެކްޓިން އާއި ރީތި އަޚްލާޤުގެ ސަބަބުންނެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ އޮތް އެމްއެސްޕީއޭ ފިލްމު އެވޯޑް ހަފްލާގައި ޔޫއްޕެ ސާބިތުކޮށް ދިނީ އަދިވެސް އޭނާ އަކީ ދިވެހި ފިލްމީ އިންޑަސްޓްރީގެ ލީޑަރު ކަމެވެ. އެރޭ އެންމެ ގިނަ އެވޯޑް އުފުލާލި ތަރިއަކީ ޔޫއްޕެ އެވެ. އެ އެވޯޑްތަކުގެ ތެރެއިން ޔޫއްޕެއަށް ވަރަށް ޚާއްސަ އެވޯޑެއް ވެ އެވެ. އެއީ ބެސްޓް ސަޕޯޓިން އެކްޓަރުގެ އެވޯޑެވެ. މި އެވޯޑް ޚާއްސަ ވަނީ އެ އެވޯޑާއެކު މި ދާއިރާގެ ހުރިހާ އެވޯޑެއް އޭނާއަށް ހާސިލު ކުރެވުމުންނެވެ.
ޕެރަޑައިސް ރިސޯޓްގައި ވަޒީފާ އަދާކުރަމުން ދަނިކޮށް ލަވައެއް ކުޅޭނެ ފުރުސަތު އޭނާއަށް ލިބުނީ މީގެ 26 އަހަރު ކުރީންނެވެ. އެކަމަކު މިއަދު އޭނާ އަކީ މި ދާއިރާގެ ހުރިހާ މަސައްކަތެއް ދަންނަ ފަންނާނެކެވެ. ހަމަ އެކަނި ދަންނަނީ އެއް ނޫނެވެ. އެ ހުރިހާ ކަމެއް އެންމެ މޮޅަށް ކުރަނީ އެވެ.
ޔޫސުފް ޝަފީޢު އެމްއެސްޕީއޭ އެވޯޑް ހަފްލާގައި -- ފޮޓޯ: މޫޝަން
އެއީ އެންމެ މޮޅު އެކްޓަރެވެ. އެހާމެ ކުޅަދާނަ ޑައިރެކްޓަރެކެވެ. ވަރަށް މޮޅު ލިޔުންތެރިއެކެވެ. މޭކަޕާއި ކޮސްޓިއުމް ގައިވެސް ޔޫއްޕެގެ ނަން ޚާއްސަ އެވެ. މި ހުރިހާ ދާއިރާއަކުން އޭނާ ވަނީ އެވޯޑް އުފުލާލާފަ އެވެ. އެފަދަ އެއް އުފެއްދުމަކީ ޔޫއްޕެގެ "ދެވަންސޫރަ" އެވެ. ގިނަ ބަޔަކު އިއްތިފާޤުވާ ގޮތުގައި އެއީ މިހާތަނަށް ދިވެހި ސްކްރީން ގައި ދެއްކި އެންމެ މޮޅު ދިވެހި ފިލްމެވެ.
އެންމެ ފަހުން އޮތް ޤައުމީ ފިލްމު އެވޯޑްސް ގައި ޔޫއްޕެގެ "ދެވަންސޫރަ" އިން އޭނާ ވަނީ އެންމެ މޮޅު އެކްޓަރު، އެންމެ މޮޅު ސްކްރީންޕްލޭ، އެންމެ މޮޅު ޑައިރެކްޓަރު އަދި އެންމެ މޮޅު އެކްޓަރުގެ މަޤާމު ހޯދާފަ އެވެ. މި ފަހަރު އޮތް އެމްއެސްޕީއޭ ފިލްމް އެވޯޑްސްގައި ވެސް އެ ފިލްމުން މުހިންމު އެވޯޑްތަކެއް އޭނާ ވަނީ އުފުލާލާފަ އެވެ.
މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީޢު އެވޯޑް އުފުލާލަނީ -- ފޮޓޯ: އަވަސް
ޔޫއްޕެ މިހާތަނަށް 90 ވުރެ ގިނަ ފިލްމު ކުޅެފައިވާއިރު، 800 އެއްހާ ލަވަ ކުޅެފައިވެ އެވެ. އަދި 40 އަށް ވުރެ ގިނަ ޑައިރެކްޝަން ހަދާފައިވާއިރު އޭގެ ތެރެއިން 36 ޑައިރެކްޝަނަކީ ޔޫއްޕެގެ އަމިއްލަ ފިލްމުތަކެވެ. މިހާތަނަށް 38 ސްކްރީންޕްލޭ ވެސް އޭނާ ވަނީ ލިޔެފަ އެވެ. މި ހުރިހާ މަަސައްކަތަކާއި ކާމިޔާބީއަކާ އެކު ޔޫއްޕެ އަށް ނުލިބޭ އެއްވެސް އެވޯޑެއް ނެތެވެ. ނުލިބޭ ޝަރަފެއް ނެތެވެ. ޔޫއްޕެ އެ ވަނީ އެހެން މީހަކަށް ދެން ހަމަނުކުރެވޭހާ އުހުގަ އެވެ.
ޔޫއްޕެގެ މި ފަޚުރުވެރި ކާމިޔާބީ ފާހަގަކުރައްވާ ކުޅަދާނަ އެކްޓަރު އަހްމަދު ނިމާލް ވަނީ ޕޯސްޓެއް ކުރައްވާފަ އެވެ. ޔޫއްޕެގެ ކާމިޔާބީއާމެދު ވަރަށް ފަޚުރުވެރިވާކަން ފާހަގަކުރައްވާ ނިމާލް ވިދާޅުވި ގޮތުގައި ދުނިޔޭގެ ރެކޯޑެއް ޔޫއްޕެއަށް އަރުވަން ޖެހެ އެވެ. ފިލްމީ ދާއިރާގެ ހުރިހާ މަގާމުތަކަކުން ޔޫއްޕެ އެވޯޑްސް ހާސިލުކޮށްފައިވެ އެވެ.
ޔޫސުފް ޝަފީޢު އެމްއެސްޕީއޭ އެވޯޑް ހަފްލާގައި -- ފޮޓޯ: މޫޝަން
"..އެކްޓަރު، ސަޕޯޓިން އެކްޓަރު، ސްކްރީންޕްލޭ، އެޑިޓަރު، ޑިރެކްޓަރު، މިއީ އެހެން އެއްވެސް ފަރާތަކަށް އަދި ހާސިލުކުރެވުނު ޝަރަފެއްް ނޫން،" ނިމާލު ވިދާޅުވި އެވެ.
ޔޫއްޕެއަކީ ފިލްމީ ދާއިރާގެ އެއްވަނަ ކަމުގައި ގިނަ ބަޔަކު ދެކެނީ ހަމަ އެކަނި އޭނާގެ މޮޅު ކަމަކުން ނޫނެވެ. އޭނާގެ މޮޅު އެކްޓިންގެ ސަބަބުންނެއް ވެސް ނޫނެވެ. އެ މަޤާމަށް އޭނާ ގެންދިއުމުގައި ޔޫއްޕެގެ އަޚްލާޤު މުހިންމު ދައުރެއް އަދާކުރެ އެވެ.
ޔޫއްޕެ ފާހަގަކުރެވިފައިވަނީ އާންމުންގެ އެންމެ ބޮޑު ސަޕޯޓަކާއި ލޯތްބެއް އޮތް ފަންނާނުގެ ގޮތުގަ އެވެ. އެންމެ މަޤުބޫލު ފިލްމީ ތަރީގެ ގޮތުގަ އެވެ.
މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީޢު -- ފޮޓޯ: އަވަސް
މީގެ އިތުރުން ފިލްމީ ދާއިރާއިން ގިނަ ބަޔަކަށް ފުރުސަތު ދިނުމުގައި ވެސް ޔޫއްޕެ އަދާކޮށްފައިވާ ދައުރަކީ ފިލްމީ ދާއިރާގެ ލީޑަރުގެ މަޤާމު ޔޫއްޕެއަށް ހައްޤުވާ އެއް ސަބަބެވެ. އޭނާ އުފައްދާފައިވާ ކޮންމެ ފިލްމަކުން ކަހަލަ ގޮތަކަށް އާ ތަރީންނަށް ފުރުސަތު ދެ އެވެ. އެ ތަރީންނަށް އިތުބާރުކޮށް އިތުރު ފުރުސަތުތައް ވެސް ފަހިކޮށްދެ އެވެ.
މީގެ އިތުރުން އެހެން ޕްރޮޑިއުސަރުންގެ އުފެއްދުންތަކަށް އެހީތެރިވެދީ އެއްބާރުލުން ދިނުމުގައި ވެސް ޔޫއްޕެއަކީ ނަމޫނާ ފަންނާނެކޭ ބުނެވިދާނެ އެވެ.
މީގެ 15 އަހަރު ކުރީން ފެށިގެން ޔޫއްޕެ ކުރަމުންދިޔަ ވަަރަށް ބޮޑު އުންމީދެއް ވެ އެވެ. އެއީ އޭނާ ލިޔެފައިވާ ސްކްރީންޕްލޭ އަކަށް މޮޅު ފިލްމެއް އުފެއްދުމެވެ. ނަމަވެސް އެ އުންމީދުގައި ކުލަ ނުޖެހި 15 އަހަރު ފާއިތުވެ ދިޔައީ އެވެ.
އެކަމަކު މި އަހަރު އެ އުންމީދު ހާސިލުކުރުމުގެ ގަދަ އަޒުމުގައި ހުރި ޔޫއްޕެ މިހާރު އަމާޒު ހިފާފައިވަނީ އޭނާއަށް މި އަހަރުގެ އެންމެ ޚާއްސަ ތާރީޚުގައި އެ ފިލްމު ސްކްރީންކުރުމަށެވެ. "އިލްޒާމް" ގެ ނަމުގައި އުފައްދާފައިވާ މި ފިލްމަކީ މި އަހަރު ސްކްެރީނަށް އަންނާނެ އެންމެ މޮޅު އުފެއްދުމަށް ވާނެ ކަމަށް ބެލެވެ އެވެ.
އިލްޒާމްގެ ފަސްޓްލުކް: މިއީ ޔޫއްޕެގެ ޑްރީމް ޕްރޮޖެކްޓް
އެ ފިލްމުގެ ފަސްޓްލުކް ރޭ ވަނީ ބެލުންތެރީންނަށް ދައްކާލާފަ އެވެ. އަދި ރޭ އޮތް ޚާއްސަ އިވެންޓެއްގައި ބައިވެރިވި ފިލްމުގެ ތަރީންނާއި ދާއިރާގެ އިސް ބައެއް ފަންނާނުންނާއި މީޑިއާތަކަށް ވަނީ "އިން ޝޯޓް" ނަމުގައި ފިލްމުގެ މުހިންމު މަންޒަރުތައް ދައްކާލާފަ އެވެ.
މި މަންޒަރުތަކުން ޔަޤީން ކުރެވޭ ކަމަކީ މި އަަހަރުގެ ބޮޑު ފިލްމަކީ ޔޫއްޕެގެ "އިލްޒާމް" އަށް ވާނެ ކަމެވެ. ޔޫއްޕެ ޕްރޮޑަކްޝަން އާއި ދެކެދެކެވެސް ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ މި ފިލްމަކީ މުޖްތަމަޢުގައި ހިންގާ ވަަރަށް ގިނަ ކަންކަން ދައްކުވައިދޭނެ އަސަރުގަދަ ފިލްމެކެވެ.