ENGLISH
08 ޑިސެމްބަރު 2025
ހަތަރު ޕާކިން އިމާރާތް އަޅަނީ، މާރުކޭޓްތަކަށް އައު އިމާރާތްތަކެއް
08 ޑިސެމްބަރު 2025
|
މިރޭގެ. ބައްދަލްވުމުގައި ރައީސް ވާހަކަފުޅު ދައްކަވަނީ --
މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ޖުމުލަ ހަތަރު ޕާކިންގ އިމާރާތް އެޅުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތަކާއި ޕާކިން މައްސަލައަށް އިޝާރާތް ކުރައްވަ އެވެ. މާލޭ ސިޓީގެ، ހެންވޭރު ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ޖުމުލަ ހަތަރު ޕާކިންގ އިމާރާތް އެޅުމުގެ މަސައްކަތް ކުރައްވަން އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓް ގައި ހިމަނުއްވާފައިވާ ކަމަށެވެ.
އަދި މަގުހެދުމުގެ މަސައްކަތުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާ އެ މަސައްކަތް ކުރިއަށް ގެންދެވާނެ ގޮތުގެ ތަފްސީލް ދެއްވި އެވެ. މާލޭގެ ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެއްވުމަށް ޗައިނާގެ އެހީގައި ވަރަށް ބޮޑު މަޝްރޫޢުއެއް ފަށަން ސަރުކާރުން ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން ރައީސް ވަނީ މާލޭގެ މާރުކޭޓުތައް އަލުން އިމާރާތް ކުރެއްވުމުގެ މަސައްކަތް ކުރައްވާނޭ ކަން ހާމަކުރައްވާފަ އެވެ. އެގޮތުން، ލޯކަލް މާރުކޭޓު ހުރި ތަނުގައި ޒަމާނީ ފެންވަރުގެ މަސްމާރުކޭޓަކާއި ތަރުކާރީ މާރުކޭޓެއް ހިމެނޭހެން މިކްސްޑް ޔޫސް މާރުކޭޓެއް އިމާރާތް ކުރައްވައި، މަސްމާރުކާޓު މިހާރު ހުރި ސަރަހައްދުގައި މަސްވެރި ސިނާޢަތަށް ޚާއްޞަ އޮފީސް އިމާރާތެއް ތަރައްޤީ ކުރެއްވުމަށް ރާއްވަވަމުން ގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.