ENGLISH
08 ޑިސެމްބަރު 2025
ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ފަހި ބަދަލުތައް ގެންނަވާނެ: ރައީސް
08 ޑިސެމްބަރު 2025
|
މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ --
ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ބައެއް ފަހި ބަދަލުތައް ގެންނަވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ އިޢުލާނު ކުރައްވައިފި އެވެ.
އެމަނިކުފާނު މިކަން އިޢުލާނު ކުރެއްވީ މާލޭ ސިޓީގެ، ހެންވޭރު ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކަލާފާނު ސްކޫލްގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި އެންމެ ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރައްވާފައި ވަނީ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމާ ގުޅޭގޮތުންނެވެ. އެކަންކަމަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަޖުބޫރީ ހާލަތްތަކުގައި ކުރީގެ ސްކީމްތަކަށް ކުރިމަތިލާންޖެހި، އެއް ކޮޓަރީގެ ފްލެޓް ލިބިވަޑައިގެންފައިވާ ފަރާތްތަކަށް، ތިން ކޮޓަރީގެ ފްލެޓްތަކަށް ކުރިމަތިލެވޭ ގޮތަށް ސްކީމް އިޞްލާޙު ކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އަދި ސްކީމްތަކަށް ކުރިމަތިލުމަށް އޮންނަ ޝަރުޠުތަކުގެ ތެރޭ، މާލޭ ރައްވެއްސެއްގެ ގޮތުގައި ފަސް އަހަރު ހަމަވެފައި އޮތުމަށް އޮންނަ މައްސަލައަށްވެސް އީޖާބީ ޙައްލެއް ހޯއްދަވައިދެއްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެކި ސަރުކާރުތަކުން، ހުރި ބިމާއި ނެތް ބިމުން ގޯއްޗާއި ފްލެޓް ދޫކުރައްވާފައި ހުރި ގޮތާއި، އެކަންކަމުގައި ނާއިންސާފާ ކުރިމަތިލާން ޖެހިވަޑައިގެންފައިވާ ފަރާތްތަކަށް އިންސާފު ހޯއްދަވައިދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތު ދެއްވައި އެމަނިކުފާނު ވަނީ، ވަޢުދުފުޅުތައް ފުއްދަވާނޭކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.
ރައީސް ވިދާޅުވީ މިދިޔަ ވެރިކަމުގައި ހުޅުމާލެ ފޭސް ތިނެއް ނުހިއްކައި، ގޯތި ދީފައި ތިބި އެންމެންނަށް ފޭސް ތިނެއް ހިއްކާ ނިމުނުހާ އަވަހަކަށް ގޯތިތައް ޙަވާލުކުރައްވާނެ ކަމަށެވެ.
މި ސަރުކާރުން ހުޅުވާލާ ބޯހިޔާވަހިކަމުގެ ފުރުޞަތަށް ހުށަހެޅުމުގެ ފުރުޞަތު އަންނަ ޖަނަވަރީ މަހު ހުޅުވާލާނެއެވެ. އެގޮތުން މާލެ ސަރަޙައްދުން 15،000 ގޯތި ދޫކުރުމަށާއި، 3000 ފްލެޓް އެޅުމަށް ސަރުކާރުން މިހާރު ވަނީ އިޢުލާނުކޮށްފައެވެ.