ENGLISH
08 ޑިސެމްބަރު 2025
ވަޢުދާއި ޚިލާފެއް ނުވާނަން، ކުރީ ސަރުކާރުން ފްލެޓް އަތުލާފައި ތިބި ފަރާތްތަކަށް ފްލެޓް ދޭނެ: ރައީސް
08 ޑިސެމްބަރު 2025
|
މިރޭގެ ޖަލްސާގައި ރައީސް ރައްޔިތަކާއި ސަލާމް ކުރަައްވަނީ --
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހިޔާ ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާ ލިޔުންދީފައިވާ މީހުންްގެ ތެރެއިން މިދިޔަ އެމްޑީޕީ ސަރުކާރުން ފްލެޓް އަތުލި އެންމެންނަށް ވެސް ފްލެޓް ދެއްވާނެ ކަމަށާ އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅާއި ޚިލާފުވެވަޑައިނުގަންނަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވެސް ދެއްވައިފި އެވެ.
މާލެ ސިޓީގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ކުރިއަށް ގެންދަވާ ސިލްސިލާ ބައްދަލްވުންތަކުގެ ތެރެއިން ހެންވޭރުގެ ރައްޔިތުންނަށް ޚާއްސަކޮށް މިރޭ ބޭއްވި ބައްދަލްވުމުގައި އެމްޑީޕީ ސަރުކާރުން ފްލެޓް އަތުލި ބައެއް ރައްޔިތުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.
އެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު ކުރިއަށް ގެންދެވި ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭނެ މީހުން ކަނޑައަޅާ ލިޔުން ވެސް ހަވާލުކޮށްފައި ވަނިކޮށް މިދިޔަ ސަރުކާރުން ބައެއް މީހުންނަށް ފްލެޓް ނުލިބޭނެ ކަމަށް ކަނޑައަޅާ ފްލެޓް އަތުލާފައިވާ ކަމަށެވެ. އެ މީހުންނަށް ފްލެޓް ކަށަވަރުކޮށް ދެއްވުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މި ސަރުކާރުން ހިންގާ ފުރަތަމަ ހައުސިން ސްކީމަކުން އޭގެ ތެރެއިން ބައެއް މީހުންނަށް ފްލެޓް ލިބޭނެ ކަަމަށެވެ.
އެގޮތުން ފްލެޓް އަތުލާފައި ތިބި ފަރާތްތަކަށް ޚާއްސަ ކެޓަގަރީއެއް ކޮންމެ ސްކީމެއްގައިވެސް ހިމެނޭނެ ކަމަށް ވިދާޅުވި އެވެ. އަދި އެ މީހުންގެ މިހާރުގެ ހާލަތަށް ބެލުމެއް ނެތި އިތުރު ޝަރުތުތަކެއް ނެތި ފްލެޓް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
"ހަމައެކަނި އެ ފަރާތްތަކުން ޖެހޭނީ އެޕްލައި ކޮށްލަން. އެއީ އިތުރު ޝަރުތެއް އޮތް ކަމެއް ނޫން. މި އަންނަ އައު ޝަރުތުތަކެއް އެ ފަރާތްތަކަކަށް ނޯންނާނެ,"
ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ގިނަ އަދަދެއްގެ ބަޔަކު އަތުން ފްލެޓް އަތުލާފައިވާ ކަމަށާ އެހެން ކަމުން އެއް ފަހަރާ ހުރިހާ އެންމެންނަށް އެއްް ސްކީމަކުން ފްލެޓް ނުލިބިދާނެ ކަމަށެވެ. ނަމަވެސް އެންމެންނަށް ފްލެޓް ލިބެންދެން ކޮންމެ ސްކީމަކުން ވަކި އަދަދެއް ކަނޑައަޅާފައި އޮންނާނެ ކަމަށާ އެ އަދަދަށް އެ މީހުންނަށް ފުރުސަތު ދޭނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މާލެ ސަރަޙައްދުގައި ވަރަށް އަވަހަށް 7500 ފްލެޓްގެ މަސައްކަތް ފެށޭނެ އެވެ. އެ ހުރިހާ ސްކީމަކުން އެ ފަރާތްތަކަށް ފުރުސަތު ދޭނެ ކަމަށް ވިދާޅުވި އެވެ.