ENGLISH
01 ސެޕްޓެމްބަރު 2025
ލިލީ ކެރެކްޓާ ވަރަށް ތަފާތު، 20 ނޮވެންބަރުގައި އޮލިންޕަހަށް!
22 އޯގަސްޓު 2025
|
ކްރިއޭޓިވް ނެޓްވޯކުގެ އަލަތު ފީޗާ ފިލްމު “ލިލީ” ރިލީޒްކުރާނެ ތާރީޚާއެކު، ފިލްމުގެ މެއިން ކެރެކްޓަރ ދައްކާލައިފި އެވެ.
ކްރިއޭޓިވް ނެޓްވޯކުން ހާމަކޮށްފައިވާ ގޮތުގައި "ލިލީ" އޮލިންޕަހަށް އަންނަނީ ނޮވެންބަރު 20ގައެވެ. މިއީ ކްރައިމް ތްރިލާ ޖާންރާގެ ފިލްމެކެވެ.
ލިލީގެ މެއިން ލީޑަކީ ކުރިއަރަމުން އަންނަ ފިލްމީ ތަރި އައިޝާ އަލީއެވެ. އައިޝާގެ ރޯލަކީ ލިލީގެ ރޯލެވެ. ލިލީ ކެރެކްޓާގެ ޕޯސްޓަރާއި ވީޑިއޯ ޓީޒާއެއް ވަނީ ދައްކާލާފައެވެ.
އާއްމުކޮށްފައިވާ ކެރެކްޓަރ ޓްރެއިލާއިން އައިޝާ އަލީ ފެނިގެންދާ މަންޒަރުތަކުން ތަފާތު ގިނަ އިހްސާސްތަކެއް ދައްކުވައިދެއެވެ. އެގޮތުން ފެންނަނީ އައިޝާ ލޯގަނޑެއް ކުރިމަތީގައި ރީތިވާން އިންނަ ތަނެކެވެ. ކައިރީގައި އިހުގެ ރަތްފުށް ދަޅަކާއި، ފެހި ކޯލާވައްޓަރު ފުޅިއަކާއި ސްވޯން ބްރޭންޑްގެ ޒައިތޫނިތެޔޮ ފުޅިއެއް ފެނިގެންދެއެވެ.
އެމަންޒަރު ދައްކަމުން އަންނައިރު ބިތުގައި އަޅުވާފައި އޮތް ރޯޑިއޯއަކުން ކުރީގެ މަޝްހޫރު ލަވައެއް ކަމަށްވާ "މާލިލީ ބަނަފުސާމާ" ލަވަ އިވެއެވެ. ދެން ފެންނަނީ ދުންދަނޑިއެއް ރޯކޮށްލާ މަންޒަރަކާއި، ދުފުމެއް ތައްޔާރު ކުރާ މަންޒަރެވެ.
ދެން ރީތިވާން ބަހައްޓާފައިހުރި މޭޒުގައި ލިލީ ވަރަށް ބާރަށް ޖަހައެވެ. އެއާއެކު ރީތިވާ މޭޒުމަތީގައި ހުރި ލޯގަނޑު ވެއްޓެއެވެ. ދެން ފެންނަނީ ތެޅުނު ލޯގަނޑުން އެތިކޮޅަކުން ލިލީ ފެންނަ ތަނެވެ. މުޅި ލިލީ ދައްކާލަނީ އެ ހިސާބުންނެވެ.
ކްރައިމް ތްރިލާ ފިލްމު “ލިލީ”ގެ ލީޑު ތަރިންގެ ތެރޭގައި އައިޝާ އަލީ، އަހުމަދު ޝާރިފް، މުހައްމަދު އިޝްފާންގެ އިތުރުން މަރިޔަމް ޝިމާވެސް ހިމެނޭނެ އެވެ. މީގެ އިތުރުން އަހުމަދު ނިމާލް، މަރިޔަމް ހަލީމް، އަލީ ފާރޫގު، އައިޝަތު އާރިފާ އަދި މުހައްމަދު ވަހީދު ވެސް މުހިންމު ރޯލުތަކަކުން ފެންނާނެ އެވެ. މީގެ އިތުރުން އެލީޝާ ސަނީމް އަދި ހަދީޖާ އަބޫބަކުރު މުޅިން އަލަށް ދިވެހި ފިލްމަކުން ބެލުންތެރިންނަށް ފެންނާނެ އެވެ.
ފިލްމުގެ މޭކަޕްތައް ކޮށްފައިވާނީ ޖަސްޓިން އެވެ. ޑައިރެކްޓާ އޮފް ފޮޓޯގްރަފީ އަކީ ސަމާހު އިބްރާހިމް އެވެ. އެނިމޭޝަންތަކުގެ މަސައްކަތް ކޮށްފައިވާނީ ހުސައިން އިހުސާން އެވެ. ފިލްމުގެ ނަން ފަރުމާކޮށްފައިވަނީ އަބްދުﷲ (އަބޯ) ޝަފީއު އެވެ. ބެކްސްކޯރިންގެ މަސައްކަތް ކޮށްފައިވާނީ ފަތުހުﷲ ޝަކީލް އެވެ. ޅެމާއި މެލޮޑީ މުހައްމަދު އަބްދުލް ޣަނީ ހަދާފައިވާއިރު ލަވައިގެ މިޔުޒިކްތައް ހަދާފައިވަނީ ހުސައިން ތައުފީގް އެވެ.
20 ނޮވެމްބަރުގައި ރިލީޒްކުރާ ފިލްމު “ލިލީ” އަކީ މުހައްމަދު އަރީޙް އުފައްދައި އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓު ކުރާ ފިލްމެކެވެ.