ENGLISH
15 ޖުލައި 2025
ގިރާވަރުގެ މަސައްކަތް ހުއްޓިފައި، ކުންފުނިން މަސައްކަތްނުކުރާތީ އެގްރިމެންޓު ބާތިލުކުރަނީ
15 ޖުލައި 2025
|
ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ.އަބްދުﷲ މުއްތަލިބު، ފޮޓޯ: ރައީސް އޮފީސް
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރީ ސަރުކާރުން ހަވާލުކުރި ކުންފުނިން މަސައްކަތްނުކުރާތީ އެއްބަސްވުން ބާތިލުކުރުމަށް މަސައްކަތްކުރަމުންދާކަމަށާއި، މިހާރު އެ މަސައްކަތް އޮތީ އެޓާނީ ޖެނެރަލް އޮފީހާ ހަމައިގަ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި އަހާ ފޯރަމުގައި އާއްމު މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ގިރާވަރުން ގޯތި ލިބުނު ރައްޔިތުންނަށް ވީހާވެސް އަވަހަށް ގޯތި ދިނުމަކީ މުހިއްމުކަމެއްކަން ސަރުކާރުން ގަބޫލުކުރާ ކަމަށެވެ. ނަމަވެސް ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް ނިމުނު ނަމަވެސް ގިރާވަރުފަޅާއި ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަަތް ނުނިމޭތީ ގޯތި ދޫކުރަން ފެށިފައިނުވާކަމަށް މުއްތަލިބު ވިދާޅުވިއެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ގޮސްފައިވާ ހިސާބު ވިދާޅުވެދެއްވަމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ކުރީ ސަރުކާރުން ކޮންޓްރެކްޓަރަށް 20 މިލިއަން ޑޮލަރު ދޫކޮށްފައިވާކަމަށެވެ. އެއީ އެޑްވާންސް ފައިސާ ކަމުގައިވެސް އޭނާ ވިދާާޅުވިއެވެ. އިތުރަށް ކޮށްފައި ހުރި މަސައްކަތްތަކަށް ފައިސާ ދިނުމަށް ކޮންޓްރެކްޓަރު ޑިމާންޑުކުރުމުން މި ސަރުކާރުން އެ ކުންފުންޏަށް އިތުރު 15 މިލިއަން ޑޮލަރު ދޫކުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެތަނުގައި ހިއްކާފަައި އޮތީ 20 މިލިއަން ޑޮލަރަށްވާ މިންވަރަށް ކަމަށެވެ. ނަމަަވެސް 20 މިލިއަން ޑޮލަރު ކުރީ ސަރުކާރުން ދިނީ އެޑްވާންސް ފައިސާގެ ގޮތުގައިކަމަށްވާތީ އެ ކުންފުންޏަށް 15 މިލިއަން ޑޮލަރު ދިނުމުންވެސް އިތުރަށް މަސައްކަތްކުރަން ބޭނުންނުވި ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
ގިރާވަަރުފަޅު ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުން ގާއިމުކޮށްފައިވަނީ ކޮންޓްރެކްޓަރާއި މޯލްޑިވްސް ފަންޑް މެނޭޖުމެންޓު ކޯޕަރޭޝަނުގެ މެދުގައިކަން ފާހަގަކުރައްވަމުން މުއްތަލިބު ވިދާޅުވީ އެއްބަސްވުން ބާތިލުކުރުމަށް އެޓަރނީ ޖެނެރަލްގެ އޮފީހަަށް ހުށަހަޅައިގެން އެ މަސައްކަތް ކުރަމުން އައި ނަމަވެސް އެކަމަށް މިހާތަނަށް ޖުމްލަ ހައްލެއް ހޯދިފައިނުވާ ކަމަށެވެ.
"މިދަންނަވާ ކޮންޓްރެކްޓަރުގެ ކަންކަން ހިސްޓަަރީގައި ހިނގާފައި އޮތް ގޮތަށް ބަލާއިރު އަބަދުވެސް ކޮންޓްރެކްޓުތައް ހަދާފައި ހުންނަނީ ޓާމިނޭޓުކުރުމުގެ ބޭނުމުގައި. ޓާމިނޭޓްކޮށްފައި މިދަނީ އާބިޓްރޭޝަނަށް ފަައިސާ ހޯދަަން. އެގޮތުން ބޮޑެތި ބަދަލުތައްވެސް ހޯދާ. އެހެންވީމާ އަޅުގަނޑުމެން ވިސްނަންޖެހޭ ޓާމިނޭޓްކުރާއިރު ވީހާވެސް ރަނގަޅަށް އެކަންކުރަން. އެހެންނޫނިއްޔާ އަނެއްކާ އަަޅުގަނޑުމެން ގޮވައިގެން (އާބިޓްރޭޝަނަށް) ގޮސް އަޅުގަނޑުމެން ކޮންޓްރެކްޓަރަށް އެތައް ފައިސާއެއް ދޭންޖެހޭ،" މުއްތަލިބު ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި މި އެއްބަސްވުމަކީ ސަރުކާރަށް ގެއްލުންވާ ގޮތަށް ރިޔާސީ އިންތިހާބުގެ ތެރޭގައި ހަދާފައިވާ އެއްބަސްވުމަކަށްވެފައި، އެއްބަސްވުމުގެ ދަށުން ކޮންޓްރެކްޓަަރަށް 35 މިލިއަން ޑޮލަރު ދޫކޮށްފައިވާތީއާއެކު ސަރުކާރުގެ ވިސްނުން ހުރީ އިތުރު ބަދަލެއް ދޭންނުޖެހޭނެ ގޮތަށް އެއްބަސްވުން ބާތިލުކުރުމަށް ކަމަށެވެ. އަދި ބަންޑާރަނައިބުގެ އޮފީހުން އެ މަސައްކަތަށް ވަގުތު ނަގަނީވެސް ބަދަލެއް ދޭންނުޖެހޭ ގޮތަށް އެކަން ކުރުމަށް މަސައްކަަތްކުރާތީ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވީ ގިރާވަރުފަޅުން ދޫކުރި ބައެއް ގޯތިތައް ގުޅިފަޅަށް ބަދަލުކުރުމާ ގުޅިގެން ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެންނަންޖެހިފައިވާ ކަމަށެވެ. އަދި މިހާރު ކުރަމުން އަންނަ މަސައްކަތަކީ އެބަދަލުތަކާއެކު އައު ލޭންޑް ޔޫސް ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ކަމުގައިވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެ މަސައްކަތް ނިމުނުހައި އަވަހަކަށް ގިރާވަރުން ގޯތި ލިބުނު މީހުންނާ މަޝްވަރާކޮށް އެމީހުން ރުހޭނަމަ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ގޯތި ދޫކުރުމަށްޓަކައި ގޯތި ލިބޭ ތަންތަން ކަނޑަައެޅުމަށް ގުރުއަތު ނަންގަވާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޑރ.މުއްތަލިބު ވިދާޅުވީ މިހާރު ގިރާވަރުފަޅުން 60 ހެކްޓަރުގެ ބިން އޮތީ ހިއްކައި ނިމިފައި ކަމަށެވެ. އެހެންކަމުން ގުރުނެގުމަށްފަހު ހިއްކައި ނިމިފައި އޮތް ސަރަހައްދުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ހައްދަވައިދެއްވައި ދޫކުރައްވާނެ ކަމަށެވެ.