ENGLISH
15 ޖުލައި 2025
ޖޭއެސްސީގެ އާއްމު މެންބަރުގެ މަގާމަށް އިދުރީސް އައްޔަންކުރަން ފާސްކޮށްފި
15 ޖުލައި 2025
|
ޖުޑީޝަލް ސާވިސަސް ކޮމިޝަން، ފޮޓޯ: މިހާރު
ޖުޑީޝަލް ސާވިސް ކޮމިޝަަނަށް އާއްމުންގެ ތެރެއިން މަޖިލީހުން އައްޔަންކުރާ މެންބަރުކަމަށް އިދުރީސް ފައުޒީ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިހާރު ޖޭއެސްސީގައި އާއްމުންގެ ފަރާތުން އައްޔަންކޮށްފައި އިންނަވާ މެންބަރު އައިމިނަތު އުއްމުކުލްސޫމްގެ ދައުރު ހަމަވާން ކައިރިވެފައިވާތީ އެ މަގާމަށް ކުރިމަތިލާން ހުޅުވައިލުމުން އަށް ބޭފުޅަކު އެ މަގާމަށް ކުރިމަތިލެއްވިއެވެ. އެ ބޭފުޅުން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް އިންޓަވިއުކުރުމަށްފަހު މާކްސް ދީފައިވެއެވެ.
ކޮމިޓީ މަރުހަލާގައި އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވި ހަތަރު ބޭފުޅުންގެ ނަންފުޅު މަޖިލީހުގެ ތަޅުމަށް ކޮމިޓީން ފޮނުވިއެވެ.
އެ ހަތަރު ބޭފުޅުންގެ ތެރެއިން ކޮމިޓީ މަރުހަލާގައި އެންމެ މަަތިން މާކްސް ލިބިވަޑައިގަތީ އިދުރީސަށެވެ. އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވި އިދުރީސް ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރުމށް މިއަދު އޮތް މަޖިލީހުގެ ޖަލްސާގއި ފާސްކޮށްފައިވެއެވެ.
އިދުރީސް މިވަގުތު ހުންނެވީ ލ.ކަލައިދޫ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ.
ގާނޫނުއަސާސީގައި ބަޔާަންކޮށްފައިވާ ގޮތުން ޖޭއެސްސީގައި ތިއްބަވަނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީއަށް އިންތިހާބުކުރާ މެންބަރަކާއި މަޖިލީހުގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ބޭފުޅަކީ އާއްމުންގެ ތެރެއިން މަޖިލީހުން އައްޔަންކުރާ ބޭފުޅަކާއި، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސާއި ބަންޑާރަނައިބާއި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ބޭފުޅަކާއި، ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިހާބުކުރާ ފަނޑިޔާރަކާއި ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރަކާއި ސުޕްރީމް ކޯޓުން ކަނޑައަޅާ ފަނޑިޔާރަކެވެ.