ENGLISH

15 ޖުލައި 2025

Advertisement

ކުރީ ވެރިކަމުގައި 202 މިލިއަނުގެ ގެއްލުންވި އެމްއެމްޕީއާރުސީއަށް ނިމުނު އަހަރު 27.5 މިލިއަނުގެ ފައިދާއެއް

15 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

އެމްއެމްޕީއާރްސީގެ އެމްޑީ އިބްރާހީމް ޝިއުރީ

ފާއިތުވި ސަރުކާރުގައި ޖެހިޖެހިގެން ހަތަރު އަހަރު ގެއްލުންވެ ޖުމްލަ 202.5 މިލިއަން ރުފިޔާއިން ގެއްލުންވެފައި އޮތް އެމްއެމްޕީއާރްސީއަށް ފާއިތުވި 2024 ވަނަ އަހަރު 27.5 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ކުރިން ސަރުކާރުގެ މައްޗަށް އެކަނި ބަރޯސާވެގެން ހިންގަމުން އައި ކުންފުނިތައް ފުދުންތެރި އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުންފުނިތަކަށް ހެދުމަށް ގިނަ މަސައްކަތްތަކެ ސަރުކާރުން އަންނަނީ ކުރަމުންނެވެ. 

އެމްއެމްޕީއާރްސީއަކީ ކުރީ ސަރުކާރުގައި ޖެހިޖެހިގެން ހަތަރު އަހަރު ގެއްލުންވެފައި އޮތް ކުންފުންޏެކެވެ. އެ ކުންފުނިން ބުނި ގޮތުގައި ޖެހިޖެހިގެން ހަތަރު އަހަރު އެ ކުންފުނި ގެއްލުމުގައި ހިންގުމުގެ ސަބަބުން ކުންފުނީގެ އާމްދަނީއާއި އެސެޓުތަކާ ނުބައްދަލު މިންވަރަކަށް ކުންފުނީގެ ދަރަނި އޮތީ އިތުރުވެފައެވެ. 

އެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެ ކުންފުނިން އަޅަމުންދާ ބައެއް ފިޔަވަަޅުތައް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއާ އެ ކުންފުނިން ހިއްސާކުރިއެވެ. އެ ފިޔަވަޅުތަކުގެ ތަފުސީލު ކޮމިޓީގެ ރިޕޯޓުގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ޕްރޮމޯޝަނަށް ބޭނުންކުރާ ތަކެތި ޕްރިންޓުކުރުމުގެ ހަރަދު ކުޑަކުރުމާއި، ޝިޕިން ހަރަދުތައް ކުޑަކުރުމާއި ޖޮއިންޓް މާކެޓިން މަސައްކަތްތައް ކުރިއަށްގެންދިއުން ހިމެނެއެވެ. 

އޭގެ އިތުރަށް ކުންފުނީގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން މެމްބަރޝިޕް ފީ ބޮޑުކުރުމާއި، ކުންފުނިން އުފައްދާ ޕަބްލިކޭޝަންތަކުގައި އިޝްތިހާރު ޖެހުމަށް ވިއްކާ ސްލޮޓުތަކުގެ އަގު ބޮޑުކުރުމާއެކު ކުންފުންޏަށް ލިބޭ އާމްދަނީ އިތުރުވެފައިވާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. 

މިއަދު ބޭއްވި އެމްއެމްޕީއާރްސީގެ އަހަރީ އާއްމު ބައްދަލުވުމުގައި އެ ކުންފުނިންވަބީ ފާއިތުވި އަހަރުގެ މާލީ ހިސާބުތައް އާއްމުކޮށްފައެވެ. އެ ކުންފުނިން އަޅާފައިވާ ފިޔަވަޅުތަކާއެކު ކުންފުނީގެ ހިންގުމުގެ ހަރަދު 10 އިންސައްތަ ކުޑަކޮށް، އެހެނިހެން ހަރަދުތައް ކުޑަކުރުމަށްވެސް ގިނަ ފިޔަވަޅުތަކެއް އަޅައި ނަތީޖާ ނެރެފައިވެއެވެ. 

ފާއިތުވި ސަރުކާރުގައި އެ ކުންފުންޏަށް ލިބުނު ގެއްލުމަށް ބަަލާއިރު 2020 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް 202 މިލިއަން ރުފިޔާގެ ގެއްލުންވެފައިވެއެވެ. އެއީ: 

2020 ގައި 1.6 މިލިއަންގެ ގެއްލުން 

2021 ގައި 141 މިލިއަންގެ ގެއްލުން 

2022 ގައި 42 މިލިއަންގެ ގެއްލުން 

2023 ގއި 17.9 މިލިއަންގެ ގެއްލުން 

ޖެހިޖެހިގެން ހަތަރު އަހަރު ގެއްލުމުގައި ހިންގުމަށްފަހު ސަރުކާރުން ބަދަލުވުމާއެކު ހަރަދު ކުޑަކޮށް އާމްދަނީ އިތުރުކުރުމަށް އެޅި ފިޔަވަޅުތަކާއި ތަންފީޒުކުރި ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން އެ ކުންފުންޏަށް ނިމުނު އަހަރު 27.5 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވެއެވެ. 

ސަރުކާރުގެ ގިނަ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ކުންފުނިތަކުގެ ހިންގުމުގައާއި ހިދުމަތް ދިނުމުގައި ސަރުކާރުގެ މައްޗަށް ބަރޯސަވާ މިންވަރު ކުޑަކުރުމަކީ ރާއްޖެއަށް ފާއިތުވި ފަސް އަހަރު ތަންފީޒުކުރި މާލީ ސިޔާސަތުތަކުގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް ކޮންމެހެން ކުރަންޖެހިފައި އޮތް ކަމެއްގެ ގޮތުގައި މާލީ އިދާަރާތަކުން ފާހަގަކުރެއެވެ. 

ކިޔުންތެރިންގެ ހިޔާލު