ENGLISH
15 ޖުލައި 2025
އުއްމީދަކީ ފަންނުވެރިންނަށް އޮގަސްޓް މަހު މާލީ އެހީތެރިކަން ފޯރުކޮށްދޭން ފެށުން: ވަޒީރު
15 ޖުލައި 2025
|
އަހާ ފޯރަމްގައި ވަޒީރު އިބްރާހީމް ވަހީދު ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ޕީއެސްއެމްނިއުސް
ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް، އުއްމީދަކީ އޮގަސްޓް މަހުން ފެށިގެން މާލީ އެހީތެރިކަން ފޯރުކޮށްދޭން ފެށުން ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދައުލަތުގެ މީޑިޔާ ޕަބްލިކް ސާވިސް މީޑިޔާ ގުޅިގެން ކުރިއަށްގެންދާ "އަހާ ފޯރަމް" ގެ ހަ ވަނަ ބައްދަލުވުމުގައި އާއްމު މީހަކު ވަނީ މިއުޒީޝަނުންނާއި ޒުވާން އާޓިސްޓުންނަށް އޮތް ފުރުސަތުތަކާއި ގުޅޭގޮތުން ވަޒީރާ ސުވާލުކޮށްފައެވެ.
ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވީ ފަންނުވެރިންނަށް އަމާޒުކޮށްގެން މައިގަނޑު ދެ މަސައްކަތެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެއީ ފަންނުވެރިންނަށް ޚާއްޞަ ޕްރޮޑަކްޝަން ހައުސް ޤާއިމުކުރުމުގެ މަސައްކަތާއި، ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ފެށުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާއިރު، އެކަމަށް 25 މިލިއަން ރުފިޔާ ކަނޑައަޅާފައިވާކަމަށެވެ.
"ފުރަތަމަ ބެޗު އަޅުގަނޑުމެން ފަށާނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ އުއްމީދަކީ އޮގަސްޓް މަހު އެކަން ފެށުން. އެކަމަށް އުސޫލު އަޅުގަނޑުމެންނަށް ތައްޔާރުކުރެވިއްޖެ. އޭގެ ގާނޫނީ ލަފައާއި އެހެން ކަންކަން އަދި މީގެ އިތުރުން އެ އެހީ ދޭނެ ސީދާ ގޮތްތަކެއް އަޅުގަނޑުމެން މިދަނީ ރާވަމުން. މިދެންނެވި އުސޫލު ތައްޔާރުކުރުމުގަ އަޅުގަނޑުމެން ވާނީ އާޓިސްޓުންގެ އެހީތެރިކަމަށް ގޮވާލާފަ. ދެ ބައްދަލުވުމެއް އަޅުގަނޑުމެންނަށް ބޭއްވުނު. ވަރަށް ގިނަ އާޓިސްޓުން ބައިވެރިވެ ހިޔާލުތައް ދެއްވި. ތިބޭފުޅުންގެ ހިޔާލާ އެއްގޮތަށް އަޅުގަނޑުމެން އެހީ ދިނުމުގެ އުސޫލު ވާނީ ނިންމާފަ" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވީ މިހާރު ކުރަމުންދަނީ މާލީ އެހީތެރިކަމަށް އެދުމަށް ތައްޔާރުކުރަންޖެހޭ ޕޯޓަލް ހެދުމުގެ މަސައްކަތް ކަމަށެވެ. ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްގެންދާއިރު، މިހާރުވެސް ފަންނާނުންނަށް ހިލޭ އޮލިމްޕަސް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ފަންނުވެރިންނަށް ފުރުސަތުތައް ހޯދައިދޭއިރު ސަރުކާރުގެ އަމާޒަކީ މާލެ ސަރަހައްދުގެ އިތުރުން މުޅި ރާއްޖޭގައި އެފަދަ ފުރުސަތުތައް ފަހިކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޕްރޮޑަކްޝަން ހައުސްގެ މަސައްކަތާއި ގުޅޭގޮތުން ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވީ، އެމަސައްކަތްކުރާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. މިއަހަރުގެ ތެރޭގައި ޕްރޮޑަކްޝަން ހައުސް ހުޅުވައި އާޓިސްޓުންނަށް އެތަން ބޭނުންކުރަން ފެށޭނެކަމަށް އުއްމީދުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ފަންނުވެރިންނަށް ހުޅުވާލާފައިވާ ފުރުސަތުތަކުގެ އިތުރުން، ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން އެ ވުޒާރާގެ ޔޫތު ޑިޕަރޓްމަންޓުގައި "ޔޫތު ހެލްތު ކެފޭ" ގެ ޚިދުމަތް ދެމުންގެންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެތަނުގައި ޒުވާނުންނަށް ނަފްސާނީ ގޮންޖެހުންތަކުގެ ޕްރޮފެޝަނަލް އެހީތެރިކަން ފޯރުކޮށްދޭއިރު، ގިނަ ޒުވާނުންތަކެއް އެ ފުރުސަތުގެ ބޭނުންކުރާކަން ވަޒީރު ފާހަގަކުރެއްވިއެވެ.