ENGLISH
15 ޖުލައި 2025
ފިކުރީ މުދާ ޙިމާޔަތްކުރުމަށް އައު އޮފީހެއް އުފެއްދުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި
15 ޖުލައި 2025
|
ފިކުރީ މުދާ ޙިމާޔަތްކުރުމަށްޓަކައި "މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް" ގެ ނަމުގައި އައު އޮފީހެއް އުފެއްދުމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
މި
ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން
ޙަމީދެވެ.
ބިލު ހުށަހަޅުއްވަމުން މެންބަރު ޙުސައިން ޙަމީދު ވިދާޅުވީ، މި ބިލުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ފިކުރީ މުދާ ޙިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އުފެއްދުންތެރިކަމަށް ހިތްވަރުދީ، އެ ދާއިރާ ކުރިއަރުވައި ޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިކުރުން ކަމަށެވެ.
"މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގްސަދަކީ، ފިކުރީ މުދާ ހިމާޔަތްކުރާނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، އެ ނިޒާމަށް ފާރަވެރިވާނެ، ޒިންމާދާރުވާނެ ފަރާތެއް ކަނޑައަޅާ އޮފީހެއްގެ ނަމުގައި އެކަން އުފެއްދުން" - ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދު
މި ބިލުގައި ފިކުރީ މުދަލުގެ ގޮތުގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ ތެރޭގައި ޓްރޭޑްމާކް، ކޮޕީރައިޓް، ޕޭޓަންޓް، އިންޑަސްޓްރިއަލް ޑިޒައިން އަދި ޖިއޮގްރަފިކަލް އިންޑިކޭޝަންތައް ހިމެނެއެވެ. އަދި، މީގެ އިތުރުން މި ބިލުގެ ދަށުން ފިކުރީ މުދަލުގެ ދަފްތަރެއްވެސް އެކުލަވާލައި ބަލަހައްޓަންޖެހޭގޮތަށް ވަނީ ހިމަނައިފައެވެ.
އުފެއްދުމަށް ހުށަހަޅާފައިވާ މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފިކުރީ މުދާ ރަޖިސްޓްރީކުރުމާއި، ޙިމާޔަތްކުރުމާއި، އެ ދާއިރާއާ ގުޅޭ ޤާނޫނުތައް ތަންފީޛުކުރުން ހިމެނެއެވެ.
މި ބިލު ފާސްވެ ޤާނޫނަކަށް ވެގެންދިއުމުން، ދިވެހިރާއްޖޭގައި ފިކުރީ މުދާ ޙިމާޔަތްކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، އުފެއްދުންތެރިކަމާއި އީޖާދުކުރުމުގެ ރޮނގުން ކުރިއެރުންތަކެއް ލިބުމުގެ އިތުރުން ޤައުމުގެ އިޤްތިޞާދީ ދުވެލި އިތުރުވެ، ވިޔަފާރީގެ ދާއިރާގައި އައު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ހަމީދު އިތުރަށް ވިދާޅުވީ މި އޮފީހުގެ ސަބަބުން ފިކުރީ މުދަލުގެ ވައްކަމުގެ ބިރު ނެތިގެންދާނެކަމަށެވެ. އިގްތިސާދެއް ބިނާކުރުމަށް މި ބިލު މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.
މި އޮފީސް ހިންގުމަށްޓަކައި މީހަކު އައްޔަނުކުރުމަށް ބިލުގައި ހިމަނާފައިވާނެކަމަށާއި، އެއާއިއެކު މިހުރިހާ ކަމަކީ އެ ފަރާތުގެ ޒިންމާއެއްކަމަށް ފާހަގަކޮށް ހަމީދު ވިދާޅުވީ މީގެ ކުރީގައި މިފަދަ ކަންކަމުގެ ހައްގު ހޯދަން ދާނެ ވަކި ފަރާތެއް ނުހުންނަކަމަށެވެ.