ENGLISH

15 ޖުލައި 2025

Advertisement

ދިވެހި ހުރިހާ ހާޖީން ވެސް ފާހަގަކުރީ މިއަހަރުގެ އިންތިޒާމުތަކުގެ ފުރިހަމަކަން: ރައީސް

15 ޖުލައި 2025

|

ޝާމަ ޝުޢައިބު

ދިވެހި ހައްޖުވެރިން - ފޮޓޯ: ހައްޖު ކޯޕަރޭޝަން

މި އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ދިވެހި ހުރިހާ ހާޖީން ވެސް އެންމެ ބޮޑަށް ފާހަގަކުރީ އަޅުކަމުގެ އެކި ކަންކަމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ގޮތުގެ ރަނގަޅުކަމާ ފުރިހަމަކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގެ އަށްވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއަހަރުގެ ހައްޖުގެ އަޅުކަމުގެ އިންތިޒާމްތައް ސައުދީ ސަރުކާރުން ހަމަ ޖައްސާފައިވަނީ ދުރާލާ އެކަމަށް ތައްޔާރުވެ، ވިސްނުންތެރިކަމާއެކު ވަރަށް ފުރިހަމައަށް ކަމަށެވެ. 

އެގޮތުން ދުނިޔޭގެ ހުރިހާ ގައުމަކުން ދިއަ ހައްޖާޖީންނަށް ވެސް އިންތިޒާމްތައް ހަމަޖައްސާފައިވަނީ ވަރަށް ރަނގަޅަށް ކަމަށް ރައީސް ވިދާޅުވިއެވެ. ހުރިހާ ކަމެއް ވެސް ފަސޭހަކަމާއެކު ކުރެވޭ ގޮތަށް ކަންތައްތައް ރާވާފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ޚާއްސަކޮށް ދިވެހިރާއްޖެ މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރި ކުރުމަށް ސައުދީ ސަރުކާރުން ނިންމި އިރު ރައީސް ފާހަގަކުރެއްވި ގޮތުގައި މިނާގައި ދިވެހިންނަށް ޚާއްސަ ކުރި ސަރަހައްދަކީ އަދި ހިމެނުނު ކެޓަގަރީގެ ފެންވަރު ވަރަށް މައްޗެވެ. 

"ދިވެހިންނަށް ބަލާއިރު މައްކާ ރޫޓް އިނީޝިއޭޓިވްގަ ރާއްޖެ ހިމެނުން ފާހަގަކޮށްލެވޭ. އޭގެ އިތުރުން ވެސް ވަރަށް ގިނަ ކަންކަން ފާހަގަކުރެވޭ. އެގޮތުން މިނާގަ ދިވެހިންނަށް ޚާއްސަ ސަރަހައްދު، އެ ކެޓަގަރީގެ ފެންވަރު ވަރަށް މަތި. މިހެން ގޮސް ވަރަށް ގިނަ ކަންކަން ރަނގަޅު. ހުރިހާ ދިވެހި ހައްޖާޖީން ވެސް ވަރަށް ބޮޑަށް އެކަން ފާހަގަކުރި. ވަރަށް ރަނގަޅަށް ދިއަ ހައްޖެއް. " - ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

މި އަހަރު ރާއްޖެއިން 1،000 މީހަކު ހައްޖަށް ގޮސްފައިވެއެވެ. ހައްޖުވެރިންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ސައުދީ އަރަބިއްޔާއިންވަނީ މައްކާ ރޫޓް އިނިޝިއޭޓިވްގައި ރާއްޖެ ބައިވެރިކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިފަހަރު ހައްޖުވެރިންނަށް ޖިއްދާ އެއާޕޯޓުގައި މަޑުކުރަންނުޖެހި ހޮޓަލަށް ދެވޭނެ އިންތިޒާމު ހަމަޖެހުނެވެ. 

އޭގެ އިތުރަށް އަމިއްލައަށް އެއާޕޯޓުން ހޮޓަލަށް ލަގެޖު އުފުލަންނުޖެހޭ ގޮތަށް ހަމަޖައްސައި ހުރިހާ ލަގޭޖެއް ހައްޖުވެރިން ހޮޓަލަށް ދިއުމުގެ ކުރިން ގެންގޮސްދިނުމުގެ އިންތިޒާމުވެސް މައްކާ ރޫޓް އިނިޝިއޭޓިވްގެ ތެރެއިންވަނީ ހަމަޖައްސާފައެވެ. 

މިނާގެ ފެންވަރު ރަނގަޅު ކުރުމަށް ކެޓަގަރީ ބީއަށް ރާއްޖެ ވަނީ ބަދަލުކޮށްފަ އެވެ. މި ބަދަލާ އެކު ދިވެހި ހައްޖުވެރިން މިނާ އަދި އަރަފާތުގައި ތިބޭ ޓެންޓުތަކުގައި ކޮންމެ ހާޖީއަކަށް ހާއްސަ ސޯފާ އެނދެއް ހުއްޓެވެ. ދިވެހި ހައްޖުވެރިން ތިބޭ ފޭލިގެތަކުގައި އިތުރު ގައުމެއްގެ ހާޖީނެއް ވެސް މިއަހަރު ނުތިބެއެވެ. މީގެ އިތުރުން އަރަފާތުގައި ދިވެހި ޙައްޖުވެރިން ތިބޭ ފޭލިގެތަކުގައި ވެސް ކޮންމެ ހާޖީއަކަށް ވަކިން ސޯފާ އެނދުގެ އިންތިޒާމް ވެސް ހަމަޖައްސާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު