ENGLISH
15 ޖުލައި 2025
ޒުވާނުން ވަޒީފާއަށް ނެރުމަށް ގިނަ މަސައްކަތްތަކެއް، ހާހަކަށް ވުރެ ގިނަ ކުދިން ތަމްރީނުކޮށްފި
15 ޖުލައި 2025
|
ރޭ ބޭއްވި "އަހާ ފޯރަމް" ގައި ވަޒީރު އިބްރާހީމް ވަހީދު ވާހަކަފުޅުދައްކަވަނީ.
ރާއްޖޭގައި ޒުވާނުންނަށް އޮތް ވަޒީފާގެ ފުރުސަތުތައް ފަހިކޮށް، ޒުވާނުން ވަޒީފާގެ މާހައުލަށް ނެރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާކަމަށާއި، މިހާތަނަށް ހާހަކަށް ވުރެ ގިނަ ޒުވާނުންނަށް ޕްރޮގްރާމްތައް ކުރިއަށްގެންގޮސްފައިވާކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދައުލަތުގެ މީޑިޔާ ޕަބްލިކް ސާވިސް މީޑިޔާ ގުޅިގެން ކުރިއަށްގެންދާ އަހާ ފޯރަމްގެ ހަ ވަނަ ބައްދަލުވުމުގައި، އާއްމު ފަރާތަކުން ވަނީ ރާއްޖޭގެ ޒުވާނުންނަށް ވަޒީފާ ނުލިބުމުގެ މައްސަލަ ހައްލުކުރުމަށް އެ ވުޒާރާއިން ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ.
ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވީ ޒުވާނުން ވަޒީފާގެ މާހައުލަށް ނެރުމަށް ތައްޔާރުކުރުމުގެ ގޮތުން މިހާތަނަށް 1100 އަށް ވުރެ ގިނަ ޒުވާނުންނަށް ޕްރޮގްރާމްތައް ކުރިއަށްގެންގޮސްފައިވާނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ އެ ވުޒާރާއިން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް (ނެޕް) މެދުވެރިކޮށް ހިންގާފައިވާ ޕްރޮގްރާމްތަކާއި ކޯސްތައް މެދުވެރިކޮށް 657 ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދީފައިވާނެ ކަމަށެވެ. އެ ޒުވާނުން މިހާރު ވަޒީފާ އަދާކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ނޭޝެނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް (ނެޕް) އަޅުގަނޑުމެންނަށް މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ހިންގިއްޖެ. 657 ކުދިންނަށް. އޭގެ މާނައަކީ މި ދެއަހަރުގެ ތެރޭގައި ކޮންމެ ދުވަހަކަށް ކުއްޖެއް ނެރެވިއްޖެ. އެކުދިން ތިބޭނީ ވަޒީފާގައި މިހާރު. އޭގެ މާނައެއް ނޫން ސަރުކާރު ވަޒީފާގައޭ. މިސާލަކަށް އިއްޔެގައި އަޅުގަނޑުމެން މި ފެށީ މެރިއޮޓް އިންޓަނޭޝަނަލް އާއިއެކު. އިއްޔެ ހަވީރުގައި. އަޅުގަނޑުމެންގެ މިނިސްޓްރީގެ ޓީމަކާއި އެބޭފުޅުންގެ ރިސޯޓް އެއްބަސްވުމުގައި ސޮއިކޮށްގެން ކުރިއަށް މި ގެންދަނީ. އޭގެ ދެ ބެޗު މިހާރު ނިމިއްޖެ. އެކުދިން ތިބޭނެ މިހާރު މިހާރު މެރިއޮޓްގެ ރިސޯޓުތަކުގައި" އިބްރާހީމް ވަހީދު ވިދާޅުވިއެވެ.
އެ ވުޒާރާގެ މަސައްކަތުގެ ތެރޭގައި ޒުވާނުން ވަޒީފާތަކަށް ތައްޔާރުކުރުމަށް ހިންގާ ކޯސްތައް ވެސް ހިމެނެއެވެ. އެގޮތުން ވަޒީފާތަކަށް ޝަރުތުހަމަނުވާ ދަރިވަރުންގެ ލެވެލް މަތިކުރުމަށް ކޮމިއުނިޓީ އަޕްސްކިލިން (ކަޕް) ގެ ދަށުން 420 ޒުވާނުން ތަމްރީނުކޮށްފައިވާކަމަށް ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވިއެވެ. އެ ޕްރޮގްރާމް ފުރިހަމަކުރި ޒުވާނުންނަށް މިހާރު ވަޒީފާ އަދާކުރެވޭނެ ޝަރުތު ހަމަވާނެ ކަމަށާއި، ވަޒީފާ ނުލިބުމުގައި އޮތް ހުރަސް ނައްތާލެވިފައިވާނެކަމަށް ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ޒުވާނުން ވަޒީފާއަށް ނެރުމަށްޓަކައި އަމިއްލަ ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ ވުޒާރާތަކުން އަބަދުވެސް މަސައްކަތްކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ވަޒީފާގެ މައްސަލައަށް ދާއިމީ ހައްލެއް އަންނާނީ ކުންފުނިތަކާއި ސަރުކާރު ގުޅިގެން މަސައްކަތް ކުރުމަށް ކަމަށެވެ.