ENGLISH
15 ޖުލައި 2025
ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ އާ ސިނަމާއެއް އެޅުމުގެ މަޝްވަރާތައް ފަށައިފި
15 ޖުލައި 2025
|
ރޭ އޮތް އަހާ ފޯރަމްގެ ތެރެއިން.
ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ މުޅިން އާ ސިނަމާއެއް އެޅުމަށް ބޭރުގެ އިންވެސްޓަރަކާއެކު މަޝްވަރާތައް ފަށާފައިވާކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ރޭ ބޭއްވި "އަހާ ފޯރަމް" ގައި، ފިލްމު އެޅުވުމަށް މިހާރު ބޭނުންކުރާ އޮލިމްޕަހުގެ ބަދަލުގައި އާ ސިނަމާއެއް އެޅުމުގެ މުހިއްމު ކަމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ ވަރަށް ގިނަ ސަރުކާރުތައް ބަދަލުވެއްޖެ ކަމަށާއި، އެހެންނަމަވެސް ރާއްޖޭގައި ފެންވަރު ރަނގަޅު ސިނަމާއެއް ނެތް ކަމަށެވެ. މާލޭގައި މިހާރު ހުރި އޮލިމްޕަހަކީ ފިލްމު އަޅުވަން ތައްޔާރުކޮށްފައިވާ ތަނެއް ނޫން ކަމަށާއި، އެހެންކަމުން އޮލިމްޕަސް އިތުރަށް ތަރައްޤީކުރުމުގެ ވިސްނުން ގެންގުޅުން ރަނގަޅު ނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ހިޔާލު ހުއްޓިގެން ގޮސްގެން ނުވާނެ އަދިވެސް އޮލިމްޕަސް އަޅާކަށް. އޮލިމްޕަސް އަޅުގަނޑުމެން ޖެހޭނީ ހިޔާލު ދޫކޮށްލަން. އަޅުގަނޑުމެން އަޅަން ޖެހޭނީ ޒަމާނީ ފެންވަރު ސިނަމާއެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރާނަން. އެކަން ކުރުމަށް ބޭރުގެ ޕޮޓެންޝަލް އިންވެސްޓަރުންނާ އަޅުގަނޑުމެންނާ ވާހަކަދެއްކިއްޖެ" އިބްރާހީމް ވަހީދު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ވާހަކަދައްކައިގެން ހުޅުމާލެއިން ބިމެއް ހޯދައިގެން އެމަސައްކަތް ކުރާނެ ކަމަށެވެ. ހުޅުމާލޭގައި އަޅާނީ ޒަމާނީ ފެންވަރުގެ ހަތަރު ސްކްރީން ހިމެނޭ ސިނަމާއެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. ސިނަމާގެ މަސައްކަތް ކުރުމަށް އިންވެސްޓަރުން ތިބީ ތައްޔާރަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ ޕްރޮޑިއުސަރުން އެބަތިބި ކަމަށާއި، އެ ޕްރޮޑިއުސަރުންގެ ކަންބޮޑުވުންތައް ވެސް ގިނަކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެކަމަށް ހައްލު ހޯދަން އޮލިމްޕަސް ބަންދުކޮށްގެން މަރާމާތު ފެށުމުން ވިޔަފާރި ބަންދުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އޮލިމްޕަހުގައި އެންމެ ސްކްރީނެއް ހުރުމުން ޕްރޮޑިއުސަރުންގެ ޑިމާންޑާ އެއްވަރަށް އެތަން ދޫކުރަން މިހާރުވެސް ދަތިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އަލަށް ގާއިމުކުރާ ސިނަމާގައި ފިލްމު އެޅުވުމުގެ ޒަމާނީ ފެންވަރުގެ އެހެނިހެން ވަސީލަތްތައް ވެސް ތަރައްގީކުރެވިގެން ދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.