ENGLISH
16 ޖުލައި 2025
ފަހު ހާފުގެ ކުރީކޮޅުގައި ބަދަލުތަކެއް ގެނައީ ފައިނަލް މެޗާމެދު ވިސްނުމަށްފަހު: އެންރީކޭ
10 ޖުލައި 2025
|
ޕީއެސްޖީގެ ކޯޗު، އެންރީކޭ. ފޮޓޯ: ގެޓީ އިމޭޖަސް
މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގައި ރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު، ޕީއެސްޖީގެ ފުރަތަމަ އެގާރައިގައި ހިމެނުނު މުހިއްމު ކުޅުންތެރިންތަކެއް ބަދަލުކުރީ، ކުރިއަށް އޮތް ފައިނަލް މެޗާމެދު ވިސްނުމަށްފަހުގައި ކަމަށް އެ ޓީމުގެ ކޯޗު، ލުއިސް އެންރީކޭ ބުނެފިއެވެ.
އެންރީކޭ މިހެން ބުނީ، މެޗަށްފަހު ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި ޕީއެސްޖީން ދެ ލަނޑުގެ ލީޑެއް ނެގިއިރު، އެ ޓީމުން ހާފު ނިންމާލީ 4-0 އިން ކުރީގައި އޮވެގެންނެވެ. އެ ޓީމަށް މި ލަނޑުތައް ޖަހައިދިނީ، ފަބިއެން ރުއިޒް ދެ ގޯލާއި، އޮސްމާނޭ ޑެމްބެލޭ އާއި ގޮންސާލޯ ރާމޯސް އެވެ.
އެންރީކޭ ބުނީ، ރެއާލްއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ހާފުގެ ކުރީބައިގައި އޭނާގެ ޓީމަށް ބަދަލުތަކެއް ގެނައީ، މުބާރާތުގެ ފައިނަލްގައި ޗެލްސީއާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗަށް ވިސްނައިގެން ކަމަށެވެ.
ޕީއެސްޖީގެ ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ. ފޮޓޯ: އޭޕީ
މިއީ އިދިކޮޅަށް ކުޅުނު ރެއާލް ކޮޅަށް އިތުރު ލަނޑުތަކެއްޖަހައި، ފަރަގު ބޮޑުކުރުމުގެ ނިޔަތް ނެތުމުން ނޫން ކަމަށާއި، ނުވަތަ އެއީ މެޗުން ގާތްގަނޑަކަށް މޮޅު ކަށަވަރުވެފައިވުމުން އެ ހުރިހާ ކަންތައްތަކެއް ކުރުމަށް ޝައުޤުވެރިކަން ވެސް ނެތުމުން ނޫން ކަމަށް އެންރީކޭ ބުންޏެވެ.
އޭނާ ބުނީ، ޕީއެސްޖީގެ މުހިއްމު ކުޅުންތެރިން ކަމަށްވާ، އޮސްމާނޭ ޑެމްބެލޭ އާއި ކްވިޗާ ކްވަރަޝްކޭލިއާގެ އިތުރުން ޑެޒައިރީ ޑުއޭ އާއި ފަބިއެން ރުއިޒް އަދި ނޫނޯ މެންޑޭސް ބަދަލުކުރީ، މުބާރާތުގެ ފައިނަލް މެޗުގެ ކުރީން އެ ކުޅުންތެރިންނަށް އަރާމުކުރަން އިތުރު ވަގުތު ދިނުމުގެ ގޮތުން ކަމަށެވެ.
އެންރީކޭ ފާހަގަކުރިގޮތުގައި، އެމެރިކާގައި ކުރިއަށްދާ ކްލަބް ވޯލްޑް ކަޕްގެ މެޗުތައް ގަދަ ހޫނުގައި ކުޅެން ޖެހުމާއެކު، ވަރުބަލިކަން ތަހައްމަލުކުރަންޖެހި، މެޗުތަކުގެ ދޭތެރޭގައި ކުޅުންތެރިންނަށް އެކަށީގެންވާ ވަރަށް އަރާމުކުރަން ވަގުތު ނުލިބެއެވެ.
ޕީއެސްޖީއާ ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ރޮއިޓާސް
އެހެންކަމުން، ހަތަރު ދުވަސްފަހުން މުބާރާތުގެ ފައިނަލް މެޗު އޮތުމުން، ސީޒަނުގައި މިހާތަނަށްވެސް ގިނަ އަދަދަކަށް މެޗު ކުޅެފައިވާ އޭނާގެ ކުޅުންތެރިންނަށް އަރާމުކުރަން ލިބޭ ކޮންމެ ވަގުތުކޮޅެއްގެ މުހިއްމުކަން ވެސް އެންރީކޭ ފާހަގަކުރިއެވެ.
އެންރީކޭ ވަނީ، އެއީ ކުރިއްސުރެ ވެސް އޭނާ ވިސްނާފައިވާ ގޮތް ކަމަށާއި، ޕީއެސްޖީން ވާދަކުރާ ހުރިހާ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދައި، ތާރީޚީ ކާމިޔާބީއެއް ހާސިލްކޮށް، އެ ކްލަބުގެ ސަޕޯޓަރުންނަށް އުފާވެރިކަން ގެނެސްދިނުމަށް ކުރާ މަސައްކަތް ފުރިހަމަވުމާ ދެމެދު ބާކީ އޮތީ އެންމެ މެޗެއް ކަމަށްވެސް ބުނެފައެވެ.
މުބާރާތުގެ ފައިނަލުގައި ޕީއެސްޖީއާއި ޗެލްސީ ބައްދަލުކުރާ މެޗު އޮންނާނީ އާދީއްތަ ދުވަހުގެ ރެއެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން މެންދަމު 12 ޖަހާއިރު އެވެ.