ENGLISH
16 ޖުލައި 2025
ސަޢޫދީ ޢަރަބިއްޔާއާއެކު ކުޅިވަރުގެ ރޮނގުން ގުޅުން ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
10 ޖުލައި 2025
|
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ސަޢޫދީ ޢަރަބިއްޔާގެ ސަފީރު އާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެ އަށް ކަނޑައެޅުއްވި އާ ސަފީރު، ޔަޙްޔާ ޙަސަން އަލްޤަހްޠާނީއާ ބައްދަލުކުރައްވާ، ކުޅިވަރުގެ ރޮނގުން ދެ ޤައުމުގެ މެދުގައި ގުޅުން ވަރުގަދަކުރުމާ ގުޅޭގޮތުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރަފީޢު މިއަދު މަޝްވަރާކުރައްވައިފިއެވެ.
ކުޅިވަރު ވުޒާރާގައި ބޭއްވި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް، މުޙައްމަދު ޠަލާލްގެ އިތުރުން ކުޅިވަރު ވުޒާރާގެ ޕާމަނަންޓް ސެކެޓްރީ، އަހުމަދު ޝިޔާއު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ކުޅިވަރުގެ ވަޞީލަތްތައް ބިނާކުރުމާއި، ތަމްރީން ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން ސަރުކާރުގެ ކުޅިވަރުގެ ތަސައްވުރާ ގުޅޭގޮތުން މަޢުލޫމާތު ވަޒީރު ރާފިޢު ވަނީ ސަފީރާ ހިއްސާކުރައްވާފައެވެ.
އެގޮތުން، ކުޅިވަރުގެ ދިގު ރާސްތާ ޕްލޭންގައި ސާކް ސަރަހައްދުން ބޭރުން ކާމިޔާބީ ހޯދަން ކުރައްވާ މަސައްކަތްތައްވެސް ވަޒީރު ވަނީ ތަފްޞީލްކޮށްދެއްވާފައެވެ.
ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަން ހާމަކުރައްވަމުން ސަފީރު ޔަޙްޔާ ޙަސަން އަލްޤަހްޠާނީ ވަނީ، ކުޅިވަރުގެ ރޮނގުން ދިވެހިރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން، ރާއްޖޭގެ ސަރުކާރުން ކުޅިވަރަށް ދެއްވާ އަހަމިއްޔަތު ފާހަގަކުރައްވާ ސަފީރު ވަނީ އެކަމަށް މަރުޙަބާ ދަންނަވާފައެވެ.
އޭނާ ވިދާޅުވީ، ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ކުޅިވަރަށް ލޯބިކުރާ ބައެއް ކަމަށާއި، އެކި ކުޅިވަރުތަކުގައި ހުނަރުވެރި ކުޅުންތެރިން ރާއްޖޭގައި އެބަތިބި ކަމަށެވެ. އަދި، މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު އިތުރު ކަންކަމުގެ ތެރޭގައި ރާއްޖޭގައި ތިބި ހުނަރުވެރި ކުޅުންތެރިންގެ ހުނަރު އިތުރަށް ތަރައްޤީކޮށް، ކާމިޔާބީތައް ހޯދުމަށް އެހީތެރިވެވޭނެ ގޮތްތައް ހިމެނެއެވެ.