ENGLISH
16 ޖުލައި 2025
ފުރަތަމަ އެގާރައިން ލިބުނު ފުރުސަތުގައި ޕެޑްރޯއަށް ފުރިހަމަ ފެށުމެއް
09 ޖުލައި 2025
|
ޖާއޮ ޕެޑްރޯ ޗެލްސީ އަށް ޖަހައިދިން ފުރަތަމަ ގޯލަށްފަހު، ފޮޓޯ: އޭއެފްޕީ
ފުރަތަމަ އެގާރައިން ލިބުނު ފުރަތަމަ ފުރުސަތުގައި ކުލަބަށް ޖަހައިދިން ހިތްގައިމު ފުރަތަމަ ދެ ގޯލާއެކު ފީފާ ކުލަބު ވަރލްޑް ކަޕުގެ ފައިނަލަށް ޓީމު ގެންގޮސްދީ، ޗެލްސީއަށް މިދިޔަ ހަފުތާގައި ސޮއިކުރި ބްރެޒިލްގެ ޒުވާން ފޯވަޑު ޖާއޮ ޕެޑްރޯ ވިދާލައިފިއެވެ.
ފީފާ ކުލަބު ވަރލްޑް ކަޕްގެ ސެމީ ފައިނަލްގައި ބްރެޒިލްގެ ފްލުމިނެންސޭގެ މައްޗަށް 2 - 0 އިން ކުރި ހޯދައިގެން ޗެލްސީ އިން ފައިނަލަށް ދަތުރުކުރީ ދެ ހާފުގައި ވެސް މޮޅު ކުޅުމެއް ދައްކައިގެންނެވެ.
އޭރިޔާ ބޭރުން ގޯލުގެ މަތީ ކަނަށް ފޮނުވާލި ބޯޅައާއެކު ޕެޑްރޯ ކާމިޔާބުކުރި ހިތްގައިމު ގޯލުން ޗެލްސީ ވަނީ ފުރަތަމަ ހާފުގެ ކުރީކޮޅު ލީޑު ނަގާފައެވެ. އަދި ދެވަނަ ހާފުގެ ކުރީ ކޮޅު އޭރިޔާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާއާއެކު ޕެޑްރޯ ޗެލްސީއަށް ލީޑު ފުޅާކޮށްދިންއިރު، ޗެލްސީގެ އެހެން ކުޅުންތެރިންގެ ވެސް މޮޅުކުޅުމެއް މިމެޗުގައި ފެނިގެން ދިޔައެވެ.
ޖާއޮ ޕެޑްރޯ ޗެލްސީ އަށް ޖަހައިދިން ދެވަނަ ގޯލު. ފޮޓޯ: އޭއެފްޕީ
އާ ކުލަބަށް ފަށައިދިން ފުރަތަމަ މެޗުވެސް ކުޑައިރުގެ ކުލަބު ފްލުމިނެންސޭ އާ ދެކޮޅަށް ކުޅުނުއިރު، ޕެޑްރޯ ވަނީ ހިތްގައިމު ދެ ގޯލު ޖަހައިދިނުމަށް ފަހުގައިވެސް ގޯލު "ސެލެބްރޭޓު" ނުކޮށް ދޫކޮށްލާ، ކުރީގެ ޓީމަށް އިހްތިރާމް އަދާކޮށްފައެވެ.
އެއްވެސް އެއްޗެއް ނެތް އިރު އޭނާއަށް ހުރިހާ އެއްޗެއް ދިނީ ފްލުމިނެންސޭ އިން ކަމަށް ބުނެ އުމުރުން 10 އަހަރުގައި ފްލުމިނެންސޭއާ ގުޅުނު ޕެޑްރޯ ވަނީ މިމެޗަށްފަހު އެކުލަބަށް އިހްތިރާމު އަދާކޮށްފައެވެ.
މިމެޗުގައި ޗެލްސީގެ ކެސެއިޑޯއާއި އެންޒޯގެ މޮޅުކުޅުމެއްވެސް ވަނީ ފެނިގެން ގޮސްފައެވެ. ފްލުމިނެންސޭގެ ކެޕްޓަން އަދި ޗެލްސީގެ ކުރީގެ ޑިފެންޑަރު ތިއާގޯ ސިލްވާގެ މޮޅުކުޅުމެއްވެސް މިމެޗުގައި ފެނިގެން ގޮސްފައިވެއެވެ.
ފީފާ ކުލަބު ވަރލްޑް ކަޕްގެ ފައިނަލުގައި ޗެލްސީ އިން އަންނަ އާދިއްތަ ދުވަހު ވާދަކުރާނީ ރެއާލް މެޑްރިޑް އަދި ޕީއެސްޖީ ވާދަކުރާ ސެމީފައިނަލުން މޮޅުވާ ޓީމަކާއެވެ.