ENGLISH

16 ޖުލައި 2025

Advertisement

ފީފާ ކްލަބް ވޯލްޑްކަޕް: މުބާރާތާ ވަކިވާނެ ކަމަށް ބެލެވުނު ޓީމުތަކަށް އިތުރު ޗެލެންޖެއް

08 ޖުލައި 2025

|

އިސްމާއީލް ރާތިއު

އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑްކަޕް ވެގެން މި ދަނީ، ހައިރާންކުރުވަނިވި އެތައް ނަތީޖާތަކެއް ފެނިގެންދާ މުބާރާތަކަށެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުން، މުބާރާތާއި ވަކިވާނެ ކަމަށް ބެލެވުނު ގިނަ ޓީމުތަކެއް، މުބާރާތުގެ ނޮކްއައުޓް ބުރުތަކުގައި ވާދަވެރި ކުޅުމެއް ދައްކާފައިވެއެވެ. އަދި މިފަދަ ޓީމުތަކުގައި ހިމެނުނު ކުޅުންތެރިންތަކެއް، މުޅި ދުނިޔޭގެ ސަމާލުކަން އަތުލައިފިއެވެ.

މިފަދަ އެއް ޓީމަކީ، ބްރެޒިލްގެ ފްލުމިނެންސް އެވެ. އެ ޓީމު، މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުންވެސް ގިނަ ބައެއްގެ ސަމާލުކަން އަތުލައިގަތެވެ. ގްރޫޕް އެފްގައި، ޖަރުމަނުވިލާތުގެ ބޮރޫޝިއާ ޑޯޓްމަންޑް އަށް ލަނޑެއް ކާމިޔާބުކުރިޔަ ނުދީ ހިފަހައްޓާލިއެވެ. މި މެޗަކީ، ބޮޑު ތަފާތަކުން ޑޯޓްމަންޑު ކާމިޔާބުކުރާނެ ކަމަށް ބެލެވުނު މެޗެކެވެ. ގްރޫޕުގައި، ޑޯޓްމަންޑަށް މޮޅުވިޔަ ނުދީ ހިފަހައްޓާލެވުނު ހަމައެކަނި ޓީމަކީ ވެސް ފްލުމިނެންސްއެވެ.

ގްރޫޕްގެ ބާކީ ދެ މެޗަށް ބަލާއިރު، އެ ޓީމު ވަނީ ދެވަނަ މެޗުގައި ދެކުނު ކޮރިއާގެ އުލްސަން ހަޔުންޑާއީ، 4-2 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. އަދި ތިންވަނަ މެޗުގައި ސައުތު އެފްރިކާގެ މަމެލޮޑީ ސަންޑައުންސްއާ ބައްދަލުކޮށް، 0-0 ގެ ނަތީޖާއަކުން ވަނީ އެއްވަރު ވެފައެވެ. މި ނަތީޖާތަކާއެކު، ފްލުމިނެންސް ގަދަ ސޯޅައަށް ގޮސްފައިވަނީ ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

މުބާރާތުގެ ގަދަ ސޯޅައިގެ ބްރެކެޓު ފުރިހަމަވުމުން، އެހާހިސާބުން ފްލުމިނެންސް، މުބާރާތާއި ވަކިވާނެ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރިއެވެ. މުބާރާތުގެ ކުރިން ގިނަ ބަޔަކު ނުވެސް ދަންނަ ޓީމެއް ބައްދަލުކުރަން ޖެހުނީ، ދުނިޔޭގެ ނިސްބަތުން ބެލި ނަމަވެސް ފުޓުބޯޅައިގެ ގަދަ ބާރަކާއެވެ. އިޓަލީގެ އިންޓަރ މިލާން އާއެވެ. ނަމަވެސް، މި މެޗު ވެގެން ދިޔައީ ފްލުމިނެންސް، ސީރިއަސްކޮށް ނަގަން މަޖުބޫރުކުރުވި މެޗަށެވެ. މެޗުގެ ތިންވަނަ މިނެޓުގައި ޖެރމަން ކަނޯ، އަދި މެޗުގެ 90 މިނެޓު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ހަރކިއުލީޒް ކާމިޔާބުކޮށްދިން ލަނޑުތަކާއެކު، 0-2 ގެ ނަތީޖާއަކުން އިންޓަރ މިލާން ބަލިކޮށް، މުބާރާތުގެ ކުއާޓަރ ފައިނަލަށް އެ ޓީމު ދަތުރުކުރި އެވެ.

ކުއާޓަރ ފައިނަލުގައި ފްލުމިނެންސް ވާދަކުރަން ޖެހުނީ، އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީ ބަލިކުރުމަށްފަހު ކުއާޓަރ ފައިނަލަށް ދަތުރުކުރި، ސަޢޫދީ ޢަރަބިއްޔާގެ އަލް-ހިލާލްއާ އެވެ. މި މެޗު ވެގެންދިޔައީ، އުންމީދުކުރެވުނު ވަރުގެ ފޯރިގަދަ މެޗަކަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް، ފްލުމިނެންސްގެ މެތުސް މާޓިނެލީ ވަނީ ލަނޑެއް ޖަހާ، އެ ޓީމަށް ލީޑު ނަގައިދީފައެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ، އަލް-ހިލާލުން ނަތީޖާ އެއްވަރު ކުރިއެވެ. ދެވަނަ ހާފުގެ ބޮޑު ބައެއް ނިމިގެންދިޔައީ މި ނަތީޖާގައި އޮވެގެންނެވެ.

ދެ ޓީމުގެ ކުޅުން އިތުރު ވަގުތަށް ދާން ސަޕޯޓަރުން ބޭނުންވެފައި ތިއްބައި، 90 މިނެޓު ހަމަވާން 20 މިނެޓަށް ވެފައި ވަނިކޮށް ފްލުމިނެންސްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހަރކިއުލީޒް އެވެ. މެޗު ނިމިގެންދިޔައީ، މި ލަނޑާއެކު 2-1 ގެ ނަތީޖާއަކުން ފްލުމިނެންސް، މެޗު ކާމިޔާބުކޮށް، ސެމީ ފައިނަލަށް ދަތުރުކޮށްގެންނެވެ.

ސެމީ ފައިނަލުގައި އެ ޓީމަށް އަނެއްކާވެސް އޮތީ ވަރުގަދަ ޗެލެންޖެކެވެ. މިރޭ، ރާއްޖެ ގަޑިން ދަންވަރު 12:00 ގައި އެ ޓީމު ނުކުންނާނީ، އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ޗެލްސީއާ ދެކޮޅަށެވެ. ކައިރި މާޒީއަށް ބަލާއިރު ލީގުގައި މާ އެދެވޭ ކާމިޔާބީތަކެއް ހޯދިފައި ނުވިނަމަވެސް، އެ ޓީމުން ވަނީ އެންމެ ފަހުގެ ޔުއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފައެވެ. އަދި، ކްލަބް ވޯލްޑްކަޕަށް ބެލި ނަމަވެސް ފްލަމެންގޯ އާ ދެކޮޅަށް ކުޅުނު މެޗު ފިޔަވާ ހުރިހާ މެޗެއް ކާމިޔާބުކޮށްފައެވެ.

މި ދެ ޓީމުގެ ކުރިމަތިލުން ވެގެންދާނީ ފޯރިގަދަ، ނުބަލާ ދޫކޮށްނުލެވޭނެ މެޗަކަށެވެ.

ކިޔުންތެރިންގެ ހިޔާލު