ENGLISH
04 ޖުލައި 2025
ކްލަބް ވޯލްޑްކަޕުގެ ކުއާޓަރ ފައިނަލް މެޗުތައް ފެށެނީ: ހުރީ ފޯރިގަދަ މެޗުތަކެއް
04 ޖުލައި 2025
|
މުބާރާތުގެ ގަދަ ސޯޅައިގައި އިންޓަރ މިލާން އަދި ފްލުމިނެންސް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ގެޓީ އިމޭޖަސް
އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑްކަޕުގެ ކުއާޓަރ ފައިނަލްގެ މެޗުތައް ފަށަން ތައްޔާރުވެއްޖެ އެވެ.
ރާއްޖެ ގަޑިން މިރޭ 12:00 ގައި ފުރަތަމަ މެޗު ކުޅޭއިރު، ހަތަރު މެޗުވެސް ވާނީ ނުބަލާ ދޫނުކުރެވޭނެހާ ފޯރިގަދަ މެޗުތަކަކަށެވެ.
ދުނިޔޭގެ ފުޓުބޯޅައިގެ ގަދަބާރުތަކެއްގެ އިތުރުން، މުބާރާތުގެ ފޭވަރިޓުން ކަމަށް ގިނަ ބަޔަކު ދެކެމުން އައި ޓީމުތަކެއް ކަޓުވާލުމަށްފަހު ކުއާޓަރ އަށް ދަތުރުކޮށްފައިވާ މި ޓީމުތަކުގެ ކުރިމަތިލުން ވަނީ ދެ ދުވަހަކަށް ބަހާލެވިފައެވެ. އެގޮތުން، 5 ޖުލައިގެ ދަންވަރު ރާއްޖެ ގަޑިން 12:00 ގައި ބްރެޒިލްގެ ފްލުމިނެންސް ނުކުންނާނީ ސަޢޫދީ ޢަރަބިއްޔާގެ އަލް-ހިލާލް އާ ދެކޮޅަށެވެ. ދެވަނަ މެޗުގައި އެދުވަހު ހެނދުނު 6:00 ގައި ބްރެޒިލްގެ ޕަލްމީރާސް ނުކުންނާނީ އިނގިރޭސިވިލާތުގެ ޗެލްސީއާ ދެކޮޅަށެވެ. އަދި ރޭގަނޑު 9:00 ގައި ފްރާންސްގެ ޕީއެސްޖީ ނުކުންނާނީ ޖަރުމަންވިލާތުގެ ބަޔާން މިއުނިކް އާ ދެކޮޅަށެވެ.
ކުއާޓަރ ފައިނަލްގެ އެންމެ ފަހު މެޗުގައި 6 ޖުލައިގެ ދަންވަރު 1:00 ގައި ސްޕެއިންގެ ރެއާލް މެޑްރިޑް ނުކުންނާނީ ޖަރުމަންވިލާތުގެ ބޮރޫޝިއާ ޑޯޓްމުންޑް އާ ދެކޮޅަށެވެ.
ފުރަތަމަ މެޗުގައި ބައްދަލުކުރާ ދެ ޓީމުގެ ތެރެއިން ފްލުމިނެންސް، ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައިވަނީ ގަދަ ސޯޅައިގައި 2-0 ގެ ނަތީޖާއަކުން އިޓަލީގެ ގަދަބާރު، އިންޓަރ މިލާން ބަލިކުރުމަށްފަހު އެވެ. މި މެޗުގައި އެ ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދީފައި ވަނީ ޖެރމަން ކަނޯ އަދި ހަކިއުލީޒް އެވެ. އަލް-ހިލާލް ކުއާޓަރ އަށް ދަތުރުކުރީ މުބާރާތުގެ ފޭވަރިޓެއް ކަމަށް ގިނަ ބަޔަކު ބުނަމުންއައި، އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީ ކަޓުވާލުމަށްފަހު އެވެ. އިތުރު ވަގުތުގައި އަލް-ހިލާލުން ސިޓީގެ މައްޗަށް ކުރިހޯދީ 4-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އަލް-ހިލާލްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މާކޮސް ލިއޮނާޑޯ (ދެ ލަނޑު)، މަލްކޮމް އަދި ކާލިދޫ ކޮލިބާލީ އެވެ.
ދެވަނަ މެޗުގައި ބައްދަލުކުރާ ދެ ޓިމުގެ ތެރެއިން ޕަލްމީރާސް، ކުއާޓަރ އަށް ދަތުރުކުރީ 90 މިނެޓު ހަމަވެގެން ކުޅުނު އިތުރުވަގުތުގައި 1-0 ގެ ނަތީޖާއަކުން ބްރެޒިލްގެ ބޮޓަފޯގޯ ބަލިކުރުމަށްފަހު އެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 100 ވަނަ މިނެޓުގައި، ޕޮލީނިއޯ އެވެ. ޗެލްސީ، ކުއާޓަރ ފައިނަލަށް ދިޔައީ ޕޯޗުގަލްގެ ބެންފީކާ، 4-1 ގެ ނަތީޖާއިން ބަލިކުރުމަށްފަހު އެވެ. މެޗުގައި ޗެލްސީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ރީސް ޖޭމްސް، ކްރިސްޓޮފަރ އެންކުންކޫ، ޕެޑްރޯ ނެޓޯ އަދި ޑިއުސްބަރީ-ހޯލް އެވެ.
ތިންވަނަ މެޗުގައި ބައްދަލުކުރާ ދެ ޓީމުގެ ތެރެއިން ޕީއެސްޖީ، ކުއާޓަރ އަށް ދަތުރުކޮށްފައިވަނީ މެސީގެ އިންޓަރ މަޔާމީ، 4-0 ގެ ބޮޑު ތަފާތަކުން ބަލިކުރުމަށްފަހު އެވެ. މި މެޗުގައި ޕީއެސްޖީގެ ލަނޑުތައް ކާމުޔާބުކޮށްދިނީ، ޔާއޯ ނެވޭޒް (ދެ ލަނޑު)، އަދި އަޝްރަފް ހަކީމީ އެވެ. ޕީއެސްޖީގެ ތިންވަނަ ލަނޑަކީ މަޔާމީގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ބަޔާން މުނިކް، ކުއާޓަރ އަށް ދަތުރުކޮށްފައި ވަނީ ބްރެޒިލްގެ ފްލަމެންގޯ، 4-2 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. ބަޔާންގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ލިއޯން ގޮރެޓްޒްކާ އަދި ހެރީ ކޭން (ދެ ލަނޑު) އެވެ. ބަޔާންގެ ފުރަތަމަ ލަނޑަކީ، ފްލަމެންގޯގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
ފަހު މެޗުގައި ބައްދަލުކުރާ ދެ ޓީމުގެ ތެރެއިން ރެއާލް މެޑްރިޑް، މުބާރާތުގެ މިހާ ހިސާބަށް ދިޔައީ ގަދަ ސޯޅައިގައި އިޓަލީވިލާތުގެ ޔުވެންޓަސް، 1-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކުރީ، ޒުވާން ފޯވާޑް، ގޮންޒާލޯ ގާސިއާ އެވެ. ޑޯޓްމުންޑް، ކުއާޓަރ އަށް ދިޔައީ ގަދަ ސޯޅައިގައި 1-2 ގެ ނަތީޖާއަކުން މެކްސިކޯގެ މޮންޓެރޭ ބަލިކުރުމަށްފަހު އެވެ. މި މެޗުގައި ޑޯޓްމުންޑުގެ ލަނޑުތައް ކާމިޔާބުކުރީ ސެރހޫ ގިރާސީއެވެ. މި މެޗުގައި ޖޫޑް ބެލިންގްހަމްގެ ކޮއްކޮ، ޖޯބް ބެލިންގްހަމް އަށް ރީނދޫ ކާޑު ދެއކުމުން، ދެ ކާޑު ހަމަވެފައިވާތީ ރެއާލް މެޑްރިޑް އާ ދެކޮޅަށް ކުއާޓަރގައި ނުކުޅެވޭނެއެވެ.
ގިނަ ބަޔަކު އުންމީދު ނުކުރާ ޓީމުތަކަކާވެސް އެކު ކުޅޭ ކުއާޓަރގެ މެޗުތަކުގެ ތެރެއިން ފަހު މެޗަކީ، 2023/24 ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ރީމެޗެއް ކަމުން، މި މެޗު އިތުރަށް ފޯރިގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.