ENGLISH
04 ޖުލައި 2025
ނިކޯ ވިލިއަމްސް، އެތުލެޓިކް ބިލްބާއޯގައި މަޑުކުރަނީ!
04 ޖުލައި 2025
|
އެތުލެޓިކް ބިލްބާއޯ އަދި ސްޕެއިންގެ ވިންގަރ، ނިކޯ ވިލިއަމްސް-- ފޮޓޯ: ގެޓީ އިމޭޖަސް
މިހާރު ކުރިއަށްދާ ޓްރާންސްފަރ މާކެޓުގައި ބާސެލޯނާއަށް ބަދަލުވާނެ ކަމަށް ވާހަކަ ދެކެވުނު އެތުލެޓިކް ބިލްބާއޯއަށް ކުޅެމުން އަންނަ ސްޕެއިންގެ ވިންގަރ ނިކޯ ވިލިއަމްސް، އެތުލެޓިކް ބިލްބާއޯގައި މަޑުކުރަން ނިންމާ، 10 އަހަރަށް އެއްބަސްވުން އާކޮށްފިއެވެ.
އެތުލެޓިކް ބިލްބާއޯ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ 2035 ވަނަ އަހަރާ ހަމައަށް ނިކޯގެ އެއްބަސްވުން އާކޮށްފައިވާ ކަމަށާއި، އޭނާގެ ރިލީޒް ކްލޯޒް ކުރިއާ ބަލާފައި 50 އިންސައްތައަށްވުރެ މިހާރު ބޮޑުވާނެ ކަމަށެވެ. އެހެންކަމުން އޭނާގެ ރިލީޒް ކްލޯޒް މިހާރު އުޅޭނީ 95 މިލިއަން ޔޫރޯ އާއި 100 މިލިއަން ޔޫރޯއާ ދެމެދުގެ އަގެއްގަ އެވެ.
އޭގެ އިރުކޮޅެއްފަހުން އެ ކުލަބުން އާންމުކުރި ވީޑިއޯ މެސެޖެއްގައި ނިކޯ ބުނެފައިވަނީ ކަންކަމުގައި ގޮތް ނިންމާއިރު ހިތް ބުނާ އެއްޗެއް އަޑުއެހުން މުހިންމުވާނެ ކަމަށާއި، މިހާރު އޭނާ އެ ހުރީ އޭނާގެ މީހުންނާއެކު، އޭނާގެ ގޭގައި (އެތުލެޓިކް ބިލްބާއޯގައި) ކަމަށެވެ.
ނިކޯ ވިލިއަމްސް ބާސާއަށް ނުދާން ނިންމާ، ބިލްބާއޯގައި މަޑުކޮށްފައިވަނީ އޭނާ ބާސާއަށް ސޮއިކުރާ ހިސާބުން ރަޖިސްޓްރޭޝަންގެ ކަންކަންވެސް ހަމަޖެހޭނެކަމުގެ ފެހި ސިގްނަލެއް، ލަލީގާގެ ރައީސް ހަވިއޭ ޓެބަސް ދީފާއި ވަނިކޮށް ކަމަށް ބީއިން ސްޕޯޓްސް އިން ރިޕޯޓުކޮށްފައި ވެއެވެ.
ނިކޯ ވިލިއަމްސް ވަނީ މިދިޔަ ސީޒަނުގައި އެތުލެޓިކް ބިލްބާއޯ އާއެކު ލަލީގާ ގައި 29 މެޗު ކުޅެ، ފަސް ލަނޑު ޖަހާ، ފަސް ލަނޑު ޖަހަން އެހީވެފައެވެ.