ENGLISH
04 ޖުލައި 2025
އޭޝިއާގެ ޔޫތު ނެޓްބޯޅަ މުބާރާތުން ރާއްޖެ އަށް ރިހި މެޑެލް
04 ޖުލައި 2025
|
މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޒުވާން އަންހެން ނެޓްބޯޅަ ޓީމު. ފޮޓޯ: ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
"އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް 2025" ގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ޒުވާން އަންހެން ނެޓްބޯޅަ ޓީމުން އެ މުބާރާތުގެ ޕްލޭޓް ޑިވިޝަނުން ރިހި މެޑެލް ހާސިލްކޮށްފިއެވެ.
ޖޫން 27 އިން ޖުލައި 4 ގެ ނިޔަލަށް ދެކުނު ކޮރެއާގައި ކުރިއަށްދިޔަ މުބާރާތުގެ ޕްލޭޓް ޑިވިޝަންގައި ރާއްޖޭގެ 21 އަހަރުން ދަށުގެ އަންހެން ނެޓްބޯޅަ ޓީމު ވަނީ ފައިނަލްގައި ޕާކިސްތާން އަތުން ބަލިވެފައެވެ.
މުބާރާތުގައި މިއަދު ކުޅުނު މެޗުގައި ރާއްޖޭގެ ޒުވާން އަންހެން ނެޓްބޯޅަ ޓީމު އަތުން ޕާކިސްތާން މޮޅުވީ 60-35 އިންނެވެ.
މިއަދު ހެނދުނު ކުޅުނު މެޗު ފެށިގެން ޕާކިސްތާނުން މޮޅު ކުޅުމެއް ދައްކާފައިވާއިރު، އެ ޓީމުން ފުރަތަމަ ކުއާޓާ ނިންމާލީ 17-5 އިން ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ކުއާޓާގައި ޕާކިސްތާނުން 34-17 އިން ކުރީގަ އޮވެގެން ނިންމާލިއިރު، ތިންވަނަ ކުއާޓާގައި އެ ޓީމު ނިންމާލީ 45-23 އިން ލީޑުގައި އޮވެގެންނެވެ.
އެއަށްފަހު، ދެން ކުޅުނު ހަތަރުވަނަ ކުއާޓާގައި ވެސް ޕާކިސްތާނުން ކުރި ހޯދިއެވެ. ރާއްޖޭން މެޗުގައި އެންމެ ގިނަ ޕޮއިންޓް ހޯދީ ވެސް ހަތަރުވަނަ ކުއާޓާގައެވެ. ހަތަރުވަނަ ކުއާޓާގައި ޕާކިސްތާނުން ޖުމްލަ 15 ޕޮއިންޓް ހޯދިއިރު، ނިންމާލީ 25 ޕޮއިންޓްގެ ލީޑަކާއެކު އެވެ.
މި މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް މުޅިއެކު 11 ޤައުމު ބައިވެރިވިއެވެ.
ރާއްޖޭގެ ޒުވާން އަންހެން ނެޓްބޯޅަ ޓީމު ވަނީ، އެންމެ ފަހުން ހޮންގކޮންގުގައި ކުރިއަށްދިޔަ މުބާރާތަކުން ވެސް ތިންވަނަ މަގާމު ހާސިލްކޮށްފައެވެ.