ENGLISH
04 ޖުލައި 2025
"ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމްގެ ހަރަކާތްތައް ފުވައްމުލަކުގައި ފަށައިފި
03 ޖުލައި 2025
|
"ހަށިހެޔޮރާއްޖެ" ޕްރޮގްރާމްގެ ތެރެއިން. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމްގެ މޫދު ކަސްރަތު ހަރަކާތް ފުވައްމުލަކު ސިޓީގައި ފަށައިފިއެވެ.
ޖޫން މަހުގެ 25 އިން ޖުލައި 24 ގެ ނިޔަލަށް ފުވައްމުލަކު ސިޓީގައި "ހަށިހެޔޮރާއްޖެ" ޕްރޮގްރާމްގެ ކަސްރަތު ހަރަކާތްތައް ކުރިއަށްދަނީ، އެމްއެންއައިއެސް އާއި ފުވައްމުލަކު ސިޓީ ސްޕޯޓްސް ކައުންސިލާ ގުޅިގެންނެވެ.
ދުވަހުގެ ކޮންމެވެސް ވަގުތެއްގައި ހެލިފެލިވެ އުޅުމާއި ކަސްރަތު ކުރުމަށް ބާރުއަޅާ، މޫދު ކަސްރަތު ކުރިއަށްދާއިރު ބައިވެރިންގެ މެދުގައި މިންހެޔޮ ކާނާ ތައްޔާރުކުރާނެ ގޮތް ދަސްކޮށްދޭނެ އެވެ. އެގޮތުން، މި ޕްރޮގްރާމްގެ އެއް ދުވަސް ޚާއްސަކޮށްފައިވަނީ، ބައިވެރިންގެ މެދުގައި ޞިއްޙަތަށް ފައިދާހުރި ތަފާތު ކާނާގެ ބާވަތް އުފެއްދުމަށެވެ. އަދި، މޫދު ކަސްރަތު ޕްރޮގްރާމް ނިމޭއިރު ބަރުދަންލުއި އެއްވަނަ، ދެވަނަ އަދި ތިންވަނަ ފަރާތް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
ފުވައްމުލަކު ސިޓީގެ އިތުރުން ފ. ނިލަންދޫގައި ވެސް މި މުއްދަތުގެ ތެރޭގައި "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމްގެ ހަރަކާތްތައް ކުރިއަށް ދާނެއެވެ. ނިލަންދޫގައި މި ޕްރޮގްރާމް ކުރިއަށްގެންދަނީ ނިލަންދޫ ފިޓްނަސް ރެކްރިއޭޝަން ސެންޓަރާއި، ފ. އަތޮޅު ހޮސްޕިޓަލާއި، އެ އަތޮޅު ޕޮލިސް ސްޓޭޝަން ގުޅިގެންނެވެ.
މީގެއިތުރުން، މ. މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އެ ރަށުގެ ޕޮލިސް ސްޓޭޝަނާ ގުޅިގެން މިދިޔަ ޖޫން މަހުގެ 15 އިން 30 ގެ ނިޔަލަށް "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމްގެ ހަރަކާތްތައް ހިންގާފައިވެއެވެ.
"ހަށިހެޔޮ ރާއްޖެ" ލީޑަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް މިދިޔަ އަހަރު ވަނީ މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް އަމާޒުކޮށް، ހަ ޒޯނަކަށް ރަށްތައް ބަހާލައިގެން ކުރިއަށް ގެންގޮސްފައެވެ. އެކަމަކު، މި އަހަރުގެ ޕްރޮގްރާމް ބައްޓަންކޮށްފައިވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް އަމާޒުކޮށް އާންމުންގެ މެދުގައި ހެލިފެލިވެ އުޅުން އާދައަކަށް ހެދުމަށެވެ.
މިއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން އާއްމުންނަށް ދުޅަހެޔޮ ޞިއްޙަތެއްގައި ދިރިއުޅުމުގެ މަޤްޞަދުގައި ރާއްޖޭގެ ކޮންމެ ރަށަކަށް އަމާޒުކޮށް، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި އެމްއެންއައިއެސް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.