ENGLISH
04 ޖުލައި 2025
ހުޅުމާލޭގެ އާ ސުކޫލު އަލިރަސްގެފާނުގެ ނަންފުޅަށް ނިސްބަތް ކުރައްވަން ރައީސް ނިންމަވައިފި
03 ޖުލައި 2025
|
ވަޒީރު ޝަފީޢު ސުކޫލުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވަނީ -- ފޮޓޯ: ތަޢުލީމާބެހޭ ވުޒާރާ
ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުންދާ ސުކޫލަށް އަލިރަސްގެފާނުގެ ނަންފުޅަށް ނިސްބަތް ކުރައްވާ ނަން ދިނުމަށް ރައީސުލްްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.
ރައީސްގެ އެ ނިންމެވުމުން އިޢުލާނު ކުރެއްވީ ތަޢުލީމާއިބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީޢު އެވެ. ވަޒީރު ޝަފީޢު މިއަދު ހަވީރު ވަނީ އެ ސުކޫލުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފަ އެވެ.
އެ ޒިޔާރަތަށް ފަހު ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ އެ ސުކޫލަށް އަލިރަސްގެފާނުގެ ނަންފުޅަށް ނިސްބަތް ކުރައްވާ ނަން ދިނުމަށް ރައީސުލްްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަަމަށެވެ. އެ ނިންމެވުމާއި ގުޅިގެން އެ ސުކޫލަށް "ޝަހީދު އަލީ ސްކޫލް" ނަމުން ނަން ދިނުމަށް ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.
އަލިރަސްގެފާނު ޝަހީދުވެވަޑައިގެންނެވީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކުރުމަށް ޖިހާދުކުރައްވަނިކޮށެވެ. އެ ޒިކުރާ އައު ކުރުމުގެ ގޮތުން ޝަހީދުންގެ ދުވަސް ފާހަގަކުރަނީވެސް އެރަސްގެފާނަށް ނިސްބަތް ކޮށެވެ.
ވަޒީރު މިއަދު ވެސް ވިދާޅުވީ "ޝަހީދު އަލީ ސްކޫލް" ގެ މަސައްކަތް ނޮވެންބަރަށް ނިންމާލުމަކީ އަމާޒެއް ކަމަށެވެ. އަދި އަންނަ ޖަނަވަރީ މަހު އެ ސުކޫލުގައި ކިޔަވައިދޭން ފެށުމަށް ތައްޔާރީތައް ފަށާފައިވާ ކަމަށެވެ.
އެގޮތުން އެ ސުކޫލަށް ދަރިވަރުން ހޯދުމަށް މިހާރު ވަނީ އިޢުލާނު ކޮށްފަ އެވެ. ގިނަ ކުދީން އެ ކަމަށް އެދި ހުށައަޅައިފިނަމަ ދެ ދަންފަޅިއަށް އެ ސުކޫލުގެ ކިޔަވައިދިނުން ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.