ENGLISH
03 ޖުލައި 2025
ޗައިނީސް ޓައިޕޭ ބަލިކޮށް، ރާއްޖޭގެ ޒުވާން އަންހެން ނެޓްބޯޅަ ޓީމު ފައިނަލަށް
03 ޖުލައި 2025
|
މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޒުވާން އަންހެން ނެޓްބޯޅަ ޓީމު. ފޮޓޯ: ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
"އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް 2025" ގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ޒުވާން އަންހެން ނެޓްބޯޅަ ޓީމު ޕްލޭޓް ޑިވިޝަން (ގްރޫޕް ބީ) ގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
ޖޫން މަހުގެ 27 އިން ޖުލައި 5 ގެ ނިޔަލަށް ދެކުނު ކޮރެއާގައި ކުރިއަށްދާ މުބާރާތުގައި ރާއްޖޭގެ 21 އަހަރުން ދަށުގެ އަންހެން ނެޓްބޯޅަ ޓީމު ވަނީ ޕްލޭޓް ޑިވިޝަނުގެ ސެމީ ފައިނަލުގައި ޗައިނީސް ޓައިޕޭ ބަލިކޮށްފައެވެ.
މި މެޗުން ރާއްޖޭގެ ޒުވާން އަންހެން ނެޓްބޯޅަ ޓީމު މޮޅުވީ 61-39 އިންނެވެ.
މުބާރާތުގެ ޕްލޭޓް ޑިވިޝަނުގެ ފައިނަލުގައި ރާއްޖޭން މާދަމާ ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. އެ ޓީމުން ވަނީ އިއްޔެ ކުޅުނު ސެމީގެ އަނެއް މެޗުގައި ޖަޕާން އަތުން 64-39 އިން މޮޅުވެފައެވެ.
މީގެކުރީން، މި އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕާކިސްތާން އަތުން ރާއްޖެ ވަނީ ބަލިވެފައެވެ. އެ މެޗުން ޕާކިސްތާން މޮޅުވީ 49-39 އިންނެވެ.
މިފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް މުޅިއެކު 11 ޤައުމު ބައިވެރިވެފައިވެއެވެ. މި މުބާރާތް އެންމެ ފަހުން ބޭއްވީ 2023 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މެލޭޝިއާ އިންނެވެ.