ENGLISH
03 ޖުލައި 2025
ޑރ. ސަލްމާ، ސަފީރުކަމުގެ ފަތްކޮޅު ސްވިސް ކޮންފެޑެރޭޝަނަށް އަރުވައިފި
03 ޖުލައި 2025
|
ރާއްޖެއިން ސްވިޒަލޭންޑް އަށް ކަނޑައަޅުއްވި އައު ނޮން-ރެސިޑެންޓް ސަފީރު، ޑރ. ސަލްމާ ރަޝީދު އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ސްވިސް ކޮންފެޑެރޭޝަންގެ ރައީސް، ކަރިން ކެލަ-ޒުޓަރ އަށް މިއަދު އަރުވައިފި އެވެ.
ސްވިޒަލޭންޑްގެ ވެރިރަށް ބަރންގައި ހުންނަ ފެޑަރަލް ޕެލަސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތަށް ފަހު ސަފީރު ސަލްމާ ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި ދިވެހި ރައްޔިތުންގެ ނަމުގައި ސްވިސް ކޮފެޑެރޭޝަންގެ ރައީސަށާއި ސްވިސް ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފަ އެވެ.
އޭނާ ވަނީ ސަފީރުކަމުގެ ދައުރުގައި ރާއްޖެ އާއި ސްވިޒަލޭންޑާ ދެމެދު އޮންނަ ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ގުޅުން ބަދަހިކޮށް ހަރުދަނާކުރުމުގައި އިތުރު އަހަންމިއްޔަތުކަމެއް ދެއްވައިގެން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފަ އެވެ.
ސްވިސް ކޮންފެޑެރޭޝަންގެ ރައީސްގެ ވާހަކަފުޅުގައި ވަނީ ސަލްމާއަށް މަރުހަބާ ވިދާޅުވެ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ސަލްމާ އަކީ ޖެނިވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ރާއްޖެއިން ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ވެސް މެ އެވެ.