ENGLISH
02 ޖުލައި 2025
ޕާކިސްތާން އަތުން ބަލިވިޔަސް ރާއްޖެ ސެމީ އަށް
01 ޖުލައި 2025
|
މުބާރާތުގައި ރާއްޖެއާ ޕާކިސްތާން ބައްދަލުކުރި މެޗަށްފަހު ދެ ޓީމުގެ ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިގެން. --ފޮޓޯ: ޕާކިސްތާން
މިހާރު ކުރިއަށްދާ "އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް 2025" ގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ޒުވާން އަންހެން ނެޓްބޯޅަ ޓީމު ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުގައި ޕާކިސްތާން އަތުން ބަލިވިނަމަވެސް، ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މި މަހުގެ 27 އިން ޖުލައި 5 ގެ ނިޔަލަށް ދެކުނު ކޮރެއާގައި ކުރިއަށްދާ މުބާރާތުގައި ރާއްޖޭގެ 21 އަހަރުން ދަށުގެ އަންހެން ނެޓްބޯޅަ ޓީމުން ގްރޫޕް ސްޓޭޖުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ވަނީ މޮޅުވެފައެވެ. އެ ޓީމު ބަލިވީ ޕާކިސްތާން އަތުންނެވެ.
ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 49-39 ޕޮއިންޓުންނެވެ.
މުބާރާތުގައި މިއަދު ހެނދުނު ކުޅުނު މެޗު ފެށިގެން ރާއްޖޭން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން، މެޗުގެ ކުރީކޮޅު ރާއްޖޭގެ އަންހެން ނެޓްބޯޅަ ޓީމުން ލީޑުވެސް ނެގިއެވެ. އެކަމަކު، މެޗުގެ ފުރަތަމަ ކުއާޓާގައި ޕާކިސްތާން ނިންމާލީ 14-12 އިން ކުރީގަ އޮވެގެންނެވެ.
ދެވަނަ ކުއާޓާގައި ރާއްޖޭން އަނެއްކާވެސް ތަފާތު ދައްކާ ލީޑުނަގައި، ނިންމާލީ 26-24 އިން ކުރީގަ އޮވެގެންނެވެ. އެހެންނަމަވެސް، ދެންޖެހިގެންއައި ދެ ކުއާޓާގައި ޕާކިސްތާނުން ވަނީ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލައިފައެވެ.
ޕާކިސްތާނުން ތިންވަނަ ކުއާޓާގައި 35-32 އިން ކުރީގަ އޮވެ ނިންމާލިއިރު، ފަހު ކުއާޓާގައި ތަފާތު ބޮޑުކޮށް، ނިންމާލީ 10 ޕޮއިންޓްގެ ލީޑަކާއެކު އެވެ.
ރާއްޖެއާ ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ޕާކިސްތާން
މި ނަތީޖާއާއެކު، ރާއްޖެ ހިމެނޭ ގްރޫޕް ބީ (ޕްލޭޓް ޑިވިޝަން) ގެ އެއްވަނަ ޕާކިސްތާން ހޯދީ ސައްތައިން ސައްތައިގެ ރެކޯޑަކާއެކު އެވެ. އެ ޓީމު ވަނީ ކުޅުނު ފަސް މެޗު ކާމިޔާބުކޮށްފައެވެ. ރާއްޖެ އަށް ދެވަނަ ލިބުނީ 8 ޕޮއިންޓާއެކު އެވެ. ތިންވަނަ އަށް ދިޔައީ، ޗައިނީސް ޓައިޕޭ އެވެ. އެ ޓީމަށް ލިބުނީ ހަ ޕޮއިންޓެވެ. ޖަޕާނަށް ހަތަރު ވަނަ ލިބުނީ ހަތަރު ޕޮއިންޓާއެކު އެވެ.
މި މުބާރާތުގެ ފޯމެޓުގައިވާ ގޮތުން، ކޮންމެ ގްރޫޕެއްގެ އެންމެ ކުރީގަ އުޅޭ ހަތަރު ޓީމެއް ސެމީ ފައިނަލަށް ދަތުރުކުރާނެ އެވެ. ސެމީގައި ވާދަކުރާނީ ކޮންމެ ގްރޫޕެއްގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމެވެ. އަދި، ދެވަނަ އާއި ތިންވަނަ މަގާމުގައި އޮތް ޓީމެވެ. އެގޮތުން، ޕާކިސްތާނުން ޖަޕާނާ ދެކޮޅަށް ނިކުންނައިރު، ރާއްޖެ ބައްދަލުކުރާނީ ޗައިނީސް ޓައިޕޭއާ ދެކޮޅަށެވެ.
މީގެކުރީން، މި އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ވަނީ، 51-26 އިން ޗައިނީސް ޓައިޕޭ ބަލިކޮށްފައެވެ.
މިފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް މުޅިއެކު 11 ޤައުމު ބައިވެރިވެފައިވާއިރު، ގްރޫޕް އޭ ގައި ހިމެނެނީ؛ މެލޭޝިއާ، ސިންގަޕޫރު، ސްރީލަންކާ، ހޮންގކޮންގ، އަދި އިންޑިއާއެވެ. ގްރޫޕް ބީ ގައި ހިމެނެނީ ޗައިނީސް ޓައިޕޭ، ޖަޕާން، ދެކުނު ކޮރެއާ، ޕާކިސްތާން، ދިވެހިރާއްޖެ، އަދި ސަޢޫދީ ޢަރަބިއްޔާއެވެ.
އެންމެފަހުން ކުޅެވުނު 2023 ވަނަ އަހަރުގެ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް ދެކުނު ކޮރެއާގައި ބޭއްވިއިރު، ޗެމްޕިއަންކަން ހޯދީ މެލޭޝިއާ އިންނެވެ.