ENGLISH
01 ޖުލައި 2025
ޓިކެޓު ވިކޭ މިންވަރު މަދުވެ، ކްލަބް ވޯލްޑު ކަޕުގެ ޓިކެޓުތައް އަގުހެޔޮ ކޮށްފި
13 ޖޫން 2025
|
ފީފާގެ ރައީސް. ޖިއާނީ އިންފަންޓީނޯ-- ފޮޓޯ: ބީއިން ސްޕޯޓްސް
އާދީއްތަ ދުވަހު ފަށާ ފީފާ ކްލަބް ވޯލްޑް ކަޕުގެ މެޗުތަކުގެ ޓިކެޓު ވިކޭ މިންވަރު މަދުވެ، ޓިކެޓުގެ އަގުހެޔޮ ކުރަން ފީފާއަށް މަޖުބޫރުވެއްޖެ އެވެ.
ޤަތަރުގެ މަޝްހޫރު ކުޅިވަރު މީޑިއާ، ބީއިން ސްޕޯޓްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކްލަބް ވޯލްޑު ކަޕުގެ ބައެއް މުހިންމު މެޗުތަކަށް ވެސް ފީފާއިން އުންމީދުކުރިވަރުގެ ތާއީދެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން ބައެއް މެޗުތަކުގެ ޓިކެޓުގެ އަގު، ފުރަތަމަ ވިއްކަން ޖެހި އަގަށްވުރެ 84 އިންސައްތައާ ހަމައަށްވެސް ހެޔޮކޮށްފައިވާ ކަމަށް ބީއިން ސްޕޯޓްސް އިން ރިޕޯޓުކޮށްފައިވެއެވެ.
އޭގެ މިސާލެއްގެ ގޮތުން، ކްލަބް ވޯލްޑް ކަޕުގެ ފުރަތަމަ މެޗު، އަލް އަހްލީ އާއި އިންޓަރ މަޔާމީގެ މެޗުގެ ޓިކެޓުގެ އަގު ގެނެސްފައިވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މި މެޗުގެ ޓިކެޓުގެ އަގު ހުރީ 349 ޑޮލަރުގައި ނަމަވެސް މިހާރު މި މެޗުގެ ޓިކެޓުގެ އަގު އެންމެ 55 ޑޮލަރަށް ވެއްޓިފައިވާކަން ފާހަގަކޮށްފައި ވެއެވެ. މީގެ އިތުރުން މި މަހުގެ 18 ވަނަ ދުވަހު އަލް ހިލާލް އާ ދެކޮޅަށް ރެއާލް މެޑްރިޑް ނުކުންނަ މެޗަށް ވެސް 4،500 ޓިކެޓު އަދިވެސް ނުވިކޭ ކަމަށް ބީއިން ސްޕޯޓްސް އިން ރިޕޯޓުކޮށްފައިވެއެވެ. އަދި މުޅި ޖުމްލަ 20،000 އަށްވުރެ ގިނަ ޓިކެޓު ނުވިކި ހުރި ކަމަށްވެސް އަޑު ފެތުރިފައިވެއެވެ.
މުބާރާތުގެ މުހިންމު މެޗުތަކަށް މިހާ ބައިވަރު ޓިކެޓި ނުވިކި ހުރި ނަމަވެސް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ މީހުން މެޗުތައް ބަލަން ދާން ބޭނުން ނުވާކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ. އަދި ޓިކެޓުތަކުގެ އަގުހެޔޮ ކޮށްފައިވަނީ ގަންނާނެ މީހަކު ނުވެގެން ނޫން ކަމަށާއި، ވީހާވެސް ގިނަ ބަޔަކަށް މެޗު ބަލަން ދަނޑަށް ވަނުމުގެ ފުރުސަތު ދިނުމަށް ކަމަށްވެސް އިންފަންޓީނޯ ބުނެފައި ވެއެވެ.
އަންނަ އާދީއްތަ ދުވަހު މުބާރާތް ފަށާއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ. މުބާރާތުގެ ފުތަރަމަ މެޗުގައި މިޞްރުގެ އަލް އަހްލީ އާއި އެމެރިކާގެ އިންޓަރ މަޔާމީ ބައްދަލުކުރާނީ ރާއްޖެ ގަޑިން ފަތިހު 5:00 ގައެވެ.