ENGLISH

07 ޖޫން 2026

Advertisement

މަޢުލޫމާތު ހާމަކުރުމުގައި ތާރީޚީ ދުވަހެއް: އަމިއްލަ އިސްނެގުމަށް ހާމަކުރަންޖެހޭ މައުލޫމާތުތައް ހުރިހާ މިނިސްޓްރީއަކުން ހާމަކޮށްފި

07 ޖޫން 2026

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަމިއްލަ އިސްނެގުމަށް ސަރުކާރުގެ އިދާރާތަކުން ހާމަކުރަންޖެހޭ މައުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނޭހެން ސަރުކާރުގެ ހުރިހާ ވުޒާރާއަކުން ހާމަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު، ތާރީޚުން ޖާގަ ހޯދައިފި އެވެ.

2014 ވަނަ އަހަރު އަމަލުކުރަން ފެށި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 37 ވަނަ މާއްދާގައި މަދުވެގެން އަހަރަކު އެއްފަހަރު ދައުލަތުގެ އިދާރާތަކުން ހާމަކުރަންޖެހޭ މައުލޫމާތުތަކެއް ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ދައުލަތުގެ އިދާރާގެ ދައުރާއި މަސްއޫލިއްޔަތުތަކާއި އޮނިގަނޑާއި ވާޖިބުތަކުގެ ތަފުސީލާއި، ރައްޔިތުންނަށް ސީދާ ގިތުގައި ދީފައިވާ ނުވަތަ ދެމުންދާ ހިދުމަތްތަކާއި، ދައުލަތުގެ އެ އިދާރާއިން ހިންގާކަމަކާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅޭނެ އުސޫލުގެ ތަފުސީލާއި އެހައިތަނަށް ލިބިފައިވާ ޝަކުވާތަކުގެ ތަފުސީލު ފަދަ ގިނަ މުހިއްމު މައުލޫމާތުތަކެއް ހިމެނެ އެވެ. 

މި ގާނޫނަށް އަމަލުކުރާތާ 12 ވަރަކަށް އަހަރުވެފައިވާއިރު، ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގައި އާއްމުކުރަންޖެހޭ މައުލޫމާތުތައް އެގޮތުގައި އާއްމުކުރަމުންނުދާކަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ފާހަގަކުރެއެވެ. އަދި އެ ޒިންމާ އަދާނުކުރެވޭކަން އެކި ސަރުކާރުތަކުގެ ސަމާލުކަމަށް ގެނެވުނަސް، އެކަށީގެންވާ ގޮތެއްގައި އެ މައުލޫމާތު ހާމަކުރުމުގެ މަސައްކަތް އޮތީ ނުކުރެވިއެވެ.

ނަމަވެސް ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން އިދާރާތަކުން އަމިއްލަ އިސްނެގުމަށް ހާމަކުރަންޖެހޭ މައުލޫމާތުތައް ހާމަކުރަމުން ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަންގަވާފަ އެވެ. އެ އެންގެވުމާއި އެއްގޮތަށް މިއަދުގެ ނިޔަލަށް ރައީސުލްޖުމްްހޫރިއްޔާގެ އޮފީސް ހިމެނޭހެން ދައުލަތުގެ 16 އިދާރާއަކުން ވަނީ އެ މައުލޫމާތުތައް ފުރަތަމަ ފަހަރަށް ޢާންމުކޮށްފަ އެވެ.

އެކަން އިންފޮމޭޝަން ކޮމިޝަނަރު އާޙިލް ރަޝީދުވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ. އެގޮތުން ރައީސުލްޖުމްްހޫރިއްޔާގެ އޮފީސް ހިމެނޭހެން ދައުލަތުގެ 16 އިދާރާއަކުން ވަނީ އެ މައުލޫމާތުތައް ފުރަތަމަ ފަހަރަށް ޢާންމުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވަނީ އެ މައުލޫމާތު ހާމަކުރުމުގައި މިނިސްޓްރީތަކުން ކުރި މަސައްކަތް ފާހަގަ ކުރައްވާފަ އެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު އިކޮނޮމިކް މިނިސްޓްރީ އާއި ކްލައިމެޓް އެންޑް އެނާޖީ މިނިސްޓްރީ އާއި ހެލްތް އެންްޑް ވެލްފެއާ މިނިސްޓްރީން ވަނީ މައުލޫމާތު ހާމަކޮށްފަ އެވެ. ކޮންސްޓަރްކްޝަން މިނިސްޓްރީން ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު މައުލޫމާތުތައް އާންމުކޮށްފަ އެވެ.

އަދި ހޯމް މިނިސްޓްރީއާ ފިނޭންސް މިނިސްޓްރީން ވަނީ މި މަހުގެ ފުރަތަމަ ދުވަހު އެ މައުލޫމާތުތައް އާންމުކޮށްފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އިސްލާމިކް މިނިސްޓްރީއާ އެޓާނީ ޖެނެރަލްގެ އޮފީހާއި ފިޝަރީޒް މިނިސްޓްރީން ވަނީ މި މަހުގެ ދެވަނަ ދުވަހު މައުލޫމާތު އާންމުކޮށްފަ އެވެ.

ފޮރިން މިނިސްޓްރީން މި މަހުގެ ތިންވަނަ ދުވަހު މައުލޫމާތުތައް އާންމުކޮށްފައިވާއިރު ކަލްޗަރ މިނިސްޓްރީ އާއި ޓްއަރިޒަމް މިނިސްޓްރީ އާއި ޑިފެންސް އަދި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން ވަނީ މި މަހުގެ ހަތަރުވަނަ ދުވަހު މައުލޫމާތު އާންމުކޮށްފަ އެވެ.

ފަހު މިނިސްޓްރީއަކަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަނުން ވަނީ މިއަދު އެ މައުލޫމާތުތައް އާންމުކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފާހަގަކުރެވިފައި ވަނީ މަޢުލޫމާތު ހާމަކުރުމުގައި ވަރަށް ފުޅާދާއިރާއެއްގައި މަސައްކަތްކުރާ ސަރުކާރެއްގެ ގޮތުގަ އެވެ. އެގޮތުން ރައީސް އޮފީހަށް ހުށައަޅާ ހުރިހާ އާރުޓީއައިތަކަށް ޖަވާބު ދެމުންނެވެ. އަދި ރައީސް ބައިވެރިވެވަޑައިގަންނަވާ ނޫސްވެރީންގެ ބައްދަލްވުމެއް ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ބާއްވަވަމުންނެވެ. މީގެ އިތުރުން ރައީސް އޮފީހުގެ ތަރުޖަމާން ވެސް ގެންދަވަނީ ހަފްތާއަކު އެއް ފަހަރު ނޫސްވެރީންނާއި ބައްދަލު ކުރައްވަމުންނެވެ. ރައީސް ބައިވެރިވެވަޑައިގަންނަވާ، މައުލޫމާތު ފޯރުކޮށްދިނުމުގެ އެކި ޕްރަގްރާމްތައް ވެސް ކުރިއަށް ގެންދަވަ އެވެ.

ކިޔުންތެރިންގެ ހިޔާލު