ENGLISH
07 ޖޫން 2026
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފ. ނިލަންދޫގައި ފާހަގަކޮށްފި
07 ޖޫން 2026
|
އެންމެ މަޤްބޫލު
ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފ. ނިލަންދޫ ގައި ފާހަގަކޮށްފި އެވެ.
ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ ހަތް ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހެވެ. މިއަހަރުގެ މިދުވަހުގެ ޝިޢާރަކީ "From burden to solution – safe food everywhere" އެވެ.
މިއަހަރުގެ ޝިޔާރާއި ގުޅިގެން މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، ރައްކާތެރިނޫން ކާބޯތަކެތީގެ ސަބަބުން އިންސާނުންގެ ދުޅަހެޔޮކަން ގެއްލި، އެކި ބަލިތަކަށް މަގުފަހިވާކަމާއި، ކާބޯތަކެތީގެ ސަބަބުން ޖެހޭ ބަލިތައް މަދު ކުރުމަށް ރައްކާތެރިކާބޯތަކެތީގެ މާހައުލެއް ގާއިމުކުރުމުގެ މުހިއްމުކަމާއި އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ސައިންޓިފިކް ހޯދުންތަކުގެ ބޭނުންހިފައި، ހަރުދަނާ ނިންމުންތަކެއް ނިންމުމުގެ މުހިއްމު ކަމުގެ މައްޗަށެވެ.
މި ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ މުހިންމުކަންއާންމުންނަށް ވިސްނުވައި ދިނުމާއި، ކާބޯތަކެތީގެ ޒަރީޢާއިން ޖެހޭ ބަލިތަކާ މެދުހޭލުންތެރިކުރުމާއި، ރައްކާތެރި ކާބޯތަކެތި އެންމެންނަށް ލިބިދިނުމަށް މަގުފަހިކުރުމެވެ.
ދުވަހާއި ގުޅިގެން ނިލަންދޫގައި އެކި ހަރަކާތްތައް ވަނީ ބާއްވާފައެވެ. މިގޮތުން ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުމަށް ނިލަންދޫގައި ދޮރުން ދޮރަށްހަރަކާތެއް ވެސް ވަނީ ބާއްވާފައެވެ. މި ހަރަކާތުގައި ގޭގައި ރައްކާތެރި ކާމާއިއެކު ކާބޯތަކެތި ތައްޔާރުކޮށް ބޭނުންކުރާނެ އުސޫލުތަކާއި އާދަތައް އާންމުންނަށް ކިޔައިދިނުން ކުރިއަށް ގެންދިޔައެވެ.
އަދި ސުކޫލު ކުދިންނަށް ޙާއްސަކޮށްގެން އެސެމްބުލީއެއް ވަނީ ބާއްވާފައެވެ. މި އެސެމްބްލީގައި ކާބޯތަކެތީގެ ރައްކާތެރި ކަމަށް ކުރަންޖެހޭ އެންމެންހާ މުހިއްމު ކަންތައްތަކަށް އަހުލުވެރިކުރުން ކުރިޔަށް ގެންގޮސްފައިވެ އެވެ.
މީގެ އިތުރުން ދުވާހައި ގުޅިގެން ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފަ އެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުއެވެ. އަރިހުގައި ނިލަންދޫ ދާއިރާގެ އިޒަތްތެރި މެންބަރު ފާތިމަތު ސައުދާ އާއި ކައުސިލްގެ ރައީސްގެ އިތުރުން މިނިސްޓްރީ އާއި ރަށުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި އެމްއެފްޑީއޭގެ ލޯގޯ އިފްތިތާހުކުރުމާއި، ކާބޯތަކެތީގެ ޚިދުމަތްދޭތަންތަން ހިންގާ ފަރާތްތައް އަހުލުވެރިކުރުމަށް ތައްޔާރުކުރެވިފައިވާ "ސަމާވަރު" ޕްރޮގްރާމް އިފްތިތާހު ކުރުން ހިމެނެ އެވެ.
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ހިސާބުތައް ދައްކާގޮތުން، ކާބޯތަކެތީގެ ޒަރީޢާއިން ޖެހޭބަލިތަކުގެ ސަބަބުން އަހަރަކު 600 މިލިއަން މީހުން ބަލިވެ، 420,000 މީހުން ފުރާނަދޫކުރާއިރު، މިބަލިތަކުން އަސަރުކުރުވާ މީހުންގެ 40 ޕަސެންޓަކީ ފަސް އަހަރުން ދަށުގެކުދިންކަމަށް ހިސާބުތައް ދައްކަ އެވެ.
އެމްއެފްޑީއޭއިން ބުނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ހަމައެކަނި އެއްމުއައްސަސާއަކުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ އުފައްދާ ފަރާތުން ފެށިގެންބޭނުންކުރާ ފަރާތްތަކާއި ހަމައަށް ހުރިހާ ފަރާތެއްގެ ޒިންމާއެއް ކަމަށެވެ.
އެގޮތުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރެވޭނީ އެތަކެތި އުފެއްދުމުން ފެށިގެން ބޭނުންކުރުމާ ހަމައަށް ހިމެނޭ ހުރިހާ މަރުހަލާއެއްގައި ސާފުތާހިރުކަމުގެ މިންގަނޑުތަކަށް އަމަލުކޮށްގެން ކަމަށެވެ.
މީގެ ތެރޭގައި ދަނޑުވެރިކަމާ، ކާބޯތަކެތި ތައްޔާރުކުރުމާ ގުދަންކުރުމުގެ އިތުރުން ވިޔަފާރިކުރާ ފަރާތްތަކުންވެސް ޒިންމާދާރުކަމާއެކު މަސައްކަތްކުރުން ހިމެނޭއިރު،ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް މަދުކުރުމަށްޓަކައި ބަލިތައް ފެތުރޭ ގޮތުގެ މައުލޫމާތު ހޯދާ، އެކަންކަމަށް އަމަލީ ގޮތުން ހައްލު ހޯދުމަކީ ވެސް އެންމެންގެ ޒިންމާއެއް ކަމަށް އެމްއެފްޑީއޭއިން ބުނެ އެވެ.