ENGLISH

07 ޖޫން 2026

Advertisement

އަމާޒަކީ ޒަމާނީ ޑިޖިޓަލް ނިޒާމުގެ އެހީގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުން: ވަޒީރު ޤީލާ

07 ޖޫން 2026

|

އައިމިނަތު ޝަފާ

ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ

މުސްތަގުބަލުގައި ސަރުކާރުގެ އަމާޒަކީ ޑިޖިޓަލް ނިޒާމުގެ އެހީގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުންކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ. 

އެކަމަނާ މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކާބޯތަކެތީގެ ރައްކަތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފްލާގައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. 

އެކަމަނާގެ ވާހަފުޅުގައި ރާއްޖެއަކީ އިންޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވެފައި ކާބޯތަކެތި އިމްޕޯޓްކޮށް ރައްކާތެރިކަމާއެކު އެ ތަކެތި ރާއްޖޭގެ އެކި ސަރައްހަދުތަކަށް ފޯރުކޮށްދިނުމަކީ ވަރަށް ބޮޑު ގޮންޖެހުމެއްކަމަށް ވިދާޅުވިއެވެ. 

އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެ ޒަމާނީ ވަސީލަތްތަކުގެ ބޭނުން ކުރުމަކީ ސަރުކާރުގެ އަމާޒުކަމަށް ވިދާޅުވިއެވެ.

އެގޮތުން ގާނޫނީ އޮނގަނޑު ހަރުދަނާކޮށް، ލެބޯޓަރީގެ ގާބިލުކަން އިތުރުކޮ،ށް ކާބޯތަކެތީގެ ނުރައްކާތައް މޮނިޓާ ކުރާނެ ނިޒާމުތައް ގާއިމުކުރުމަށް އިސްކަންދެމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަން ކުރާ މަސައްކަތުގައި ސިއްހީ ދާއިރާއާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ ގުޅިގެން މަސައްކަތް ކުރާ މިންވަރު މުސްތަގުބަލުގައި އިތުރުވެގެންދާނެކަމަށާއި މިކަމަށް އާއްމުން ހޭލުންތެރިކުރަން ވުޒާރާއިން އިސްކަންދޭކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އަމާޒަކީ ޒަމާނީ ޑިޖިޓަލް ނިޒާމުގެ އެހީގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުންކަމަށެވެ. 

"އެގޮތުން ކަމެއް ދިމާވާ ހިނދު އަވަސް ފިޔަވަޅުތަކެއް އެޅުމާއި، ލެބޯޓަރީ ވިއުގަ ފުޅާކުރުމާއި، ދައުލަތާއި އަމިއްލަ ފަރާތްތަކުގެ ގުޅުން ބަދަހިކުރުމަކީ އަޅުގަނޑުމެން ކުރަމުންދާ މަސައްކަތް. މީގެ ސަބަބުން ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް މަދުވެ، ވިޔަފާރީގެ އާއްމު ފުރުސަތުތަކަށް މަގު ފަހިވާނެ،". ވަޒީރު ވިދާޅުވިއެވެ. 

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަމައެކަނި ސިއްހީ ކަމެއް ނޫންކަމަށާއި އެއީ ގައުމީ ޒިންމާއެއްކަން ފާހަގަކުރައްވަމުން ވަޒީރުގެ ވާހަކަފުޅު ނިންމާލެއްވީ ރާއްޖޭގެ ކޮންމެ ސުފުރާއެއްގައި ހުންނަ ކެއުމަކީ ރައްކާތެރި އެއްޗެއްކަން ކަށަވަރު ކުރުމަށް އެންމެން ގުޅިގެން އައު އަޒުމަކާއެކު ކުރިއަށް ދިއުމަށް އިލްތިމާސްކުރައްވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު