ENGLISH

01 ޖުލައި 2025

Advertisement

ޑި ބްރޭނާ، މެންޗެސްޓަރ ސިޓީ ދޫކޮށްލުމަށްފަހު ނަޕޯލީއާ ގުޅިއްޖެ

12 ޖޫން 2025

|

މުޙައްމަދު އަދުހަމް

ޑި ބްރޭނާ (ކ) ނަޕޯލީގެ ރައީސް، ޑި ލޮރެންޓީސް އާއެކު. ފޮޓޯ: ޓުވިޓާ

ބެލްޖިއަމްގެ މިޑްފީލްޑަރު، ކެވިން ޑި ބްރޭނާ، މެންޗެސްޓަރ ސިޓީ ދޫކޮށްލުމަށްފަހު ނަޕޯލީއާ ގުޅިއްޖެއެވެ.

އުމުރުން 33 އަހަރުގެ ޑި ބްރޭނާ، ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން ނަޕޯލީއާ ގުޅުނީ ފްރީ އެޖެންޓެއްގެ ގޮތުގައެވެ.

"ކެވިން ފަޚުރުވެރިކަމާއެކު އަހަރެމެންގެ މީހަކަށް ވެއްޖެ،" ނަޕޯލީން އެކްސްގައި ކުރި ޕޯސްޓުގައިވެއެވެ.

ދެހާސް ފަނަރަވަނަ އަހަރު ޖަރުމަނުގެ ވުލްފްސްބާގުން ސިޓީ އަށް ބަދަލުވެ، ޑި ބްރޭނާ ވަނީ އެ ކްލަބާއެކު ހޭދަކުރީ 10 އަހަރު ދުވަހުގެ ތެރޭގައި 19 ޓްރޮފީ ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައި، ހަ ފަހަރު އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދައި، އެއް ފަހަރު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއެވެ.

ޕްރިމިއަރ ލީގުގެ ތާރީޚު ދުށް އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ޑިބްރޭނާ ވަނީ، ދެ ފަހަރެއްގެ މަތީން އިނގިރޭސި ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހާސިލްކޮށްފައެވެ.

މިދިޔަ ސެޕްޓެންބަރު މަހުގައި ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގައި ހުންނަންޖެހުނު ނަމަވެސް ޑި ބްރޭނާ ވަނީ ސިޓީން ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރިއިރު މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ޑި ބްރޭނާ އަކީ ޕްރިމިއަރ ލީގުގެ ތާރީޚުގައި އެންމެ ގިނަ އެސިސްޓް ހެދި ކުޅުންތެރިންގެ ލިސްޓުގެ ދެވަނައިގައި އުޅޭ ކުޅުންތެރިޔާ އެވެ. މި ލިސްޓުގެ އެންމެ ކުރީގައި އުޅޭ ރަޔާން ގިގްސް ވަނީ 162 އެސިސްޓް ހަދާފައެވެ. ޑި ބްރޭނާ އަށް ދެވަނަ ލިބެނީ 119 އެސިސްޓް އާއެކު އެވެ.

ފަހަކަށްއައިސް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ޑި ބްރޭނާ ވަނީ، ނިމިދިޔަ ސީޒަނުގެ ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް ސިޓީ އަށް ކުޅުނު 40 މެޗުގައި ހަ ލަނޑުޖަހައި، އިތުރު 8 ގޯލްޖެހުމަށް އެހީތެރިވެދީފައެވެ.

ޑި ބްރޭނާ ވަނީ ސިޓީގައި ހޭދަކުރީ މުއްދަތުގައި މުޅިއެކު 422 މެޗު ކުޅެ، 108 ލަނޑުޖަހައި، އިތުރު 177 ގޯލްޖެހުމަށް އެހީތެރިވެދީފައެވެ.

ކިޔުންތެރިންގެ ހިޔާލު