ENGLISH
01 ޖުލައި 2025
ފުރަތަމަ މެޗުގައި ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމަށް ރެކޯޑް މޮޅެއް
12 ޖޫން 2025
|
ރާއްޖޭން ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: އެމްއެމް
ސޯޅަ އަހަރުން ދަށުގެ ފީބާ އޭޝިއާ ކަޕް ސާބާ ވިމެންސް ކޮލިފައިންގައި ދިވެހިރާއްޖޭން ބަންގްލަދޭޝްގެ މައްޗަށް ރެކޯޑް މޮޅެއް ހޯދައިފިއެވެ.
ރާއްޖޭން މި މެޗު ކާމިޔާބުކުރީ 104-17 އިންނެވެ.
މިއަދު ހަވީރު ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މެޗު ފެށިތާ ކުރީކޮޅު ރާއްޖޭން ވަނީ ބަންގްލަދޭޝް އަށް އެއްވެސް ފުރުޞަތެއް ނުދީ ޖެހިޖެހިގެން ގިނަ ޕޮއިންޓްތަކެއް ސްކޯކޮށް، ބޮޑު ލީޑެއް ނަގައިފައެވެ.
އެގޮތުން، މެޗުގެ ފުރަތަމަ ދެ ކުއާޓާ އަށް ފަހު ރާއްޖޭން ލީޑު ކުރީ 53-6 ގެ ތަފާތަކުންނެވެ.
މި މެޗުގައި ރާއްޖޭން އެންމެ މޮޅު ކުޅުމެއް ދެއްކީ މަރިޔަމް ކައިލީން ޝިރްހާން އެވެ. އޭނާ ވަނީ 26 ޕޮއިންޓް އެއްކޮށްފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ޒަހާރާ ލައިލީ ޝިޔާމް އާއި ނީރާ އިބްރާހިމް ނާފިއު ކުރެން ކޮންމެ ކުޅުންތެރިއަކު 18 ޕޮއިންޓް އެއްކުރިއެވެ. ރާއްޖޭން އެންމެ ގިނަ ރީބައުންޑް ނެގީ ލައިރާ އަހުމަދު ފިރާޝް އެވެ. ލައިރާ ވަނީ 13 ރީބައުންޑް ނަގައިފައެވެ.
ކޮލިފައިންގެ ވިމެންސް ބައިގައި މިއަދު ކުޅުނު އަނެއް މެޗުގައި ސްރީ ލަންކާ އަތުން އިންޑިއާ މޮޅުވީ 104-38 އިންނެވެ.