ENGLISH
01 ޖުލައި 2025
ފުރަތަމަ ފަހަރަށް 16 އަހަރުން ދަށުގެ އަންހެން ކޮލިފައިންގ ރާއްޖޭގައި ބޭއްވުމަކީ ބޮޑު ކާމިޔާބީއެއް: ވަޒީރު ރާފިޢު
11 ޖޫން 2025
|
ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ބާސްކެޓްބޯޅަ ޓީމުތަކަށް ޖާޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ސޯޅަ އަހަރުން ދަށުގެ އަންހެން ކުޅުންތެރިންގެ ބައިގެ ފީބާ އޭޝިއާ ކަޕް ސާބާގެ ދެކުނު އޭޝިއާ ސަރަޙައްދުގެ ކޮލިފައިންގ މެޗުތައް ރާއްޖޭގައި ބޭއްވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ދެ ޓީމަށް ޖާޒީ ހަވާލުކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މާދަމާ މާލޭގައި ފަށާ ފީބާ އޭޝިއާ ކަޕްގެ ދެކުނު އޭޝިއާ ސަރަހައްދުގެ ކޮލިފައިންގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ 16 އަހަރުން ދަށުގެ އަންހެން ޓީމް ވާދަކުރާނެއެވެ. މީގެ ކުރިން ފީބާ އޭޝިއާ ކަޕްގެ ކޮލިފައިންގައި ޖޫނިއާ އަންހެން ޓީމް ވާދަކުރަމުން އައީ އިރުމަތީ އޭޝިއާގެ ގައުމުތަކާ ދެކޮޅަށެވެ.
ރާއްޖޭގައި އޮންނަ ފީބާ އޭޝިއާ ކަޕްގެ ދެކުނު އޭޝިއާ ސަރަހައްދުގެ ކޮލިފައިން ހާއްސަވާ އަނެއްކަމަކީ މިފަހަރު 16 އަހަރުން ދަށުގެ ފިރިހެން ކުޅުންތެރިންގެ ކޮލިފައިންވެސް ހިމެނިފައިވުމެވެ. މީއީ ރާއްޖޭގައި 16 އަހަރުން ދަށުގެ އުމުރުފުރައިގެ ކޮލިފައިންގ ބުރެއްގެ ކުޅުން ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.
ކޮލިފައިންގައި ވާދަކުރާ އަންހެން ބާސްކެޓްބޯޅަ ޓީމަށް ޖާޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ދިވެހިރާއްޖޭގެ ޒުވާން ބާސްކެޓްބޯޅަ ޓީމްތަކުން ފަހަކަށް އައިސް ގިނަ ކުރިއެރުންތަކެއް އަންނަނީ ހޯދަމުންނެވެ. މިގޮތުން މިދިޔަ އަހަރު އޮތް 18 އަހަރުން ދަށުގެ ސާބާ މުބާރާތުގައި ވާދަކޮށް ރާއްޖޭގެ ޓީމު ވަނީ ލޯ މެޑަލް ހާސިލްކޮށްފައެވެ.
ކޮލިފައިންގައި ރާއްޖޭގެ 16 އަހަރުން ދަށުގެ އަންހެން ބާސްކެޓްބޯޅަ ޓީމުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ނިކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެ އުމުރުފުރައިގެ ރާއްޖޭގެ ފިރިހެން ޓީމު ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ރޭ ބައްދަލުކުރާނީ ސްރީ ލަންކާއާ އެވެ.
ގްރޫޕް ސްޓޭޖުގައި ރާއްޖޭ ހިމެނޭ ދެކުނު އޭޝިއާ ސަރަޙައްދުގައި ދެން އޮތީ ސްރީ ލަންކާ އާއި އިންޑިއާގެ އިތުރުން ބަންގްލަދޭޝް އެވެ.