ENGLISH
01 ޖުލައި 2025
ސަޢޫދީ ބަލިކޮށް، އޮސްޓްރޭލިއާ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ
11 ޖޫން 2025
|
މެޗަށްފަހު އޮސްޓްރޭލިއާގެ ކުޅުންތެރިންނާއެކު ކޯޗު، ޕޮޕޮވިޗް އުފާ ފާޅުކުރަނީ. ފޮޓޯ: ރޮއިޓާސް
ސަޢޫދީ ޢަރަބިއްޔާގައި، އެ ޓީމު 2-1 އިން ބަލިކޮށް، އޮސްޓްރޭލިއާ އިން ފީފާ ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކުރިއިރު، އޮމާންއާ 1-1 އިން އެއްވަރުވެ ފަލަސްޠީނުގެ އުއްމީދުތައް ނިމުމަކަށް އައިސްފިއެވެ.
ސަޢޫދީން އޮސްޓްރޭލިއާއާ ދެކޮޅަށް ނުކުތްއިރު ވެސް ވޯލްޑް ކަޕަށް ދެވެން އޮތީ ފަސް ލަނޑުގެ ތަފާތަކުން މޮޅުވެގެންނެވެ. އެއަށްވުރެ ކުޑަ ތަފާތަކުން ބަލިވިޔަސް އޮސްޓްރޭލިއާ އަށް ކޮލިފައިވެވޭނެ އެވެ. މި މެޗުގައި އޮސްޓްރޭލިއާގެ ލަނޑުތައް ޖަހައިދިނީ ކޮނާ މެޓްކާފް އާއި މިޗް ޑޫކް އެވެ. ސަޢޫދީ ޢަރަބިއްޔާގެ ހަމައެކަނި ލަނޑުޖެހީ އަބްދުއްރަހުމާން އަލް-އޮބޫދް އެވެ.
މި ނަތީޖާއާއެކު، އޮސްޓްރޭލިއާ ވަނީ ގްރޫޕް ސީ ގެ ދެވަނަ މަގާމަށް ޖެހިލައިފައެވެ. މި ގްރޫޕުގެ އެއްވަނަ މަގާމު ހޯދައި، ޖަޕާނުން ވަނީ މިދިޔަ މާރިޗް މަހުގައި ވޯލްޑް ކަޕުގެ ޖާގަ ކަށަވަރުކޮށްފައެވެ.
ސަޢޫދީންނަށް ގްރޫޕް ސީގެ ތިންވަނަ މަގާމު ލިބުމާއެކު ޖެހެނީ ކޮލިފިކޭޝަނުގެ ތިންވަނަ ބުރުގައި ވާދަކުރާށެވެ. އަންނަ އޮކްޓޫބަރު މަހުގައި އެ ޓީމާއެކު މި ބުރުގައި ދެން ވާދަކުރަނީ، އިންޑޮނޭޝިއާ، ޤަތަރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި އިރާޤު އަދި އޮމާނެވެ.
ކޮލިފައިންގައި އިއްޔެ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ޖަޕާނުން ވަނީ އިންޑޮނޭޝިއާ 6-0 އިން ބަލިކޮށްފައެވެ. ބަހުރެއިން އަތުން ޗައިނާ މޮޅުވީ 1-0 އިންނެވެ.
އުތުރު ކޮރެއާ އަތުން 3-0 އިން އީރާން މޮޅުވިއިރު، އުޒްބެކިސްތާނުން ވަނީ އަމިއްލަ ދަނޑުގައި 3-0 އިން ޤަތަރު ބަލިކޮށްފައެވެ. ޔޫއޭއީއާ ކިރްގިސްތާން ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ކުވެއިތު އަތުން ދެކުނު ކޮރެއާ މޮޅުވީ 4-0 އިންނެވެ. އިރާޤު އަތުން އުރުދުން ބަލިވީ 1-0 އިންނެވެ.