ENGLISH

01 ޖުލައި 2025

Advertisement

ބްރެޒިލާއި އެކުއޭޑޯ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

11 ޖޫން 2025

|

މުޙައްމަދު އަދުހަމް

މެޗަށްފަހު ބްރެޒިލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. ފޮޓޯ: ރޮއިޓާސް

ދެކުނު އެމެރިކާ ބައްރުގައި އެންމެ ފަހުން ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގ މެޗުތަކަށްފަހު، ބްރެޒިލާއި އެކުއޭޑޯ އިން 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުން ޖާގަ ހޯދައިފިއެވެ.

މި ދެ ޓީމަކީ، ވޯލްޑް ކަޕްގައި ކުޅުމަށް ދެކުނު އެމެރިކާ ބައްރަށް ލިބޭ އޮޓޮމެޓިކް ހަ ޖާގައިގެ ތެރެއިން ދެވަނަ އަދި ތިންވަނަ މަގާމު އޮތް ޓީމުތަކެވެ. މީގެކުރީން، ދެކުނު އެމެރިކާ ބައްރުން ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކޮށްފައިވަނީ އެއްވަނައިގައި އުޅޭ އާޖެންޓީނާ އެވެ.

މި ނަތީޖާއާއެކު، ބްރެޒިލާއި އެކުއޭޑޯ އަށް ބާކީ ދެ މެޗު އޮއްވާ، ވަނީ 25 ޕޮއިންޓް ހަމަކޮށްފައެވެ. މިއާއެކު، މިވަގުތު ހަތްވަނައިގައި 18 ޕޮއިންޓާއެކު އޮތް ވެނެޒުއެލާ އަށް އެ ދެ ޓީމާ އަރާ ހަމަކުރެވޭނެ ގޮތެއް ނެތެވެ.

ކޮލިފައިންގައި ދެން ހުރި މަގާމުތައް ކަމަށްވާ، ހަތަރު ވަނަ މަގާމުގައި އުރުގުއޭ އާއި ފަސްވަނައިގައި ޕެރަގުއޭ އޮތީ 24 ޕޮއިންޓާއެކު އެވެ. ހަވަނައިގައި ކޮލަމްބިއާ އުޅެނީ 22 ޕޮއިންޓާއެކު އެވެ. މީގެތެރެއިން، އުރުގުއޭ އާއި ޕެރަގުއޭ އަށް ވަނީ، އެންމެ ދަށްވެގެން ޕްލޭއޮފް ޖާގަ ވެސް ކަށަވަރުކޮށްފައެވެ.

އުރުގުއޭއާ ވެނެޒުއެލާ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: އޭޕީ

ސައޮ ޕައުލޯގައި ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުން ބްރެޒިލް މޮޅުވި ލަނޑު ޖަހައިދިނީ ރެއާލް މެޑްރިޑްގެ ވިންގް، ވިނީޝިއުސް ޖޫނިއާ އެވެ. މިއީ އައު ކޯޗު، ކާލޯ އަންޗެލޮޓީގެ އިރުޝާދުގެ ދަށުން ބްރެޒިލްގެ އަމިއްލަ ދަނޑުގައި އެ ޓީމު ކުޅުނު ފުރަތަމަ ފަހަރެވެ.

މިހާތަނަށް ބޭއްވި ހުރިހާ ވޯލްޑް ކަޕެއްގައި ކުޅުނު ހަމައެކަނި ޓީމުގެ ރެކޯޑް އޮތް ބްރެޒިލަކީ އެ މުބާރާތުގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދައިގެން އެންމެ ކާމިޔާބު ޓީމު ވެސްމެއެވެ. އަންނަ އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕަކީ ބްރެޒިލް ކުޅޭ 23 ވަނަ މުބާރާތެވެ.                      

ރަށުން ބޭރުގައި ޕެރޫއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ބައިގައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ، އެކުއޭޑޯ އިން ވަނީ، އެ ޓީމާ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ.

މިއާއެކު، ޕެރޫ އަށް ކޮލިފައިވުމުގެ އުއްމީދުތައް ވަނީ ގާތްގަނޑަކަށް ނިމުމަކަށް އައިސްފައެވެ. ބާކީ ދެ މެޗު އޮތްއިރު އެ ޓީމަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. މިއީ ހަތްވަނައިގައި އުޅޭ ވެނެޒުއެލާ އަށް ވުރެ ހަ ޕޮއިންޓް މަދު އަދަދެކެވެ.

ބޮލީވިއާ އަތުން ބަލިވި މެޗަށް ފަހު ޗިލީގެ ކުޅުންތެރިން ދަނޑުން ފައިބައިގެންދަނީ. ފޮޓޯ: އޭޕީ

ކޮލިފައިންގައި އާޖެންޓީނާއާ ކޮލަމްބިއާ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި މެޗުގައި އެންޒޯ ފެނާންޑޭޒް އަށް ރަތް ކާޑު ދެއްކުމުން އާޖެންޓީނާ އިން ފަހު ވިއްސަކަށް މިނެޓު އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނުއިރު، އެ ޓީމަށް ލަނޑު ޖަހައިދިނީ ތިއާގޯ އަލްމާޑާ އެވެ. ކޮލަމްބިއާ އަށް އެއްވަރުކޮށްދިނީ ލިވަޕޫލްގެ ވިންގް، ލުއިސް ޑިއާޒް އެވެ.

ދެން ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އަމިއްލަ ދަނޑުގައި ވެނެޒުއެލާ އަތުން އުރުގުއޭ މޮޅުވީ 2-0 އިންނެވެ. އުރުގުއޭއަށް ބާކީ އޮތް ދެ މެޗުން އެންމެ ޕޮއިންޓެއް ހޯދި ނަމަވެސް ވޯލްޑް ކަޕަށް ކޮލިފައިވާނެ އެވެ. މި ދެ މެޗަކީ ޕެރޫ އަދި ޗިލީއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ.

ބޮލީވިއާ އަތުން 2-0 އިން ޗިލީ ބަލިވުމާއެކު، ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުއްމީދުތައް ވަނީ ނިމުމަކަށް އައިސްފައެވެ. މި މެޗަށް ފަހު ޗިލީގެ ކޯޗުގެ މަގާމުން ރިކާޑޯ ގަރެކާ ވަނީ އިސްތިއުފާ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު